ސޯޝަލް މީޑިއާގެ ބައެއް ޕްލެޓްފޯމް ތަކުގައި އޭނާގެ ނަމުގައި ދައުރުކުރަމުންދާ ބަރަހަނާ ވީޑިއޯތަކަކީ އޭނާގެ ވީޑިއޯތަކެއް ނޫން ކަމަށާއި، އެއީ އޭނާގެ އަގުވައްޓާލަން "އޭއައި" ބޭނުންކޮށްގެން ހަދާފައިވާ ފޭކް އެއްޗެހިތަކެއް ކަމަށް ސަންގު ޓީވީގެ ކުރީގެ ނޫސްވެރިޔާ ފާތިމަތު މަދަދާ ބުނެފި އެވެ.

ޓެލެގްރާމް ޗެނަލްތަކެއްގައި ފެތުރުނު އެ ވީޑިއޯތަކާ ގުޅިގެން މަދަދާ ރޭ އާންމުކުރި ބަޔާނެއްގައި ބުނީ، އޭނާގެ ބަރަހަނާ މަންޒަރުތަކެއް އާންމުވެއްޖެ ކަމަށް ބުނެ ބައެއް ނޫސްތަކުން ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އޭނާގެ ފަރާތުން އެފަދަ އެއްވެސް ފޮޓޯއެއް ނުވަތަ ވީޑިއޯއެއް އެއްވެސް މީހަކަށް ނުލިބޭނެ ކަމަށާއި، އެފަދަ އެއްވެސް މަންޒަރެއް އަމިއްލައަށް ނަގައި، އަދި އެހެން މީހަކަށް ފޮނުވާފައި ވެސް ނުވާނެ ކަމުގެ ފުރިހަމަ ދޭކަމަށް އޭނާ ބުންޏެވެ.

މަދަދާ އިތުރަށް ބުނީ، އޭނާގެ އަގު ވައްޓާލުމުގެ ނިޔަތުގައި އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯތަކަކާއި ވީޑިއޯތަކެއް ބަޔަކު ފުރަތަމަ ފަތުރަން ފެށީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި މިއަދު އަލުން ސޯޝަލްމީޑިއާގައި އެ ދައުރުކުރަނީ ހަމަ އެ ތަކެތި ކަމަށާއި، އެއިން އެއްވެސް މަންޒަރަކުން ފެންނަނީ އޭނާ ނޫން ކަމަށް މަދަދާ ބުންޏެވެ.

މީގެ އިތުރުން، ސަރުކާރުގައި ރަޖިސްޓްރީކޮށްފައިވާ ބައެއް ނޫސްތަކުން މި ފަދަ ކަންކަން ހަބަރުގެ ގޮތުގައި ޝާއިއުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ. އަދި އާންމު ރައްޔިތުންނާ ގުޅުވައިގެން ދައްކާ މިފަދަ ތޯތޯ ވާހަކަތަކަކީ ނޫސްވެރިކަމުގެ މިންގަނޑުން ބަލާއިރު ހަބަރެއްގެ ޝަރުތު ހަމަވާ ކަންކަން ނޫން ކަމަށާއި، އެ ފޮޓޯއާއި ވީޑިއޯތައް ފަތުރައި، ހަބަރު ހަދާ މީޑިއާތަކުން އެ ކުރަނީ ބަރަހަނާ މަންޒަރު އުފެއްދުމާއި ފެތުރުމުގެ ގާނޫނީ ކުށެއް ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނެފައި ވަނީ، މިފަދަ އެއްވެސް މައްސަލައެއްގެ ރިޕޯޓު އަދި މިހާތަނަށް ފުލުހުންގެ އިދާރާއަށް ލިބިފައި ނުވާ ކަމަށެވެ.