ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން އައިމިނަތު ނަމްޒާ، ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސެނެޓަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން، ޕީއެސްއެމްގެ ބޯޑުގައި އިންނެވުމަށް ގާނޫނުގައި ބަޔާންކުރާ މުހިންމު ޝަރުތެއް އޭނާގެ ކިބައިން އުނިވެއްޖެ އެވެ.

ނަމްޒާ ޕީއެންސީގެ ސެނެޓަށް އިންތިހާބުވެވަޑައިގެންނެވީ މިހާރު ކުރިއަށްދާ އެ ޕާޓީގެ ކޮންގްރެސްގައި، އަންހެނުންނަށް ހާއްސަކޮށްފައިވާ 10 ގޮނޑީގެ ތެރެއިން ގޮނޑިއެއް ކާމިޔާބު ކުރައްވައިގެންނެވެ.

ޕީއެސްއެމްގެ ގާނޫނުގައި ވާގޮތުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ ކިބައިގައި ހުންނަންޖެހޭ މައިގަނޑު ތިން ޝަރުތެއް ކަނޑައަޅާފައިވެ އެވެ. އޭގެ ތެރޭގައި އެއްވެސް ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ހުރި މީހަކަށް ނުވަތަ މުވައްޒަފެއްގެ ގޮތުގައި މަސައްކަތްކުރާ މީހަކަށް ނުވުން ހިމެނެ އެވެ.

ޕީއެންސީގެ ސެނެޓަކީ ސިޔާސީ ޕާޓީއެއްގެ އިސް މަގާމަކަށް ވާއިރު، މި އިންތިހާބާއެކު ޕީއެސްއެމްގެ ބޯޑު މެންބަރުކަމުގައި ހުރުމުގެ ޝަރުތު ނަމްޒާގެ ކިބައިން މިހާރު ވަނީ އުނިވެފަ އެވެ.

ނަމްޒާއަކީ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގައި ގިނަ އަހަރުތަކެއް ވަންދެން ޕްރެޒެންޓަރެއްގެ ގޮތުގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް އަދި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް އޭނާ ވަނީ ސަރުކާރުގެ އެކި ވަޒީފާތައް އަދާކުރައްވާފަ އެވެ.