ޗައިނާގެ ޖަނަވާރުން ބަލަހައްޓާ ޒުލެއްގައި ޕެންޑާތަކެއް ގޮތުގައި ދެއްކުމަށް، ކުއްތާތަކެއްގެ ކެހެރިތައް ކޮށާއި ކުރުކޮށް ޑައިކުރުމުން ގިނަ ބަޔަކު ފާޑުކިޔައިފި އެވެ.

ޗައިނާގެ "ޖިއެންގް ސޫ" އަވަށުގެ ޓައިޒޫ ޒުލަށް ޒިޔާރަތް ކުރާ މީހުން ގިނަކުރުމަށްޓަކައި އެ މީހުންގެ މޭޑޭ އާ ދިމާކޮށް "ޒިއޮންގް މާއޯ ކުއާން" ނުވަތަ ޕެންޑާ ޑޯގްސް ހުންނާނެކަން ކުރިން ވަނީ އިއުލާނުކޮށްފަ އެވެ.

ޕެންޑާގެ ގޮތުގައި ދެއްކުމަށް ކުއްތާތައް ޑައިކުރުމުމަށް ބޭނުންކުރެވުނީ ހުދާއި ކަޅު ކުލައިގެ ޑައި އެވެ. އެ ކުދި ޕެންޑާ ޑޯގް ބެލުމަށް ޗައިނާގެ އެކި ހިސާބުތަކުން ވަރަށް ގިނަ މީހުން ޒިޔާރަތް ކުރި އެވެ. ނަމަވެސް ޒުލުން ބަހައްޓާފައި ހުރި ނޯޓިސްބޯޑު ކިޔުމުގެ ބަދަލުގައި ޕެންޑާ ބެލުމަށް މީހުން އަވަސްވެގަތެވެ.

ޗައިނާގެ ޒުލެއްގައި ގެންގުޅޭ ޕެންޑާތަކެއް.

އެ މީހުންނަށް އެއީ ފޭކު ޕެންޑާތަކެއްކަން ފާހަގަކުރެވުނީ ޕެންޑާ އުޅޭގޮތާ ޚިލާފަށް، ކުއްތާއެއްގެ ހަރަކާތާ ވައްތަރު ގޮތްތަކެއް ހުރިކަން ފާހަގަވުމުންނެވެ. އެއާއެކު ޒުލުން އެ މީހުންނަށް އޮޅުވާލީ ކަމަށް އެއްބަޔަކު ތުހުމަތު ކުރި އެވެ. އަނެއް ބަޔަކު ޒުލުގެ އޮފިޝަލުން ޖަނަވާރުނަށް އަނިޔާވެރިވީކަމުގެ ތުހުމަތު ކުރި އެވެ.

އެ ތުހުމަތުގެ ދިފާއުގައި ޒުލުގެ އޮފިޝަލުން ބުނީ ޖާގައިގެ ދަތިކަމުން ބޮޑެތި ޕެންޑާ ގެންގުޅެވެން ނެތުމުން އެކަން ކުރަންޖެހުނީ ކަމަށެވެ. އަދި އިންސާނުން ވެސް އެމީހުންގެ އިސްތަށި ޑައިކުރާ ކަމަށާއި ކުއްތާ ޑައިކުރީ ވެސް ރައްކާތެރި ޑައި ބޭނުންކޮށްގެން ކަމަށެވެ.