ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން ރިސޯޓްތަކުގެ ބަދަލުގައި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާތީ އުފެއްދުންތެރިކަން މިއަހަރު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ކުރި އަންދާޒާ ދަށްކޮށްފި އެވެ.
ވޯލްޑް ބޭންކްގެ "ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް އެޕްރީލް 2024" ރިޕޯޓްގައި ބުނެފައި ވަނީ މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކުރަނީ 4.7 ޕަސަންޓުގައި ކަމަށެވެ. ނަމަވެސް، މިއީ ކުރީގެ އަންދާޒާތަކަށް ވުރެ 0.5 ޕަސަންޓު ދަށް އަދަދެއް ކަމަށް އޭގައިވެ އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން މަތި ނުވަނީ މަތީ ފަންތީގެ ރިސޯޓްތަކުގެ ބަދަލުގައި ފަތުރުވެރިން އަގުހެޔޮ ގެސްޓްހައުސްތައް އިހްތިޔާރު ކުރަމުން އަންނާތީ ކަމަށް ވެސް ވޯލްޑް ބޭންކްގެ ރިޕޯޓުގައިވެ އެވެ.
ވޯލްޑް ބޭންކުން ލަފާކުރާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 5.2 ޕަސަންޓް ކުރި އަރާނެ ކަމަށް ލަފާ ކުރެވެ އެވެ. އެކަމަކު، އެއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފަށައިފި ނަމަ އެވެ. އަދި 2026 ވަނަ އަހަރު 4.1 ޕަސަންޓަށް އުފެއްދުންތެރިކަން ކުރި އަރާނެ ކަމަށް ލަފާ ކުރެވެ އެވެ.