ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން މިއަދު ހެނދުނު ރީނދޫ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާ ހަމައަށެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި މިއަދު ހެނދުނު 10:30 އާ ހަމައަށް އެ ސަރަހައްދަށް މޫސުން ވަރަށް ބޮޑަށް ގޯސްވެ، ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ އެވެ. ނަމަވެސް، ވިލާގަނޑުގައި ވައިގަދަވުން ފިޔަވައި، އާންމު ގޮތެއްގައި ވައި މަޑުވެ ކަނޑުތައް މަޑުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން، ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވެސް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ހުދު އެލާޓް ނެރެފަ އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެކެވެ. އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މިހާރު ކުރަމުންދާ ވިއްސާރައިގައި ރޭ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ގއ. ކޮލަމާފުއްޓަށެވެ. އެގޮތުން، ރޭ އެ ރަށަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން 45 ގެއަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ. މީގެއިތުރުން އެ ރަށު ސިއްހީ މަރުކަޒަށް ވެސް ފެންވަދެ، އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
މޫސުން ގޯސްވެ ވިއްސާރަވާނެ ކަމަށް ލަފާކުރެވޭތީ، އާންމު ރައްޔިތުން، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އީރާނުގެ ނިއުކްލިއާ މައުލޫމާތު ދޭނަމަ އެމެރިކާއިން ބޮޑު އިނާމެއް
ރަސްމާލޭގެ ހޮޓާތަކުގައި ރާ ވިއްކިދާނެ: އުޝާމް
ޖޫރިމަނާ ދެއްކުމުން، ނަޖީބު ރައްޒާގު ގޭބަންދަށް ބަދަލުކޮށްފި