ދިހަ ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީއިން އެރަށްތަކުގެ ކައުންސިލްތަކާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި މިއަދު ސޮއިކޮށްފި އެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއާއެކު އެމްއޯޔޫގައި ސޮއި ކޮށްފައިވާ ކައުންސިލްތަކަކީ ހއ. އިހަވަންދޫ، ހއ. ދިއްދޫ، ހއ. އުތީމު، ހދ. ނާވައިދޫ، ހދ. ހަނިމާދޫ، ހއ. ވަށަފަރު، ހދ. ނޮޅިވަރަމްފަރު، ހދ. ނެއްލައިދޫ، ށ. ނަރުދޫ، އަދި ގދ. ތިނަދޫ އެވެ.

ކުނި މެނޭޖްކުރުމުގެ ނިޒާމް ގާއިމްކުރުމަށް މިއަދު މިސޮއިކުރެވުނު އެމްއޯޔޫ ތަކުގެ ޖުމްލަ އަގަކީ 9،144،896.00 ރުފިޔާކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.

މިއަދު އެމްއޯޔޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މަޝްރޫއުތަކުގެ އެންމެހައި ކަންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކައުންސިލްތައް މެދުވެރިކޮށެވެ.

އެހެންކަމުން، ކައުންސިލްތަކުގެ ޒިންމާތަކުގެ ތެރޭގައި އެރަށެއްގައި ކުނި މެނޭޖްކުރާނެ މަރުކަޒު ގާއިމްކުރުމަށް ޓެންޑަރކޮށް ކޮންޓްރެކްޓަރުން އައްޔަންކުރުމާއި، އައްޔަންކުރެވޭ ފަރާތްތަކާއެކު ކޮންޓްރެކްޓުގައި ސޮއިކުރުމާއި، އަދި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް އެންވަޔަރަމަންޓަލް އިންޕެކްޓް އެސެންމެންޓް (އީއައިއޭ) ހަދަން ޖެހޭނަމަ އޮންނަ އުސޫލުގެ ދަށުން އީއައިއޭ ހެދުން ކުރިއަށްގެންދިއުން ހިމެނެ އެވެ.

މިޕްރޮޖެކްޓުތައް ކުރިއަށްގެންދިއުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ހަމައެކަނި ދައުރަކީ ޕްރޮޖެކްޓުތައް ކުރިއަށްދާގޮތް ބަލާ މޮނީޓަރކުރުމުގެ އިތުރުން މަޝްރޫއަށް ކަނޑައެޅިފައިވާ ބަޖެޓު އެ ރަށެއްގެ ކައުންސިލަށް ޓްރާންސްފާކުރުމެވެ.

އެހެންކަމުން، ކޮންޓްރެކްޓަރުންގެ ބިލްތަކަށް ފައިސާ ދެއްކުމަކީވެސް ކައުންސިލްގެ ޒިންމާއެކެވެ. އަދި ކުނި މެނޭޖްކުރާ މަރުކަޒުތައް ގާއިމްކޮށް ނިމުމުން އެތަންތަނުގައި ބެހެއްޓޭ އިކުއިޕްމެންޓުތަކުގެ އެސެޓް ޓަރާސްފާ ހަދައި، ބެހެއްޓުމަށް ހަމަޖެހިފައިވަނީ ވެސް ކައުންސިލްގެ މިލްކެއްގެ ގޮތުގައިކަމަށް އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ފަސް މިލިއަން ރުފިޔާއަށްވުރެ ބޮޑު ނޫން މަޝްރޫއުތަކުގެ ހިންގުން އެރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލްގެ ދަށުން ހިންގުމަކީ މިސަރުކާރުގެ ސިޔާސަތެކެވެ. ސަރުކާރުން ބުނާގޮތުގައި މިއީ ރަށު ކައުންސިލްތަކުގެ ދައުރު ފުޅާކޮށް ބާރުވެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.