ނަވާރަ ސަތޭކަ ނުވަދިހައިގެ ކުރީކޮޅު ފުވައްމުލަކަށް ޒިޔާރަތް ކުރި ފަތުރުވެރިއެއް ކަމަށްވާ ޕީޓާ މޯގެ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު އެފޮޓޯތަކަށް އެރަށުގެ ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ ރަށުގެ ހަނދާން ނެތެމުންދާ މާޒީގެ ސަފުހާތަކެއް ހުޅުވާލެވުމުން ކަމަށް ވެދާނެ އެވެ.
ފުވައްމުލަކަކީ ރާއްޖޭގެ ގިނަބަޔަކު ޒިޔާރަތްކުރާ މަންޒިލަކަށް ވުމާއެކު އެރަށުގެ މަންޒަރުތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރެވޭ މިންވަރު މަދެއް ނޫނެވެ. މިހާރު އެރަށަށް ޒިޔާރަތްކުރުމަށްޓަކައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ގާތްގަނޑަކަށް ގަޑިއެއްގެ އިރުން ދެވޭނެ އެވެ. ޒިޔާރަތް ކުރާ މީހުންގެ ފޮޓޯ ނެގުން އެއާޕޯޓާ ހަމައިން ފެށި ކަމަށް ވާނަމަ އާންމު ގޮތެއްގައި ދަތުރު ނިންމާލާފައިދާއިރު، ހުންނާނީ ރަށުގެ ތުނޑިއާއި ކުޅިތަކާއި "ކޮޑަކިޅި" ނުވަތަ ޗަސް ބިމުގެ ފޮޓޯތަކެވެ. އެހެން ނަމަވެސް ނުވަދިހައިގެ އަހަރުތަކުގެ ކުރިން ފުވައްމުލަކަށް ޒިޔާރަތް ކުރާ މީހެއްނަމަ އެމީހަކަށް ފެނަނާނީ މުޅިން ވެސް ތަފާތު މަންޒަރުތަކެކެވެ. ޕީޓާ މޯގެ ފޮޓޯތަކުން އެމަންޒަރު ވަރަށް ސާފުކޮށް ފެނެ އެވެ.
ދެހާސް ދެވަނަ އަހަރު ފުވައްމުލަކުގެ ބަނދަރު ހުޅުވުމުގެ ކުރިން އެރަށަށް ޒިޔާރަތް ކުރާ މީހެއްގެ ލޮލުގައި ފުރަތަމަ އަޅައިގަންނާނީ ރަށުގެ ހުކުރު މިސްކިތެވެ. ހުކުރު މިސްކިތަކީ އެރަށުގެ އޭރުގެ މައި ބަނދަރު ކަމަށްވާ ރަސްގެފަންނު އަތިރިމަތީގައި ހުންނަ މިސްކިތެކެވެ. އެ ރަށަށް ބޭރުންދާ އުޅަނދުފަހަރަށް ޖެހޭނީ ރަސްގެފަންނާ ދިމާ ބޭރުގައި މަޑުކޮށްގެން ތިބޭށެވެ. ރަށުން ބަޔަކު ކުޑަ ބޮއްކުރައެއްގައި ނުވަތަ ދޯންޏެއްގައި ގޮސް މީހުން ބާލަންދެން އެހެން ތިބެން ޖެހޭނެ އެވެ. އެ ތިބޭއިރު ކެމެރާ އެއް އޮތް މީހެއްނަމަ އެމީހެއްގެ ކެމެރާއިން އެންމެ ފުރަތަމަ ނެގާ ފޮޓޯގައި ރަށާއެކު ހުކުރު މިސްކިތް އަރާފައި ހުންނާނެ އެވެ.
ފުވައްމުލަކު ހުކުރު މިސްކިތާއި ރަސްގެފަންނަކީ ރާއްޖޭގެ ތާރީޚީ މުހިންމު ހާދިސާތަކަކާ ގުޅިފައިވާ ދެތަނެވެ.
ފުވައްމުލަކު ހުކުރު މިސްކިތަކީ ދެއްވަދޫ ރަސްގެފާނު ރާއްޖޭގައި ބިނާކުރެއްވި 40 މިސްކިތުގެ ތެރޭގައި ހިމެނޭ މިސްކިތެއް ކަމަށްވެ އެވެ. މިސްކިތް އެންމެ ފުރަތަމަ ބިނާ ކުރެވުނުއިރު ހުރި ގޮތާ މިހާރު ހުރިގޮތާ ވަރަށް ތަފާތެވެ. އެ ދުވަސްވަރު ތެޅިގަލުން ރާނައި އުވަޖަހައި ފަނުން ހިޔާ ކޮށްފައި ހުރި މިސްކިތުގެ ފޮޓޯއެއް އެޗްސީޕީ ބެލްގެ މޮނޮގްރާފްގައިވެ އެވެ.
އެ މިސްކިތުގެ ވަށައިގެން ތިންފަރާތުން ތިން ފެންޑާ ރާނައި ތަނބުތަކާ ބެރިތައް ޖަހައި ދެބުރިއަށް އިމާރާތް ކުރުމަށްފަހު ހިޔާކޮށްފައި ހުރީ އީޓުންނެވެ. އެގޮތަށް އެ އިމާރާތް ބަދަލު ކުރެއްވީ ޝަމްސުއްދީނުގެ ވެރިކަމުގައި ދައުލަތުގެ ފަރާތަންނެވެ. އޭގެ ފަހުން ނުވަދިހައިގެ ކުރީކޮޅު މިސްކިތް ވަރަށް ބޮޑަށް މަރާމާތުކޮށް އީޓު ފުރާޅު ސިމިންތި ޓިނަށް ބަދަކު ކޮށްފައިވެ އެވެ. ޕީޓާ މޯގެ ފޮޓޯއިން ފެންނަނީ މަރާމާތަށްޓަކައި ފުރާޅު ނަގާފައިވާ މިސްކިތެވެ.
ހުކުރު މިސްކިތުގެ އިތުރުން ރަސްގެފަންނު ބަނދަރަކީ ވެސް މީގެ ތިރީހަކަށް އަހަރުގެ ކުރިއަށް ޖެހިލާއިރު، ފުވައްމުލަކަށް ވަރަށް ޚާއްސަ ތަނެކެވެ. ބަނދަރުގެ ނަމާ ބެހޭގޮތުން ރަށުގެ ތާރީޚު ދެނެވަޑައިގަންނަވާ ބޭބޭފުޅުން ވިދާޅުވާ ގޮތުގައި އެ ފަންނަށް އެންމެ ފުރަތަމަ ކިޔުނު ނަމަކީ ރަސްގެ އޮތް ފަންނެވެ.
ފުވައްމުލަކުގެ އިސް ވެރިއެއްގެ ގޮތުން އަތޮޅު އޮފީސް ހިންގެވުމުގެ މަސްއޫލިއްޔަތު ގިނަ ދުވަސްތަކަކަށް އަދާ ކުރެއްވި ބޭފުޅެއް ކަމަށްވާ ހުސެއިން ޝަރީފު ވިދާޅުވި ގޮތުގައި އެ ބަނދަރަށް ރަސްގެ އޮތް ބަނދަރޭ ކިޔުނީ ސާމިޔާ ފާޝަނާ ކިލެގެ ހިލިހިލާ ޖަހާފައި އެތަނުގައި ބާއްވާފައި އޮތުމުންނެވެ.
ސާމިޔާ ފާޝަނާ ކިލެގެއަކީ އުތީމު ދަރިކޮޅުގެ ދެވަނަ ރަސްގެފާނު އިބްރާހިމް ކަލާފާނަށްފަހު، ރަސްކަމުގެ ކޮއިލު ތެރޭގައި ހިނގި ނުތަނަވަސްކަމެއްގެ ތެރެއިން ވެރިކަމާ ދެކޮޅަށް ބަޣާވާތް ކޮށް އަމިއްލަޔަށް ފާދިއްޕޮޅު މާފިލާފުށީގައި ރަސްކަމެއް ގާއިމު ކުރައްވައިގެން އުޅުއްވި ބޭފުޅެކެވެ. އެގޮތަށް އުޅުއްވަނިކޮށް ދިވެހި ދައުލަތުން އޭނާ ހައްޔަރުކުރައްވައި ހިލިހިލާ ޖައްސަވާފައި އަރުވާލެއްވީ ފުވައްމުލަކަށެވެ. ފުވައްމުލަކުގައި އެކިލެގެ ހުންނެވީ ރަސްގެފަންނުގަ އެވެ. އެކިލެގެ އަވަހާރަވީ ވެސް އެތަނުގަ އެވެ. ފަސްދާނުވެޑުވިފައި ވަނީ ފުވައްމުލަކު ހުކުރު މިސްކިތުގެ ގަބުރުސްތާނުގަ އެވެ.
އެ ގަބުރުސްތާނުގައި ވަޅުލެވިފައިވާ ރާއްޖޭގެ ޝާހީ ދަރިދަރިކޮޅުގެ ބޭބޭފުޅުންގެ ތެރޭގައި އަންނަބީލު ހަސަން އިއްޒުއްދީން އާއި އިބްރާހިމް ފާމުދޭރި ކިލެގެފާނުގެ އިތުރުން ވެސް ވަރަށް މުހިންމު ޝަހުސިއްޔަތުތަކެއް ހިމެނެ އެވެ.
ޕީޓާ މޯގެ ފޮޓޯތަކުން ފެންނަ އަނެއް ފޮޓޯއަކީ ރަސްގެފަންނުގެ ބަނދަރުން ބޭރުގައި ހުންނަ އުޅަނދުފަހަރަށް މުދާ އަރުވައި ބޭލުމަށް ކުދި ބޮއްކުރާތައް ހަރަކާތްތެރިވާ މަންޒަރު ސިފަވާ ފޮޓޯއެކެވެ. 2003 ވަނަ އަހަރު ފުވައްމުލަކުގެ ބަނދަރު ހުޅުވުމުގެ ކުރިން ރަށަށް އަންނަ ބޯޓު ފަހަރު ހުންނާނީ ރަސްގެފަންނާ ދިމާ ބޭރުގައި އަޅައިފަ އެވެ. އެ ބޯޓު ފަހަރުން އަންނަ މީހުންނާއި ގެންނަ މުދާ ބޭލުން ފަދަ ކަންތަކަކީ މިހާރުގެ ޒުވާނުންނަށް ވިސްނާލަން މާ ފަސޭހަވާނެ ކަމެއް ނޫނެވެ. ރާޅުތަކުގެ ތެރެއިން ކުދި ބޮއްކުރާގައި އެ ކުރާ ދަތުރުތަކުގައި ކިތަންމެ ބައެއްގެ ފުރާނަ ގެއްލިފައި ވެސް ވެ އެވެ. އެ މަންޒަރު ޕީޓާގެ ފޮޓޯއިން ވަރަށް ރީތިކޮށް ސިފަވެ އެވެ.
ޕީޓާ މޯގެ ފޮޓޯތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ތިންވަނަ ފޮޓޯއަކީ މަސްވެރިން މަހުން ލަފައިގެން މަސްތަކުގެ ވަށައިގެން އެތުރިގެން ތިބޭ މަންޒަރެވެ. ފޮޓޯ އިން ފެންނަނީ ދޯންޏަކުން ބޭނި މަސްކޮޅު ގޮނޑުދޮށުގައި ފުނި ޖަހާފައި ހުއްޓަ އެވެ. ވަށައިގެން ތިބި މީހުންގެ ތެރެއިން ގިނަބަޔަކީ އެއިން މަހެއް ގަންނަން ލިބޭތޯ ގޮސް ތިބި މީހުނެވެ.
ކެޔޮޅު މީހާ މަސްކޮޅު ބަހައި ނިމެންވާ އިރަށް ދޯނީގެ ވެރި މީހާ ނުވަތަ އޭނާގެ ފަރާތުން ހަމަ ޖައްސާފައި ހުންނަ ވެރިޔަކު މަހުގެ އަގު ކިޔަން ހުންނާނެ އެވެ. ގިނަ ދުވަސް ދުވަހު އެ އަގު ކިޔާ ނުނިމެނީސް އެމީހެއްގެ އަތުގައި ޖެހުނު މަހެއް އެމީހަކު ނަގާނެ އެވެ. ކިޔަން ކެރުނު އަގެއް ދީފަ އެވެ. ލާރި ޖީބުގައި ހުއްޓަސް ހަށިގަނޑުގައި އެއިން މަހެއް ޖަހައިގަނެވޭހާ ބާރު ނެތި ހުސް އަތާ ގެއަށް ދާން ޖެހޭ މީހުން ގިނަވާ ދުވަސް މަދެއް ނުވާނެ އެވެ.
އެ ދުވަސް މިހާރު މާޒީވެ ހިނގައްޖެ އެވެ. އެއާޕޯޓާއި ބަނދަރުގެ ސަބަބުން ލެއްޕިފައިވާ އެސަފުހާގެ ހަނދާން އާކޮށްދިނުމަށް ޕީޓާ މޯ ގެ ފޮޓޯތަކުން މުހިންމު ދައުރެއް ކުޅެފި އެވެ.