އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ހުރި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ސޯލްޓް ކެފޭ ހުންނަ އިމާރާތުގައި ހުންނަ ރައީސް ސޯލިހުގެ އޮފީހުގައި ބޭއްވި މި ބައްދަލުވުން ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ދެމިގެން ދިޔަ އެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރުމާ ގުޅޭ ގޮތުންނެވެ.
ބައްދަލުވުމަށް ފަހު ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ފައިސަލް ނަސީމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާތީ، އެކަމާ ގުޅޭގޮތުން ރައީސް ސޯލިހާ މަޝްވަރާކުރެއްވި ކަމަށެވެ. އަދި އެމަނިކުފާނުގެ ނިންމެވުން ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހުގެ ތާއީދު ފައިސަލަށް އޮތްތޯ ކުރެވުނު ސުވާލަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، ފައިސަލް ފާހަގަކުރެއްވީ އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް 2028 ވަނަ އަހަރުގެ ވެރިކަން ކާމިޔާބުވުން ކަމަށެވެ. އަދި ރައީސް ސޯލިހަކީ ވެރިކަން ކުރައްވާފައިވާ ޒިންމާދާރު ބޭފުޅަކަށް ވާތީ، އެމަނިކުފާނު ނިންމަވާނީ މުޅި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ނިންމެވުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
މި ބައްދަލުވުމުގެ ކުރިން، މިދިޔަ ބުރާސްފަތި ދުވަހު ރައީސް ސޯލިހު ވަނީ މާލޭގެ މޭޔަރު އާދަމް އާޒިމްއާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި ފައިސަލް ޕްރައިމަރީ ކާމިޔާބު ކުރައްވައިފި ނަމަ، ރަނިންމޭޓަކަށް ހަމަޖައްސަވާނީ އާޒިމް ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ދަނީ ބުނަމުންނެވެ.
އަންނަ އަހަރު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާނުކުރައްވާފައިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި، ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދެވެ. މީގެ ތެރެއިން މިހާރު ރަސްމީކޮށް ކެމްޕޭން ފައްޓަވާފައިވަނީ ޝާހިދެވެ.
ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މި ޕްރައިމަރީގައި ވާދަނުކުރައްވާނެ ކަމަށާއި، އެމަނިކުފާނުގެ ތާއީދު އޮތީ ފައްޔާޒަށް ކަމަށް ވިދާޅުވެފަ އެވެ.
ޓެކްމޯ މޮބައިލްއިން އެންމެ ފަހުގެ އައިފޯންގެ ޕްރީ ބުކިންއަށް
އީޝާގެ ލީގަލް ޓީމުން ވަކީލް ފަރީދު ވަކިކޮށްފި
ރަސްމާލެ ވިއްކާލި ކުންފުނިން ހުޅުމާލޭގައި ވިއްކަން ފްލެޓް އަޅަނީ