ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އާއި ރާއްޖޭގެ އެހެން ބައެއް އެއާޕޯޓުތައް ހިންގާ ދައުލަތުގެ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް މި އަހަރުގެ އަހަރީ ބޯނަސް ދިނުމަށް އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) އިން މިއަދު ފާސްކޮށްފި އެވެ.

މިއަދު ހެނދުނު ބޭއްވި އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި މުވައްޒަފުންނަށް ބޯނަސް ދޭން ނިންމި ނަމަވެސް، ބޯނަސްގެ ގޮތުގައި ދޭން ކަނޑައެޅި ސީދާ އަދަދެއް އެމްއޭސީއެލްއިން އަދި ހާމަކޮށްފައެއް ނުވެ އެވެ. ބޯނަސްގެ އަދަދާ ގުޅޭގޮތުން ސުވާލުކުރުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އަހަރުގެ ބޯނަސް ވެސް "ރަނގަޅު ވާނެ" ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި، 5،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް އަހަރީ ބޯނަސް ދިނުމަށް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކުރިން ވެސް އޮތީ ނިންމާފަ އެވެ. އަދި މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާއިން ވަނީ ބޯޑުގެ އެ ނިންމުން ރަސްމީކޮށް ފާސްކޮށްފަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، އެމްއޭސީއެލްގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ދޫކޮށްފައިވަނީ 25،000 ރުފިޔާ އެވެ. އެއީ ވޭތުވެދިޔަ ހަތަރު އަހަރު ވެސް އެ ކުންފުނީގެ މުވައްޒަފުންނަށް ބޯނަސްގެ ގޮތުގައި ދީފައިވާ އަދަދެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި މިފަހަރު ބޯނަސް ދެނީ މުވައްޒަފުންގެ ޕާފޯމަންސަށް ބެލުމަށް ފަހެވެ.