ދިވެހި ފިލްމީ ދާއިރާގެ އެންމެ ނުފޫޒު ގަދަ ޑައިރެކްޓަރު/ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ ފާތުމަތު ނަހުލާގެ އާ ފިލްމު "ސޮރީ" ގެ ޝޫޓިން ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ނަހުލާގެ ފިލްމެއް އޮލިމްޕަހުގައި ނާޅުވާތާ ގިނަދުވަސްތަކެއް ފަހުން އޭނާ ވަނީ ފިލްމު "ސޮރީ"ގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ސޯސަލް މީޑިއާގައި އިއުލާނުކޮށްފަ އެވެ. އެހެންނަމަވެސް މި ފިލްމުގެ ޝޫޓީން ފަށާނެ ދުވަހެއް ހާމަކޮށްފައެއް ނުވެ އެވެ. އަދި ފިލްމާ ބެހޭ އިތުރު މަޢުލޫމާތެއް ވެސް ނަހުލާ ހާމަކޮށްފައެއް ނުވެ އެވެ.

https://www.facebook.com/photo.php?fbid=1002099917948189&set=pb.100044445695878.-2207520000&type=3

އެންމެ ފުރަތަމަ "ސޮރީ" ގެ ނަމުގައި ފިލްމެއް ހަދަން އުޅޭކަން ނަހުލާ އިއުލާނު ކުރީ 2019 ވަނަ އަހަރު އެވެ. އޭރު ނަހުލާ ބުނެފައިވަނީ މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ދިވެހި ފިލްމީ ދާއިރާގައި އެންމެ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަޝްހޫރު ބަތަލާ މަރިޔަމް އައްޒަ ކަމަށެވެ. އަދި މި ފިލްމަކީ އަސަރު ގަދަ ލޯބީގެ ފިލްމެއް ކަމަށް ވެސް އޭރު ނަހުލާ ބުންޏެވެ.

މީގެ އިތުރުން ނަހުލާ ބުނީ މި ފިލްމުގައި މި ދާއިރާއަށް އާ ތަރިންތަކެއް ތައާރަފުވެެގެންދާނެ ކަމަށެވެ.

"ކަލާޔާ ނުލާ" އާއި "ޒުލޭހާ" އަދި "ޔޫސުފު" ފަދަ މަގުބޫލު ފިލްމުތައް އުފައްދާފައިވާ ނަހުލާ އެންމެ ފަހުން ގެނެސް ދިން ފިލްމަކީ 2017 ގައި އޭނާ ޕްރޮޑިއުސްކޮށް، އައިޝަތު ރިޝްމީ ޑައިރެކްޓް ކުރި ލޯބީގެ ފިލްމު "ބޮސް" އެވެ. އެއަށްފަހު ނަހުލާ ވަނީ ލޯބީގެ ވެބް ޝޯއެއް ވެސް ތައްޔާރުކޮށްފައެވެ. "ހުވާ" ކިޔާ މި ޝޯ 2018 އިން 2020 އަށް ދެއްކި އެވެ.

ކްރިސްޓަލް އެންޓައިންމަންޓްގެ ނަމުގައ އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ހިންގަމުން އަންނަ ނަހުލާގެ ޑައިރެކްޝަނަކަށް އެންމެ ފަހުން ބެލުންތެރިންނާ ހަމައަށް އައި ފިލްމަކީ އަހުމަދު ޝިނާންއާ ގުޅިގެން 2016 ގައި ގެނެސް ދިން ބިރުވެރި ފިލްމު "4426" އެވެ.