ރޭގަނޑު ކެއުމަށްފަހު ޓީވީ ބަލާލައި ހެދުމަކީ ގިނަ ބައެއްގެ އާދައެކެވެ. އެއަށްފަހު ގިނަފަހަރަށް ނިދަނީ އެވެ.

ކަމާބެހޭ މާހިރުން ބުނާގޮތުގައި، އެންމެ ހަޖަމުކުރަން އުނދަގޫ ކެއުމަކީ ރޭގަނޑުގެ ކެއުމެވެ. އެއީ އާންމު ގޮތެއްގައި ރޭގަނޑު ކެއުމަށްފަހު ހަށިގަނޑަށް އަރާމު ދެވޭތީ އެވެ. ކެއުމަށްފަހު ކުޑަކޮށް ހިނގާލާ ނަމަ، ލޭ ދައުރުކޮށްދިނުން އިތުރުކޮށްދީ ހަޖަމު ކުރުމަށް އެހީތެރިވެ އެވެ. ކެއުމަށްފަހު ކުރެވޭ ކުދި ހަރަކާތުގެ ސަބަބުން މޭއެންދުމަށާއި، ބަނޑު ފުއްޕުމަށް ވެސް ލުއިވެ އެވެ. އަދި ބަނޑު ހިކުމުން ވެސް ދުރުކޮށްދެ އެވެ.

ރޭގަނޑު މަދުންކެއުމަކީ އެންމެ ފައިދާހުރި ގޮތެވެ. އެއީ ގުދުރަތީ ގޮތުން ވެސް ދުވާލަށް ވުރެ ރޭގަނޑު ހަޖަމްކުރުން ލަސްވާތީ އެވެ. ނަމަވެސް ރޭގަނޑު މަދުންކެއުމަކީ އާދަކޮށް ކުރެވޭ ކަމަކަށް އޮންނަނީ ނުވެފަ އެވެ. އެއީ ދިރިއުޅުމުގެ ކަންކަން ހުންނަގޮތުން ރައްޓެހިންނާއި އާއިލާ މީހުންނާ އެކުވެލެވޭ ގަޑިއެއްކަމުގައި ރޭގަނޑު ހެދިފައިވާތީ އާއި، މިހެން ދިމާވާ ފަހަރު މީރުކޮށް ކާލުމަކީ ލިބޭ ހިތްހަމަޖެހުމަކަށް ވާތީ އެވެ. ނަމަވެސް މިހެން ގިނައިން ކެއުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންނުވާ ވަރަށް ހަކަތަ އެތެރެވެގެން ދެ އެވެ. ކައިގެން ހިނގާލުމަކީ މިކަމަށް އޮތް ހައްލެކެވެ.

ދުވާލުގެ މަސައްކަތުން ހަށިގަނޑަށް ވެރިވެފައިވާ ހިތް ނުތަނަވަސް ކަންވެސް ރޭގަނޑު ކައިގެން ހިނގާލުމުން ފިލާދެ އެވެ. އެއީ ހިނގުމަކީ ކިތަންމެ ކުޑަ ކަސްރަތެއް ނަމަވެސް، އޭގެ ސަބަބުން ހިތްހަމަޖެއްސުމަށް އެހީވެދޭ ހޯމޯން އެއް ކަމުގައިވާ އެންޑޯފިންސް ހަށިގަނޑުން އުފައްދައިދޭތީ އެވެ.

މީގެ އިތުރުން ހިނގާލަން ދާއިރު ހަޔާތުގެ ބައިވެރިޔާއާއެކު ދާނަމަ ދެމީހުންގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަވެ އެވެ. އެއީ ހިނގާލަން ދާދިއުމުގައި ދެކެވޭ ވާހަކަތަކަކީ ދެމީހުން ވެސް އަޑުއަހާއި، އެއާމެދު ގޮތް ނިންމޭ ވާހަކަތަކެއް ކަމަށްވާތީ އެވެ. މިގޮތަށް ހިނގާ ހިނގުމަކީ ނިދުމަށް ވެސް ހުރި ފަރުވާއެކެވެ. އަދި ހިތުގެ ދުޅަހެޔޮކަމަށާ ހަކުރު ކޮންޓްރޯލް ކޮށްދިނުމަށް ވެސް އެހީވެދެ އެވެ.

ކަމާބެހޭ މާހިރުން ލަފާދެއްވަނީ، ކެއުމަށްފަހު ވަގުތުން ހަރަކާތްތެރިވެ އުޅުމުގެ ބަދަލުގައި ދެގަޑިއިރުގެ ވަގުތުކޮޅެއް ދިނުމަށްފަހު އެއްވެސް ކަހަލަ ކަސްރަތުގެ ހަރަކާތެއް ކުރުމަށެވެ.