އެމްޑީޕީގެ ވެރިކަމުގައި ފެރީގެ ހިދުމަތް ދިނުމަށް ވާމިލިއަން ކުންފުންޏާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރި މައްސަލާގައި 11 މިލިއަން ޑޮލަރު (172 މިލިއަނަށް ވުރެ ގިނަ ރުފިޔާ) ގެ ބަދަލެއް ހޯދަން އެ ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާކޮށްފި އެވެ.
މެދު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދިނުމަށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހު އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ހަވާލުކުރީ ވާމިލިއަން ކުންފުންޏާ އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ ޓޫރިޒަމްގެ ވިޔަފާރިއަށް އެ ކުންފުންޏަށް ދެ ރަށެއް ދޭ ގޮތަށެވެ.
ފެރީގެ ހިދުމަތް ދިނުމުގެ އެއްބަސްވުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސަރުކާރުން ބާތިލް ކުރުމަށްފަހު އެ ސަރަހައްދުގެ ފެރީގެ ހިދުމަތް އެމްޓީސީސީން އޭރު ދޭން ފެށި އެވެ. އެ މައްސަލާގައި ވާމިލިއަން ކުންފުނިން ސިވިލް ކޯޓުގައި ދައުވާކުރީ އެ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ދިނުމަށާއި އަދި ބަދަލުގެ ގޮތުގައި 11 މިލިއަން ޑޮލަރު ހޯދުމަށެވެ.
އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ކޯޓުގައި އިހްތިސާސާ މެދު ސުވާލު އުފެއްދި ނަމަވެސް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ނިންމީ އެ މައްސަލަ ކުރިއަށް ގެންދަން ހުރަސް އެޅޭ ސަބަބެއް ނެތް ކަމަށެވެ.
ވާމިލިއަން ކުންފުނިން ދައުލަތާ ދެކޮޅަށް ދައުވާ ކުރިއިރު, ނަޝީދުގެ ވެރިކަމުގައި ފެރީގެ ހިދުމަތް ދޭން ހަވާލުކުރި ކުންފުނިތަކުގެ ތެރެއިން ދީބާޖާ ކުންފުންޏާއެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ވެސް ދައުލަތުން ބަދަލު ދޭން ޖެހުނެވެ.
ބަނޑުހައި ނުވިއަސް ބުޅާ ކައިފާނެ!
އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމަކަށް ނައިބުރައީސް ނިއުޔޯކަށް
8،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އޯލެވެލް އިމްތިހާނު ފަށައިފި