ހެނދުނު ހޭލެވޭއިރު ބާލީހުގައި ކުޅު ހިކިފައި ހުރުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. މިއީ ބައެއް ފަހަރު ލަދު ގަންނަންޖެހޭ ފަދަ ކަމަކަށް ވީ ނަމަވެސް، ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ގިނަ ފަހަރަށް މިއީ އާދައިގެ އަދި ނުރައްކަލެއް ނެތް ކަމެކެވެ.

އެހެން ނަމަވެސް މެދުނުކެނޑި މިކަން ތަކުރާރު ވާނަމަ، އެއީ އެކަމުގެ ފަހަތުގައި ސިއްހީ އެހެން ސަބަބެއް ވޭޭތޯ ބެލުން މުހިއްމު ކަމަށް މާހިރުން ބުނެ އެވެ.

ނިދާފައި އޮންނަ ވަގުތު ކުޅު ފައިބަނީ ކީއްވެ؟

ހަށިގަނޑުން ދުވާލަކު އެއް ލީޓަރާ ދެ ލީޓަރާ ދެމެދުގެ ކުޅު އުފައްދަ އެވެ. ނިދާފައި އޮންނަ ވަގުތު ހަށިގަނޑުން ކުޅު އުފެއްދުން ހުއްޓައެއް ނުލަ އެވެ.

ދުވާލުގެ ވަގުތުތަކުގައި ހޭލާ އުޅޭއިރު ހަޖަމު ކުރުމަށާއި އަރުތެރެ ތެތްކޮށް ބެހެއްޓުމަށްޓަކައި އަހަރެމެން އަމިއްލައަށް ކުޅު ދިރުވަމު އެވެ.

ނަމަވެސް ނިދާފައި އޮންނަ ވަގުތު މިގޮތަށް ކުޅު ދިރުވުމުގެ ކަންކަން މަދުވެ، އަރުތެރެއާއި އަނގައިގެ މަސްތައް ހަމަޖެހުމުން އަނގަ ހުޅުވި ކުޅު ބޭރަށް ނުކުމެ އެވެ. ހާއްސަކޮށް އަރިއަކަށް ނުވަތަ ބަންޑުން އޮވެ ނިދާ ނަމަ، ގްރެވިޓީގެ ސަބަބުން އަނގައިގައި ހުންނަ ކުޅު ބާލީހަށް ފައިބަ އެވެ.

މައިގަނޑު ސަބަބުތައް

  • ނިދަން އޮންނަ ގޮތް: އަރިއަކަށް ނުވަތަ ބަންޑުން އޮވެ ނިދުމަކީ ކުޅު ފޭބުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ.
  • އަނގައިން ނޭވާލުން: ރޯގާޖެހުން، އެލާޖީވުން، ނުވަތަ ނޭފަތް ބެދުމުގެ ސަބަބުން ނިދާފައި އޮންނަ ވަގުތު ނޭފަތުގެ ބަދަލުގައި އަނގައިން ނޭވާލާން ޖެހުމުން ކުޅު ބޭރުވުން އިތުރުވެ އެވެ.
  • ބޭހުގެ އަސަރު: ބައެއްކަހަލަ ބޭސްތަކުގެ ސަބަބުން ވެސް ކުޅު އުފެދޭ މިންވަރު އިތުރުވެ، ނުވަތަ މަސްތަކަށް ލިބޭ ކޮންޓްރޯލް ކުޑަވެ އެވެ.

ކަންބޮޑުވާން ޖެހެނީ ކޮންއިރަކު؟

އާދައިގެ ގޮތަކަށް މަދުން ނޫނީ ކުޅު ނުފައިބާ މީހެއްގެ ކުއްލިކަށް ކުޅު ފޭބުން ވަރަށް ބޮޑަށް އިތުރުވެއްޖެ ނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ. ހާއްސަކޮށް:

  • ނިދާފައި އޮންނަ ގުގުރި ދެމުމާއި ނޭވާ ހުއްޓުން ފަދަ ކަންކަން ހުރެއްޖެނަމަ.
  • ދުވާލުގެ ވަގުތުތަކުގައިވެސް ކުޅު ކޮންޓްރޯލްނުވެ ބޭރުވާ ނަމަ.

މިފަަދަ އަލާމާތްތަކެއް ފެންނަނަމަ އޮބްސްޓްރަކްޓިވް ސްލީޕް ޑިސްއޯޑާ ނުވަތަ ސްލީޕް އެޕްނިއާ ފަދަ ބަލިތަކުގެ ފުރުސަތު އެބަ އޮތް ކަމަށް މާހިރުން ވިދާޅުވެ އެވެ.

ގެވެށި ހައްލެއް އެބަ އޮތްތަ؟

  • ކަކުލަށް ނުވަތަ ބުރަކަށްޓަށް ބާރު ލައިގެން (އުއްޑުން އޮވެ) ނިދުން.
  • ނޭފަތް ބެދިފައިވާ ނަމަ އެކަމަށް ފަރުވާ ހޯދުން (ހޫނު ފެނުން އާވި އެރުވުން ނުވަތަ އެލާޖީއަށް ބޭސް ބޭނުން ކުރުން).
  • ރަނގަޅު އުސްމިނެއްގެ ބާލީހެއް ބޭނުން ކުރުން.

ގިނަ ފަހަރަށް ނިދާފައި އޮންނަ ވަގުތު ކުޅު ފޭބުމަކީ ބޮޑު ސިއްހީ މައްސަލައަކަށް ނުވާއިރު ނިދުމުގެ އާދަތަކަށް ކުދި ބަދަލުތަކެއް ގެނައުމުން މިކަމުން ސަލާމަތްވެވޭނެ އެވެ.