ޑްރަގް ބްލެޓްތަކެއް ދިރުވާލި މީހެއްގެ ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ޑްރަގް ބްލެޓްތަކެއް ދިރުވާލި މީހާ އަތުލައިގަތީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކަކަށް ޝައްކު ކުރެވިގެން ކަމަށެވެ.

ފުލުހުން ބުނީ އެ މީހާގެ އާއިލާއަށް އެކަމުގެ މައުލޫމާތު ވާނީ ހިއްސާކޮށްފައި ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ ރާއްޖޭގައި އޮތް އިޖްތިމާއީ އެންމެ ބޮޑު މައްސަލައެވެ. މަސްތުވާތަކެތި ރާއްޖެ އެތެރެކުރުން ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މީގެކުރިން އެތަކެއް ފަހަރު ފުލުހުން ވަނީ ދިރުވާލައިގެން މަސްތުވާތަކެތި ރާއްޖެ އެތެރެކުރާ މީހުން ހައްޔަރުވެސް ކޮށްފަ އެވެ.