ސޯލް (ޖޫން 1) - ސައުތު ކޮރެއާގެ ބިލިއަނަރަކު އޭނާގެ ކުރީގެ އަނބި މީހާ އަށް ވަރީގެ ބަދަލެއްގެ ގޮތުން ރެކޯޑް އަދަދެއް ކަމަށްވާ 1.38 ޓްރިލިއަން ވޮން (1 ބިލިއަން ޑޮލަރު) ދައްކަން ޖެހިއްޖެ އެވެ.
ވަރީގެ ބަދަލެއްގެ ގޮތުގައި މިހާ ބޮޑު އަދަދެއް ދައްކަން ޖެހުނީ ސައުތު ކޮރެއާގެ އެސްކޭ ގްރޫޕުގެ ވެރިޔާ، ބިލިއަނަރު ޗެއި ޓައެ- ވޮން އާއި ރޯހް ސޯ-ޔަންގް ވަކިވިތާ ދިހަ ވަރަކަށް އަހަރު ފަހުންނެވެ. އެ ދެމީހުން ވަރިވީ 35 އަހަރު ކައިވެނިކޮށްގެން އުޅުމަށް ފަހު އެވެ. އެ ކައިވެންޏަށް ވަނީ ތިން ކުދިން ވެސް ލިބިފަ އެވެ. ވަރިވާން ދިމާވި މައިގަނޑު ސަބަބަކީ ޗެއިގެ ލޯބިވެރިއަކު ހުރެ އަދި އޭނާ އަށް ޗެއިގެ ދަރިއަކު ހުންނަކަން ފަޅާއެރި ހިސާބުންނެވެ.
ވަރީގެ މައްސަލައާ ގުޅިގެން ސޯލްގެ ހައި ކޯޓުން ނިންމާފައި ވަނީ ޗެއިގެ ކުންފުނީގައި ރޯހް ސޯ- ޔަންގުގެ ވެސް ހިއްސާ އޮންނާނެ ކަމަށެވެ. ހައި ކޯޓުން ވަނީ ޗެއިގެ މިލްކިއްޔާތުގެ އަގަކީ ގާތްގަނޑަކަށް ހަތަރު ޓްރިލިއަން ވޮން ކަމަށް ކަނޑައަޅައިފަ އެވެ. އެހެންވެ ރޯހް އަށް އެ ވިޔަފާރީގެ 35 ޕަސެންޓް ލިބެން ޖެހޭނެ ކަމަށް ކޯޓުން ނިންމި އެވެ. އެ ނިސްބަތުން ރޯހް އަށް ދޭން ޖެހޭނީ 1.38 ޓްރިލިއަން ވޮން ނުވަތަ އެއް ބިލިއަން ޑޮލަރު ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ޗެއިގެ ވަކީލުން ބުނެފައި ވަނީ ހައި ކޯޓުގެ ނިންމުން އިސްތިއުނާފް ކުރާނެ ކަމަށެވެ. ވަކީލުން ބުނެފައި ވަނީ ވަރީގެ ބަދަލުގައި ހައި ކޯޓުން ނަގައިދިނުމަށް ކަނޑައެޅި އަދަދަކީ ދަށު ކޯޓުން 2022 އަހަރު ކަނޑައެޅި 66.5 ބިލިއަން ވޮންއާ އަޅާބަލާއިރު މާބޮޑު އަދަދެއް ކަމަށެވެ. ޗެއި ޗެއާމަންކަން ކުރަމުން އަންނަ އެސްކޭ ގްރޫޕުގެ ހިއްސާ ރޯހް އަށް ދޭން ނުޖެހޭނެ ކަމަށް ވެސް ފެމިލީ ކޯޓެއް ކަމަށްވާ ދަށު ކޯޓުން ނިންމި ކަމަށް ވަކީލުން ބުނެ އެވެ. އެކަމަކު ހައި ކޯޓުން ބުނެފައި ވަނީ ކުންފުނީގެ ހިއްސާ ވާން ޖެހޭނީ ދެ މީހުންގެ އެއްޗަކަށް ކަމަށެވެ. ކޯޓުން ބުނެފައި ވަނީ އެސްކޭ ގްރޫޕުގެ ވިޔަފާރި ފުޅާކުރުމުގައި ޗެއިގެ އަންހެނުންގެ ވެސް ބޮޑު ރޯލެއް އޮތް ކަމަށެވެ.
ރޯހްގެ ބައްޕައަކީ ސައުތު ކޮރެއާގެ ކުރީގެ ރައީސެއް ކަމަށްވާ ރޯހް ޓައެ-ވޫ އެވެ. ކޯޓުން ބުނެފައިވާ ގޮތުގައި ޗެއިގެ ވިޔަފާރި އަށް ދިމާވި ގާނޫނީ ބައެއް ދަތިތައް ހައްލު ކުރުމުގައި ރޯހްގެ ބައްޕަ ވެސް ވަނީ އެހީވެދީފައި ކަމަށެވެ.
އެސްކޭ ގްރޫޕަކީ ސެމީކޮންޑަކްޓަރު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުންޏެވެ. އެ ކުންފުނިން ވަނީ ޓެލެކޮމް، ކެމިކަލް އަދި ހަކަތައިގެ ދާއިރާގައި ވެސް އިންވެސްޓް ކޮށްފަ އެވެ.