ހައްދުންމައްޗާއި ފުވައްމުލަކަކީ ރާއްޖޭގެ ތާރީޚުގައި ޚާއްސަ ދެއަތޮޅެކެވެ. ހައްދުންމައްޗަކީ ރާއްޖޭގައި ހުރި އެންމެ ބޮޑެތި ރަށްތައް ހުރި އަތޮޅުކަމަށް ވާއިރު، ފުވައްމުލަކަކީ އެއް އަތޮޅެއްގެ ގޮތުގައި ވަކިން އޮންނަ އާބާދީ ބޮޑު ރަށެކެވެ. ހުވަދޫ ކަނޑު ހުރަސްކޮށް ދާން ޖެހުނު ކަމަށް ވިޔަސް މި ދެއަތޮޅުގެ މީހުން އެއް އަތޮޅުން އަނެއް އަތޮޅަށް ގޮސް އާއިލީ ގުޅުން އުފެދުމަކީ ޒަމާނުއްސުރެ ހިނގަމުން އައިސްފައިވާ ކަމެކެވެ.
ފުވައްމުލަކަކުގެ ތާރީޚަށް ބަލާ އިރު، ދޭތެރެއިން މީހުން ފައިބާ، ރަށް ފަޅުވުމުގެ ހާދިސާތަކެއް އެރަށުގައި ހިގާފައިވެ އެވެ. އެގޮތަށް ފަޅުވާ ފަހަރު ފަހަރު މީހުން ފައިބައިގެން ދާ ދިއުމުގައި ހައްދުން މައްޗަށް ދާ މީހުން ވެސް އުޅެ އެވެ. ބޮޑަށް ބެލެވެނީ އާއިލީ ކޮންމެވެސް ގުޅުމެއްގެ ސަބަބުން އެހިސާބަށް ދަތުރު ކުރަނީ ކަމަށެވެ.
ފުވައްމުލައް އެންމެ ފަހުން ފަޅުވި ފަޅުވުމަށްފަހު، އަލުން އާބާދު ކުރުމަށްޓަކައި ރަށަށް ގެންދިޔަ އެދުރުކަލޭގެފާނަކީ ހައްދުންމަތީ ބޭފުޅެކެވެ. ދޫނޑިގަމު އެދުރުކަލޭގެފާނުގެ ނަމުން މަޝްހޫރުވި މި އެދުރުކަލޭގެފާނު ހައްދުން މަތިން ފުވައްމުލަކަށް ވަޑައިގެންނެވި ކަމުގައިވިޔަސް ހަގީގަތުގައި އެއީ ފުވައްމުލަކަށް ނިސްބަތްވެ ވަޑައިގަންނަވާ ބޭފުޅެކެވެ. އެދުރުކަލޭގެފާނު ހައްދުންމައްޗަށް ހިޖުރަ ކުރެއްވީ އޭގެ ކުރިން ފުވައްމުލައް ފަޅުވި ފަހަރަކު އެވެ. ދޫނޑިގަމު އެދުރުކަލޭގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިބްރާހިމަކީ ރާއްޖެއަށް ނަން މަޝްހޫރު ދެ އިލްމުވެރިންނެވެ.
ރާއްޖޭގެ ސިޔާސީ އުދަރެހުގައި ހައްދުންމަތީގެ ބޭބޭފުޅުން ފާހަގަކޮށްނުލެވޭ ދުވަސްވަރެއް މަދެވެ. ފޮނަދޫ ޚަތީބު ތަކުރުފާނާއި އަލްގާޒީ ހަސަން ތާޖުއްދީނަކީ އޭގެ ތެރެއިން ނަން މަޝްހޫރު ބޭބޭފުޅުންނެވެ. އެއީ އިލްމުވެރިކަމަށް އަރާ ތިއްބެވި މޮޅެތި ބޭބޭފުޅުންނެވެ. ތާޖުއްދީނަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން އެތައް ފަހަރަކު ކުރެއްވުމުގެ އިތުރުން އެންމެ ފުރަތަމަ ރާއްޖޭގެ ތާރީޚު ލިއުއްވި ބޭފުޅާ އެވެ. އެމަނިކުފާނު ތާރީޚު ލިއުއްވީ އަރަބި ބަހުންނެވެ.
ރާއްޖޭގެ ސިޔާސީ ދާއިރާގައި އެތައް ޚިދުމަތްތަކެއް ކޮށްދެއްވި އަލްގާޒީ ހަސަން ތާޖުއްދީނުގެ ދެ ދަރިން ކަމަށްވާ އަލްގާޒީ މުހައްމަދު ޝަމްސުއްދީނު ފަނޑިޔާރު ކަލޭގެފާނާއި އަލްޚަޠީބު އަހުމަދު މުހުޔިއްދީނުގެ ވާހަކައަކީ ވެސް ދިވެހި ތާރީޚުގައި ދާއިމަށް ދެމިގެންދާ މަޝްހޫރު ވާހަކައަކަށް އޮތީ ވެފަ އެވެ. ތާޖުއްދީންގެ ދެދަރިން ހޮޅިންނާ ގުޅިގެން ރާއްޖޭގެ ވެރިކަން ހޯދަން ކުރި މަސައްކަތުގައި ރާއްޖޭގެ މިނިވަންކަން ގެއްލި، އެންމެ ފަހުން ހޮޅިންގެ އަތްދަށުގައި އެ ދެބެއިން ވެ، ކަނޑުފައްތާލި ހާދިސާއަކީ ވެސް ހައްދުންމައްޗާ ގުޅިފައި އޮތް މަޝްހޫރު ސިޔާސީ ވާހަކައެކެވެ.
ހައްދުން މައްޗެކޭ އެއްފަދައިން ފުވައްމުލަކަކީ ވެސް އެރަށުން އުފެދުނު ގިނަ ދަރިންތަކެއްގެ ޚިދުމަތް އެކި ސިފަސިފައިގައި ގައުމަށް ލިބިފައިވާ އަތޮޅެކެވެ. ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވި ބަތަލު ކަމަށް އިބްރާހިމް ނާސިރު ވެސް ހިމެނި ވަޑައިގަންނަވާހެން ރާއްޖޭގެ ސިޔާސީ މައިދާނުގެ އެންމެ އުހުން އެރަށުގެ ދަރިން ނުފެންނަ ޒަމާނެއް ނުދެ އެވެ. އޭގެ ތެރޭގައި ފަނޑިޔާރުންނާއި ހާފިޒުންނާއި ވަޒީރުންގެ ފެންވަރުގެ ބޭބޭފުޅުން އަބަދުވެސް ފާހަގަ ކުރެވެ އެވެ.
ހައްދުންމައްޗާއި ފުވައްމުލަކާ ގުޅިފައިވާ އެންމެ ބޮޑު ސިޔާސީ/ އާއިލީ ގުޅުމަކީ ރާއްޖޭގެ ތާރީޚުގައި މަޝްހޫރު އިސްދޫ ދަރިކޮޅުގެ ރަސްކަމެވެ. ޖުމްލަ ތިން ރަސްކަލުން ރަސްކަން ކުރެއްވި މި ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު ހަތްވަނަ އަލި ރަސްގެފާނުގެ ބައްޕާފުޅަކީ ފުވައްމުލަކު ދައިގަނޑު ކިޔާ ގެއަކަށް ނިސްބަތްވާ ބޭފުޅެއް ކަމަށްވާ އިބްރާހިމް ޝާހުބަންދަރެވެ. މި މަނިކުފާނު ހައްދުންމަތީ އިސްދޫ އައިސާ ދިއޯ ކިޔާ އަންހެން ކަނބަލަކާ ކައިވެނި ބައްލަވައިގެން އިސްދުއަށް ދިރިއުޅުން ބަދަލު ކުރެއްވުމަށް ފަހު މާލެއަށް ހިޖުރަކުރެއްވީ އެވެ.
ހައްދުންމައްޗާއި ފުވައްމުލައް އާއިލީ ގޮތުން ގުޅިގެން އުފެދުނު އިސްދޫ ދަރިކޮޅުގެ ވެރިކަން ފެށިގެން އައީ އޭގެ ކުރިން ހުންނެވި ރަސްގެފާނު ހައްޖަށް ވަޑައިގެން ހުންނަވަނިކޮށް ހިންގި އޮޅުވާލުމާއި ނުފޫޒާއި ރިޝްވަތުގެ ބޮޑު ކަންތައްގަނޑެއްގެ ތެރެއިންނެވެ. އެ ދަރިކޮޅުގެ ފުރަތަމަ ރަސްގެފާނު ކަމަށްވާ ހަތް ވަނަ އަލި ރަސްގެފާނާއި ދެވަނަ ރަސްގެފާނު ދިހަ ވަނަ ހަސަން ރަސްގެފާނާއި ދެބޭފުޅުން ކުރެ ކޮންމެ ބޭފުޅެއްގެ ވެރިކަން ވެސް ދެމިއޮތީ ގާތްގަނޑަކަށް އަހަރަކަށެވެ. އެ ދަރިކޮޅުގެ އެންމެ ފަހުގެ ރަސްގެފާނު ކަމަށްވާ އިބްރާހިމް މުޒުހިރުއްދީން، ތިން އަހަރު ދުވަހު ރަސްކަން ކުރެއްވި އެވެ. އޭގެ ފަހުން އެ ރަސްގެފާނު ހައްޖު ދަތުރުފުޅަކަށް ވަޑައިގެން ހުންނަވަނިކޮށް ރަސްކަމުން ދުރުކުރައްވައި އެރަސްގެފާނުގެ ބޮޑުވަޒީރު ތަޚުތަށް އިސްވެ ވަޑައިގެންނެވި އެވެ.
ހައްދުންމައްޗާއި ފުވައްމުލަކުން އުފެދުނު އަގުހުރި ގިނަ ދަރިންތަކެއްގެ ޚިދުމަތް ދިވެހި ގައުމަށް އެކި ދުވަސްވަރު އެކި ރޮނގު ގޮނގުން ލިބުނު ކަމަށް ވިޔަސް އެ ދެއަތޮޅާ އާއިލީ ގޮތުން ގުޅުން އޮތް އިސްދޫ ދަރިކޮޅަށް ރާއްޖޭގެ ވެރިކަމުގައި މާ ބޮޑު ކާމިޔާބެއް ހާސިލެއް ނުކުރެވުނެވެ. އެ ދަރިކޮޅުން ތަޚުތަށް އިސްވެ ވަޑައިގެންނެވި ތިން ރަސްކަލުންގެ ރަސްކަން ފަސް އަހަރަށް ވެސް ދެމިގެނެއް ނުދިޔަ އެވެ.