ގޭގައި މަޑުން ނޯވެ ސިޔާސީ މައިދާނަށް ނުކުމެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރަން ޖެހުނީ ގައުމުގެ މިސްރާބު ހުރިގޮތާ މެދު ކެތް ނުކުރެވިގެން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.އެމްޑީޕީގެ ޓިކެޓްގައި ހިންނަވަރު ދާއިރާއަށް ވާދަކުރައްވާ ޖީހާން މަހްމޫދުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސޯލިހު ވިދާޅުވީ ރާއްޖެ ހަމަމަގުން ނެއްޓިގެންދިޔަ ކޮންމެ ފަހަރަކު ވެސް ރައްޔިތުންގެ ހައްގުގައި ނުކުތް ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދައުރު ނިންމާލައި އަރާމު ކުރަން ގޭގައި ހުންނަވަން ބޭނުން ނުވި ސަބަބަކީ އާ ސަރުކާރާއި އެކު ރާއްޖެ ރަނގަޅު މިސްރާބަކަށް ނުދާތީ ކަމަށެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ދިވެހި ރައްޔިތުން ހީވެސް ނުކުރާހާ އަނދިރި ދުވަސްތަކެއް ދެކެން ޖެހިދާނެ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑަށް ވަރަށް ފަސޭހައިން ގޭގައި ހުރެވުނީސް. އާއިލާއާ އެކު އަރާމުކޮށަލަން އޮވެވުނީސް. އެހެން ނަމަވެސް ރާއްޖޭގައި ވެރިކަން ފަސް އަހަރު ކުރި މީހެއްގެ ހައިސިއްޔަތުން މި ރާއްޖެ މި ދާ މިސްރާބު، ކަންކަން ވަމުން މިދާ ގޮތް، އިހުސާސް ކުރެވޭތީ މީގައި ކަންތައްތަކެއް ކުރަން ޖެހިއްޖެކަން އަޅުގަނޑަށް އިހުސާސް ކުރެވޭ. އެހެން އެއްވެސް ސަބަބެއް ނެތް މި ކެމްޕެއިނުގައި އަޅުގަނޑު މިހާ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ. އަޅުގަނޑުމެން ވިސްނުމެއް ނެތި މި އިންތިހާބުގައި ވޯޓުގެ ނަތީޖާ ފުރޮޅިގެން ދާގޮތަކަށް، އަޅުގަނޑުމެން ހީވެސް ނުކުރާހާ ދައްޗާ އުނދަގޫ ކުރިމަތިވެދާނެ،" ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ފެންނަމުން ދަނީ ސަރުކާރުން ބާރުތައް މުށުތެރެއަށް ލައި މުވައްޒަފުންނަށް ބިރުދައްކަމުންދާ މަންޒަރު ކަމަށެވެ. އަދި މިއީ ސަރުކަރު ޒިންމާދާރު ކުރުވަން އެމްޑީޕީން މަސައްކަތް ފަށަންވީ ވަގުތު ކަމަށް ވެސް ވިދާޅުވި އެވެ.