ވަރުނުލާ ރާޅު ކިޔަނީ ހުއްޓުމެއް ނެތި ނަގާ ރާޅަށެވެ. މާލޭގައި ވަރުނުލާ ރާޅު ނަގާ ހިސާބަކީ މާލޭގެ އިރުދެކުނު ފަރާތެވެ. މި ސަރަހައްދު އުފެދިފައިވާ ގޮތުން އުސް ރާޅު ނަގަ އެވެ. ސަބަބަކަށް ވަނީ މާ ފުންތަންތަނާ ގުޅިފައިވާ ތިލަ ހިސާބުތައް ވެސް އޮންނާތީ އެވެ. ޒަމާނުއްސުރެ ވަރަށް ގިނަ ބަޔަކު މޫދަށް އެރިއުޅުމަށާއި މޫދު ކުޅިވަރުތަކަށް މި ސަރަހައްދު ބޭނުންކުރެ އެވެ.

މުޅި ރާއްޖެ އެ ޒުވާނަކަށް ފަޚުރުވެރިވާ ރާޅާއެޅުން ނުވަތަ ބޮޑީބޯޑިންއަށް މަޝްހޫރު އާމިން އުމަރު މޫސާ 18، އަކީ ވެސް ރާޅުގަނޑު ސަރަހައްދަށް އޭނާގެ އާއިލާއާއެކު މޫދު ކުޅިވަރުގެ ހަރާކާތްތަކުގައި ވަރަށް ޅަ އުމުރުއްސުރެ ބައިވެރިވަމުން ދިޔަ ރާޅާ ވަރަށް ރައްޓެހި ޒުވާނެކެވެ. މޫދު ދެކެ ޚާއްސަ ލޯތްބެއް އޮންނަ މޮޅު ފެތުންތެރިއެއް ވެސް މެ އެވެ. ރާޅާއެޅުމަށް ޚާއްސަ ލޯތްބެއް ޖެހިފައިވާ، އެ ކުޅިވަރުގައި ކުރިއަރަމުން އަންނަ ޒުވާނެކެވެ.

އާމިން ވަރުނުލާ ރާޅުގަނޑުގައި ރާޅާ އަޅަން ތައްޔާރުވެގެން.

ރާޅާއެޅުމަށް ފުރަތަމަ ތައާރަފްވުން

އާމިންގެ އާއިލާގެ ވަރަށް ގިނަ ކުދިން ރާޅާއަޅަ އެވެ. ވީމާ ރާޅާއެޅުމަކީ އޭނާ ވަރަށް ކުރާހިތްވާ ކަމެކެވެ. އާމިންގެ އެދުމުގެ މަތިން އުމުރުން އެންމެ 13 އަހަރުގައި ފުރަތަމަ ރާޅާއަޅަން މޫދަށް ގެންދިޔައީ އޭނާގެ ބޭބެ އެވެ.

"އެއީ ވަރަށް ރާޅު ކުޑަދުވަހެއް. މޫދަށް ލާފައި ބޯޑެއްދިނީ. އޭގެފަހުން ރާޅާއެޅުމަށް ދެވިހިފީ،" އާމިންގެ ފުރަތަމަ ތަޖުރިބާ ހިއްސާކޮށްލަމުން ބުނެލި އެވެ. އެދަވުހުގެ ފަހުން އޭނާ ގަވާއިދުން ބޭބެއާ އެކު ރާޅާއެޅުމަށް މޫދަށް ދެ އެވެ.

އެ ހިސާބުން ނިންމާލާކަށް އޭނާ ބޭނުމެއް ނުވި އެވެ. އެ ހުނަރު އިތުރަށް ތަރައްގީ ކުރަން ބޭނުންވި އެވެ. އެކަމަށްޓަކައި ރާއްޖޭން ބޭރުގެ މަޝްހޫރު ރާޅާއަޅާ މީހުންގެ ވީޑިއޯ ބަލާ އެމީހުން ބޭނުންކުރާ "މެނުއާ"ތަކާއި "ޓެކްނިކްސް" ދަސްކުރަން ފެށި އެވެ.

"ހަމަ ކޮންމެ ތަންކޮޅެއްވަކިން ޕޯސް ކޮށްލައިގެން އެމީހުން ހަދާގޮތް ދަސްކުރަނީ. އެއަށްފަހު އަޅުގަނޑު މޫދުގައި އެގޮތަށް ހެދޭތޯ ބަލަނީ،" އާމިން ކިޔައިދިނެވެ.

އޭގެ އިތުރުން ރާޅު ރީތި ދުވަހެއް ނަމަ ދެ ފަހަރު މޫދަށް ދެ އެވެ. ރޭގަނޑުގެ ވަގުތުތަށް ހޭދަކުރަނީ ޖިމްގައި ޓްރޭނަރާއެކީ ހަށިގަނޑު ވަރުގަދަކޮށް އަދި "ފްލެކްސިބިލިޓީ" އިތުރުކުރުމަށް ކުރަންޖޭ ކަސްރަތުތައް ކުރުމުގަ އެވެ. ބަރުދަން ކޮންޓްރޯލް ކުރުމަކީ ވެސް އާމިން ވަރަށްބޮޑު އިސްކަމެއްދޭ ކަމެއްކަން އޭނާ ފާހަގަ ކުރެ އެވެ.

ވަރުނުލާ ރާޅުގަނޑުގައި ބޭއްވި މުބާރާތަކުން ވަނަ ހޯދުމުން ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަހުމަދު އިނާމު ހަވާލުކުރަނީ.

ފުރަތަމަ މުބާރާތާއެކު ގަދައަށް ވިދާލި

އާމިން ކިޔައިދިން ގޮތުގައި މޮޅު ރާޅާއެޅުންތެރިއަކަށް ވުމަށް ވަރަށް ފަރިތަކުރަން ޖެހޭނެ އެވެ. ބިރު ކުޑަވާން ޖެހޭނެ އެވެ. ވަރަށް ގިނަ ވަގުތު އެކަމުގައި ހޭދަ ކުރަން ޖެހޭނެ އެވެ. އޭނާ އަކީ އެބުނި ފަދަ މިސާލެކެވެ. 2022ގައި ރާއްޖެއަށް އައި ފުރަތަމަ އިންޓނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) މުބާރާތުގައި ދުނިޔޭގެ ފެންވަރުގެ ބޮޑީބޯޑަރުންނާ ވާދަކޮށް ޖޫނިއާ ބައިން ދެވަނަ ހާސިލްކުރި އެވެ.

އެ މުބާރާތުގައި އޭނާ ދެއްކި މޮޅު ހުނަރުގެ ސަބަބުން އޭނާއަށް އިތުބާރުކޮށް، ރާއްޖޭގެ އެއްވަނަ ބޮޑީބޯޑާ ކުޑައައްޔަ އާއި، އެއަހަރު އައިބީސީ. ވާލްޑް ޓުއާގައި ރާއްޖެއައި ބައެއް ބޭރު ރާޅާއެޅުންތެރިން، ޖެހިގެން އޮތް އަހަރުގެ ޖޫނިއާ ވާލްޑް ޓުއާގައި ބައިވެރިވުމަށް އޭނާއަށް ހިތްވަރު ދިނެވެ.

"އެ ޗާންސް ލިބުނުއިރު އަޅުގަނޑު ހުރީ އިނގިރޭސި ވިލާތުގައި ކިޔަވަން. ކިޔެވުން މެދުކަނޑާލާފައި އެމުބާރާތުގައި ބައިވެރިވާން އައީ،" އާމިން ބުންޏެވެ.

މިދިޔަ އަހަރު ޖޫނިއާ ބައިން ތިންވަނަ ހާސިލް ކުރި އެވެ. އެއަހަރު ފްރާންސް، ޕޯޗުގަލް، އަދި ކެނެރީ އައިލެންޑްސްގެ މުބާރާތުގައި ވާދަކޮށް މުޅި ދުނިޔޭގެ ޖޫނިއާ "ދިހަ ވަނަ" ރާޅާއެޅުންތެރިޔާގެ ޝަރަފް ވެސް އޭނާއަށް ލިބުނެވެ.

"ވަރަށް ވާދަވެރި ހީޓްތަކެއް އަޅަމުން ގޮސް ވަނަ ލިބުނީމަ ވަރަށް އުފާވި،" އާމިން ބުންޏެވެ.

ރާއްޖެ ލީގުގައި ވެސް ވަރަށް ފަޚުރުވެރި ކާމިޔާބީތަކެއް އާމިން ވަނީ މިހާތަނަށް ހާސިލް ކޮށްފަ އެވެ. ދެހާސް ބާވީސް އަދި 2023 ގެ ބޮޑީބޯޑިން ރާއްޖެ ލީގުގައި ވާދަކޮށް ނެޝަނަލް ޖޫނިއާ ޗެމްޕިއަން ކަން ހާސިލްކުރި އެވެ. ހަމަ އެއަހަރު 2023 ގައި މެންސްއޯޕަންގައި ބައިވެރިވެރިވެގެން ރާއްޖެއިން ތިންވަނަ ވެސް ހާސިލްކުރި އެވެ.

އާމިން ވަރުނުލާ ރާޅުގަނޑުގައި ރާޅާ އަޅަނީ.

އެންމެ ފަހުން ބައިވެރިވި ބޮޑީބޯޑިން ލީގް ފުރަތަމަ މުބާރާތުން ވަނަތަކެއް ނުލިބުނު ކަމަށް ވިޔަސް ވަރަށް ގިނަ ކަންތައްތަކެއް ދަސްވިކަމަށް އޭނާ ގަބޫލުކުރެ އެވެ. އެ މުބާރާތުގައި ހެދުނު ކުށްތައް ރަނގަޅުކޮށް 2024 އޯގަސްޓްގައި އޮންނަ އައިބީސީ ބޮޑީބޯޑިން ވާލްޑް ޓުއާގައި ހިމެނޭ "މޯލްޑިވްސް ޕްރޯ" ގައި މޮޅު" ރާޅާއެޅުންތަކެއް ދެއްކުމަށް އޭނާ މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

ރާޅާއަޅާ ސަރަހައްދު ރީތިކޮށް ބޭއްވުމަކީ ވަރަށް ބޮޑު އެދުމެއް

"މޯލްޑިވްސް ޕްރޯ" އަކީ އައިބީސީގެ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތެވެ. ވަރުނުލާ ރާޅުގަނޑު ސަރަހައްދަކީ މިފަދަ ބޮޑެތި މުބާރާތް ބޭއްވޭ ސަރަހައްދަކަށް ވާތީ، އެ ސަރަހައްދު ރީތިކޮށް ބޭއްވުމަކީ އާމިން އަދި ރާޅާއަޅާ ހުރިހާ އެންމެންގެ ވަރަށް ބޮޑު އެދުމެކެވެ. ރާޅުގަނޑު ސަރަހައްދުގައި ޑަސްބިން ހުންނައިރު ވެސް އެ ސަރަހައްދުގެ އެކި ތަންތަނަށް ކުނިއަޅާ ހަޑިކޮށްފައި ހުންނަކަން ފާހަގަވާ ކަމަށް އާމިން ބުންޏެވެ.

"މޫދަށް އެރި މޫދުގައި އޮންނައިރު އޮއިގަނޑާއެކީ ބައިވަރު ކުނި އަންނަތަން ފެންނާނެ. ވަރަށް ދެރަވޭ ރާޅުތެރޭ އުޅޭއިރު އެކަހަލަ އެއްޗެހި ފެންނާތީ،" އޭނާ ގެ ކަންބޮޑުވުމެއް ފާހަގަކޮށްލި އެވެ.

އާމިން ދެކޭގޮތުގައި މޫދަށް ކުނިއެޅުމަކީ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ހުއްޓަން ޖެހޭ ކަމެކެވެ. އެއީ މޫދަށާއި ގޮނޑުދޮށަށް ކުނިއެޅުމުން ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ސީދާ ގޮތުންނާއި ނުސީދާކޮށް ގެއްލުންވާނެތީ އެވެ.

އާމިން ވަރުނުލާ ރާޅުގަނޑުގައި ރާޅާ އަޅަނީ.

އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ އާއިލާއިން

އާމިންގެ ކެރިއާ ކުރިއެރުވުމުގައި ވަރަށް ގިނަ ބައެއްގެ އެހީތެރިކަން ލިބޭކަން އޭނާ ވަރަށް ވަރަށް އުފަލާއެކު ފާހަގަކުރެ އެވެ.

"މަންމަ ސަޕޯޓް ދޭތީވެ ވަރަށް އުފާވޭ. ވަރަށް ޝުކުރުވެރިވަން. ސްޕޮންސާ ވެސް އާމިން އަށް ވަރަށް ސަޕޯޓްދޭ. ދެން އަދިވެސް އާއިލާގެ ވަރަށް ބައިވަރު އެހެން މީހުންގެ ފަރާތުން ލިބޭ ސަޕޯޓާއެކީ މިކުޅިވަރުގައި ކުރިއަށް ދެވޭތޯ އުންމީދަކީ،" އާމިން ބުންޏެވެ.