މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބާއި މިދިޔަ މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ސަބަބު ބަލައި އެކަންކަން ހަރުދަނާ ކުރުމަށް އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ދެ އިންތިހާބުން ވެސް އެމްޑީޕީ އަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ބަލިބި ސަބަބު ދަނެގަނެ، މަގު ޗާޓެއް އެކުލަވާލަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ނާކާމިޔާބުވީ އިންތިހާބުގެ ކެމްޕެއިން ހިންގި ގޮތުންތޯ، ލީޑަޝިޕްގެ މައްސަލައެއްތޯ ނުވަތަ ރާއްޖޭގެ ސިޔާސީ މާހައުލަށް މިވަގުތު އައިސްފައިވާ ބަދަލަކުންތޯ ބަލަން ބޭނުންވާ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެމްޑީޕީގެ ކުރިމަގު ދެން ބައްޓަން ކުރާނީ ދެ އިންތިހާބުން ބަލިވި ސަބަބު ދެނެގަތުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ހުރިހާ ކަމެއް ދެނެގަތުމަށް ފަހު އަޅުގަނޑުމެން ކުރިއަށް ގެންދާނީ،" ފައްޔާޒު ވިދާޅުވި އެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީ އަށް ލިބުނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ. ސަރުކާރު ހިންގާ ޕާޓީ ޕީއެންސީ އިން އެކަނި 66 ގޮނޑި ނެގިއިރު، ކުރިން ޕީއެންސީގައި ތިއްބަވާފައި އަމިއްލަ ގޮތުން ވާދަކުރެއްވި ބައެއް ކެންޑިޑޭޓުންނާއި ޕީއެންސީން ތާއީދުކުރި ކެންޑިޑޭޓުންނާ އެކު ޕީއެންސީން ވަނީ 77 ގޮނޑި ހޯދައިފަ އެވެ.
މިއާ އެކު، ސަރުކާރަށް ވަނީ މަޖިލިހުގެ ސުޕާ މެޖޯރިޓީ ވެސް ލިބިފަ އެވެ.
ދެ އިންތިހާބުން އެމްޑީޕީ އަށް ލިބުނު ނާކާމިޔާބީ އާ ގުޅިގެން ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން އިސްތިއުފާ ދިނުމަށް ގޮވަމުން ދާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފައްޔާޒް ވިދާޅުވީ އިސްތިއުފާ ދިނުމުގެ އެއްވެސް ވިސްނުމެއް ލީޑަޝިޕްގެ ބޭފުޅުން ނުގެންގުޅުއްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައެއް އެއްވެސް ގޮތަކަށް ނެތް ޕާޓީގެ އެއްވެސް މަގާމެއްގައި ތިބި އެއްވެސް ބޭފުޅަކު މި ވަގުތު އިސްތިއުފާ ދިނުމެއް، އެއީ އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް ވެސް ނޫން،" ފައްޔާޒު ވިދާޅުވި އެވެ.