ލިޔެކިއުމެއް ނެތި ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ވެކްސިން ޖެހުމަށް ރެޑް ކްރެސެންޓުގައި ރަޖިސްޓްރީވާން ހުޅުވާލައިފި އެވެ.

އެ ޖަމިއްޔާގެ ބެނެފިޝަރީގައި ރަޖިސްޓްރީވެގެން ވޯކްޕާމިޓާއި އެހެނިހެން ލިޔެކިޔުން ނެތް ބިދޭސީންނަށް ވެކްސިން ޖޭހޭނެ ކަމަށް ރެޑްކްރެސެންޓުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ.

އެ ޖަމިއްޔާއިން ވަނީ ބަންގަދޭޝް ބަހާއި، ހިންދީ ބަސް، އަދި އުރުދޫ ބަހުން މި އިއުލާން އާއްމުކޮށްފަ އެވެ.

ރެޑް ކްރެސެންޓުން ބުނިގޮތުގައި ލިޔެކިޔުން ނެތް ބިދޭސީން ރަޖިސްޓާވާން ޖެހޭނީ ރެޑް ކްރެސެންޓްގެ މާލޭ ގޮފީގެ މައިގްރަންޓް ސަޕޯޓް ސެންޓަރުގެ ނަމްބަރު 3307665 އަށް ގުޅައިގެންނެވެ. އަދި އެ ކޯލް ސެންޓަރުގެ ހިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އަކުން ހަވީރު 5:00 ގެ ނިޔަލަށް ލިބޭނެ އެވެ.

ނަމަވެސް، ގަވާއިދާ އެއްގޮތަށް، މުއްދަތު ހަމަނުވާ ވޯކްޕާމިޓް އޮތް ބިދޭސީން ވެކްސިން ޖަހަން ރަޖިސްޓްރީވާން ޖެހެނީ my.health.mv މެދުވެރިކޮށެވެ.