މައްކާ (ޖޫން 17) - މި އަހަރުގެ ހައްޖު މޫސުމުގައި ސައުދީ އަރަބިއާގައި އާދަޔާޚިލާފަށް ހޫނުގަދަވުމުގެ ސަބަބުން ހީޓް ސްޓްރޯކް ޖެހިގެން 19 ހައްޖާޖީއަކު މަރުވެފައިވާ ކަމަށް ސައުދީގެ ކަމާބެހޭ އޮފިޝަލުން ބުނެފި އެވެ.

މަރުވި މީހުންގެ ތެރޭން 14 މީހުންނަކީ ޖޯޑަންގެ ހައްޖާޖީންނެވެ. އެ ގައުމުގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އިތުރު 17 މީހަކު ގެއްލިފައިވާ ކަމަށެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ޖޯޑަން އިން ވަނީ ފަށައިފަ އެވެ. ޖޯޑަން އިން މި އަހަރުގެ 4،000 މީހުން ހައްޖަށް ދިޔަ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނީ އީރާނުގެ ފަސް ހައްޖާޖީއަކު ވެސް ހައްޖުގެ އަޅުކަމުގެ ތެރޭގައި މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެ މީހުން މަރުވި ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. އީރާނުގެ ރެޑް ކްރެސެންޓާ ހަވާލާދީ ބުނެފައި ވަނީ އެ ފަސް މީހުން ވެސް މަރުވި ސަބަބެއް ކަމަށް ބެލެވެނީ ހޫނުގަދަވުމުންނެވެ.

މައްކާ ހިމެނީ ސަރަހައްދުގެ ފިނިހޫމިން އިއްޔެ ހުރީ 49 ޑިގްރީ ސެލްސިއަސް (120 ޑިގްރީ ފެރަންހައިޓް) ގަ އެވެ.

މި އަހަރުގެ ހައްޖުގައި އަރަފާތު ދުވަހުގެ ހޫނު ވަނީ ގާދަޔާޚިލާފަށް ގަދަވެފަ އެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި އަރަފާތު ދުވަހު ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ޖެހިފަ އެވެ. އަރަފާތު ބިމުގައި ގާއިމްކޮށްފައިވާ ޓްރީޓްމަންޓް ސެންޓަރުން ވަނީ ހޫނުގަދަވުމުން 225 މީހުން ފަރުވާ ހޯދާފައި ކަމަށް ސައުދީގެ އޮފިޝަލުން ބުނެ އެވެ.

ހައްޖުވެރިންނަށް ފަރުވާ ދިނުމަށް 1،600 އަށް ވުރެ ގިނަ މެޑިކަލް ޔުނިޓްތައް ސައުދީ ސިފައިން ވަނީ ގާއިމްކޮށްފަ އެވެ. މީގެ ތެރޭން ގިނަ ޓީމުތައް ތަމްރީނުކޮށްފައި ވަނީ ހީޓް ސްޓްރޯކަށް ފަރުވާ ދިނުމަށެވެ. އަދި 30 އަށް ވުރެ ގިނަ ރެޕިޑް ރެސްޕޮންސް ޓީމުތައް ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން ހައްޖުގެ އަޅުކަމުގައި 5،000 އަށް ވުރެ ގިނަ ފަސްޓް އެއިޑް އަދި ވޮލަންޓިއަރުން ވެސް ހަރަކާތްތެރިވި އެވެ.

އަރަފާތު ބިމުގެ ހޫނުގަދަ ވުމުގެ ސަބަބުން ހޫނު މަޑުކުރުމަށްޓަކައި ނަމިރާ މިސްކިތުން ފެށިގެން 25،000 އަކަ މީޓަރުގެ ސަރަހައްދެއްގައި ވަނީ ކޯޓިންއެއް މިފަހަރު ލައިފަ އެވެ.

ހައްޖުގައި އާއްމުކޮށް މީހުން މަރުވަނީ ފިތިގެންނާއި ގައިދަށުވެގެންނެވެ. މިދިޔަ އަހަރުގެ ހައްޖުގައި ވަނީ 240 މީހުން މަރުވެފަ އެވެ. އަދި 2015 ވަނަ އަހަރު 2،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ވަނީ 1.8 މިލިއަން މީހުން އަދާކޮށްފަ އެވެ.

މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ވެސް ހޫނުގަދަ ވެގެން 10،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ އެކި މައްސަަލަތައް ދިމާވި އެވެ. އޭގެ ތެރޭން 10 ޕަސެންޓަކީ ހީޓް ސްޓްރޯކެވެ. މިދިޔަ އަހަރުގެ އަރަފާތު ދުވަހު ވެސް ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސް އަށް އަރައިފަ އެވެ.