ޔޫރޯ ފަދަ މުބާރާތެއްގައި ވާދަކުރާއިރު ކޮންމެ ޓީމެއްގެވެސް އެންމެ ބޮޑު އަމާޒަކަށްވާނީ މުބާރާތުގެ ތަށި ހޯދުމެވެ. އެކަމަކު އިންޑިވިޑުއަލް ވަނަތަކަށް ބަލާއިރު، ކުޅުންތެރިއަކަށް މި މުބާރާތުގައި ހޯދޭނެ އެންމެ މަތީ ޝަރަފަކީ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިއަކަށް ދޭ ރަންބޫޓު ހޯދުމެވެ.

ޔޫރޯގެ ރަންބޫޓު މީގެ ކުރިން އެތައް ލެޖެންޑުން ވަނީ ހޯދައިފަ އެވެ. ގާޑް މުލާ، މާކޯ ވެން ބާސްޓަން، އެލަން ޝިއެރާ އަދި ފެނާންޑޯ ޓޮރޭސް އަކީ މި އެވޯޑް މީގެ ކުރިން ހޯދާފައިވާ ލެޖެންޑުންނެވެ. މިފަދަ ކުޅުންތެރިން ހިމެނޭ ލިސްޓަކަށް އެރުމަކީ ކޮންމެ ކުޅުންތެރިއަކަށް ވެސް ލިބޭނެ ޝަރަފެކެވެ.

މި ފަހަރު ރަންބޫޓު ހޯދާނީ ކޮން ކުޅުންތެރިއެއް؟ މި ލިޔުމުގައި މި ފަހަރުގެ ރަންބޫޓަށް ވާދަކުރާނެ ކަމަށް ބެލެވޭނެ ކުޅުންތެރިންތައް ފާހަގަކޮށްލާނަމެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ (ޕޯޗުގަލް)

ރޮނާލްޑޯއަކީ އިތުރު ތައާރަފެއް ބޭނުންވާނެ ކުޅުންތެރިއެއް ނޫނެވެ. އުމުރުން 39 އަހަރުގައި ވެސް ރޮނާލްޑޯ އަށް ފަނޑުކަމެއް ނާދެ އެވެ. ރޮނާލްޑޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އަށް 128 ލަނޑު ޖަހަފާއިރު، 206 މެޗާއެކު އޭނާ އަކީ ގައުމީ ޓީމަަކަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ.

މި ފަހަރުގެ ޔޫރޯ އަކީ ރޮނާލްޑޯގެ ކެރިއަރުގައި އޭނާ ކުޅޭ 12 ވަނަ ބައިނަލްއަޤްވާމީ މުބާރާތެވެ. ރޮނާލްޑޯ އަކީ 2020 ވަނަ އަހަރުގެ ޔޫރޯގެ ރަންބޫޓު ހޯދި ކުޅުންތެރިޔާ އެވެ. މިއީ އޭނާ ޔޫރޯގައި ފެންނާނެ ފަހު ފަހަރު ކަމަށް ބެލެވިފައިވާއިރު، މި ފަހަރުގެ ރަންބޫޓު ހާސިލްކުރުމަކީ އޭނާގެ އަމާޒަކަށްވާނެ އެވެ.

ހެރީ ކޭން (އިންގްލެންޑް)

އިންގްލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ ކަމަށްވާ ހެރީ ކޭން އަކީ އިންގްލެންޑްގެ ޓީމަށް މުހިންމު ކުޅުންތެރިއެކެވެ.

މި ފަހަރުގެ ޔޫރޯ އަށް ކޭން ނުކުންނައިރު، ނިމިގެންދިޔަ ސީޒަންގައި އޭނާ ހުރީ ރަނގަޅު ފޯމެއްގައެވެ. ބަޔާން މިއުނިކްގައި އޭނާ ވަނީ 45 މެޗުން 45 ގޯލު ޖަހައިފަ އެވެ.

އަމިއްލަ ގޮތުން ބަޔާންގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ރެކޯޑް ރަނގަޅު ނަމަވެސް، މިިދިޔަ ސީޒަން ވެސް އޭނާ ނިންމާލީ ހުސްއަތާ އެވެ. މި ފަހަރުގެ ޔޫރޯވެސް ހުސްއަތާ ނިންމާލާކަށް އޭނާ ބޭނުމެއް ނުވާނެ އެވެ.

ކިލިއަން އެމްބާޕޭ (ފްރާންސް)

ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި މި ފަހަރުގެ ޔޫރޯގެ ރަންބޫޓު ހޯދާނީ ކިލިއަން އެމްބާޕޭ އެވެ. ފްރާންސްގެ ގައުމީ ޓީަމށް އެމްބާޕޭ ،25، މިހާތަނަށް ކުޅުނު 77 މެޗުގައި އޭނާ ވަނީ 46 ލަނޑު ޖަހައިފަ އެވެ. އެހެންކަމުން ފްރާންސްގެ ޖޯޒީގައި އޭނާ އަކީ ގޯލާ ރައްޓެހި ކުޅުންތެރިއެއްކަން ސާބިތުވެ އެވެ.

އެމްބާޕޭ އަކީ 2022 ވަނަ އަަހަރު އޮތް ވޯލްޑް ކަޕްގެ ރަންބޫޓު ހޯދި ކުޅުންތެރިޔާ އެވެ. އެމްބާޕޭ އަކީ ކޮންމެ ވަގުތެއްގައި ވެސް މެޗެއް އަނބުރާލުމުގެ ކޮލިޓީ ހުރި ކުޅުންތެރިއެކެވެ.

ފްރާންސްގެ ކިލިއަން އެމްބާޕޭ

ފްރާންސް އިން ތިން ވަނަ ފަހަރަށް ޔޫރޯ ހޯދަން ނުކުންނައިރު، އިދިކޮޅު ޓީމުތައްވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެމްބާޕޭއަށެވެ.

ރޮބަޓް ލެވަންޑޮވްސްކީ (ޕޯލެންޑް)

ޕޯލެންޑްގެ ކެޕްޓަން ރޮބަޓް ލެވަންޑޮވްސްކީ އަކީ ގޯލު ޖަހަން އެނގޭ ކުޅުންތެރިއެކެވެ. ލެވަންޑޯވްސްކީގެ 19 އަހަރުވީ ކެރިއަރުގައި އޭނާ ގައުމީ ޓީމަށް ކުޅުނު 148 މެޗުން 82 ލަނޑު ޖަހައިފަ އެވެ. ލެވަންޑޮވްސްކީ އަކީ ޕޯލެންޑްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. މުޅި ކެރިގައި ލެވަންޑޮވްސްކީ ،35، ވަނީ 600 އަށް ވުރެ ގިނަ ލަނޑު ޖަހައިފަ އެވެ.

އެންމެ ފަހުން އޮތް ޔޫރޯގައި ލެވަންޑޮވްސްކީ ވަނީ ތިން މެޗުން ތިން ލަނޑު ޖަހައިފަ އެވެ. މި އަަހރުގެ ޔޫރޯއަކީ އޭނާ ބައިނަލްއަގުވާމީ މުބާރާތެއްގައި ކުޅޭ ހަ ވަނަ ފަހަރެވެ.

ރޮމެއޫ ލުކާކޫ (ބެލްޖިއަމް)

މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި ރޮމެއޫ ލުކާކޫ ވަނީ 14 ލަނޑު ޖަހައިފަ އެވެ. މިއީ ޔޫރޯ ކޮލިފައިންގެ ރެކޯޑެކެވެ. އެ ސަބަބަށްޓަކައި މި ފަހަރުގެ ޔޫރޯގައި ވެސް ލުކާކޫގެ ފަރާތުން ގޯލުތަކެއް ފެންނާނެ ކަމަށް އުންމީދުކުރެވެ އެވެ.

ލުކާކޫ ،31، އަކީ ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާ އެވެ. ބެލްޖިއަމްގެ ޓީމަށް މިހާތަނަށް ކުޅުނު 114 މެޗުގައި އޭނާ ވަނީ 83 ލަނޑު ޖަހައިފަ އެވެ. މިއީ ބެލްޖިއަމްގެ ގައުމީ ޓީމާއެކު ލުކާކޫ ބައިނަލްއަގުވަމީ މުބާރާތެއްގައި ކުޅޭ ހަ ވަނަ ފަހަރެވެ.

ލުކާކޫ ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ. އެ މުބާރާތުގައި އޭނާ ވަނީ ހަތް މެޗުން ހަތަރު ލަނޑު ޖަހައިފަ އެވެ.

ކޯޑީ ގަކްޕޯ (ނެދަލޭންޑްސް)

ނެދަލޭންޑްސްގެ ޓީމުން ރަންބޫޓަށް އެންމެ ވާދަކުރާނެ ކަމަށް ބެލެވެނީ ލިވަޕޫލަށް ކުޅޭ ފޯވަޑް ކޯޑީ ގަކްޕޯ އެވެ. އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ނެދަލޭންޑްސްއަށް އެންމެ ގިނަ ލަނޑު ޖަހައިދިނީ ގަކްޕޯ އެވެ. އެ މުބާރާތުގައި ގަކްޕޯ ،25، ތިން ލަނޑު ޖެހި އެވެ.

ނެދަލޭންޑްސްގެ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 23 މެޗުން އޭނާ ވަނީ ނުވަ ގޯލު ޖަހައިފަ އެވެ.

ޖިއަންލޫކާ ސްކަމާކާ (އިޓަލީ)

ވެސްޓް ހޭމްގައި ދަށް ސީޒަނެއްގައި ހޭދަކުރުމަށްފަހު، އިޓަލީގެ އެޓަލާންޓާގައި ޖިއަންލޫކާ ސްކާމާކާ ވަނީ އަލުން ފޯމަކަށް އެޅިފަ އެވެ. މިދިޔަ ސީޒަންގައި ސްކަމާކާ ،25، ވަނީ އެޓަލާންޓާގައި 19 ލަނޑު ޖަހައިފަ އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ދިފާއުކުުރުމަށް އިޓަލީ ނުކުންނައިރު، އެ ޓީމުގެ އޭޓޭކްގައި ސްކަމާކާގެ ރޯލު މުހިންމުވާނެ ކަމަށް ބެލެވެ އެވެ. އެހެންކަމުން މި ފަހަރުގެ ޔޫރޯގައި ސްކަމާކާގެ ގޯލުތަކެއް ފެނުމަކީ އެކަށީގެންވާ ކަމެކެވެ.

އަލްވާރޯ މޮރާޓާ (ސްޕެއިން)

ޔޫރޯގެ ތަށި ތިން ވަނަ ފަހަރަށް ހޯދުމަށް ނުކުންނަ ސްޕެއިންގެ ކެޕްޓަނަކީ އަލްވާރޯ މޮރާޓާ އެވެ. ތަޖުރިބާކާރު ފޯވަޑް ވަނީ ކުރިން ޗެލްސީ އާއި ޔުވެންޓަސްއަށް ވެސް ކުޅެފަ އެވެ. ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު 74 މެޗުގައި އޭނާ ވަނީ 34 ލަނޑު ޖަހައިފަ އެވެ.

މި ވަގުުތ ސްޕެއިންގެ ސްކޮޑުގައި ތިބި ކުޅުންތެރިންނަށް ބަލާޢިރު، މޮރާޓާއާ ގާތަށް ވެސް ގައުމީ ޓީމަށް ގޯލުތައް ޖަހައިދިން ކުޅުންތެރިއެއް ނެތެވެ. މި ފަހަރު ސްޕެއިންގެ އެޓޭކްގައި މޮރާޓާގެ މުހިންމުކަން ބޮޑެވެ.

ނިކްލަސް ފުލްކްރޫގް (ޖަރުމަން)

ނިކްލަސް ފުލްކްރޫގް ގައުމީ ޓީމަށް ކުޅެންފެށީ އޭނާގެ އުމުުރުން 29 އަހަރުގަ އެވެ. އެކަމަކު ލިބުނު ފުރުސަތުގެ ބޭނުން އޭނާ ވަނީ ވަރަށް ރަނގަޅަށް ހިފައިފަ އެވެ. ފުލްކްރޫގް ،31، ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 15 މެޗުގައި އޭނާ ވަނީ 11 ލަނޑު ޖަހައިފަ އެވެ.

މިދިޔަ ސީޒަންގައި ފުލްކްރޫގް ވަނީ ބޮރޫޝިއާ ޑޯޓްމަންޑްގައި 15 ލަނޑު ޖަހައިފަ އެވެ. އެހެންކަމުން ޔޫރޯއަށް ދާއިރު ފުލްކްރޫގް ހުރީ ރަނގަޅު ފޯމެއްގަ އެވެ.