މައްކާ (ޖޫން 21) - މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ދުވަސްވަރު މައްކާ ހިމެނޭ ސަރަހައްދުގެ ފިނިހޫނުމިން އާދަޔާޚިލާފަށް މައްޗަށް ޖެހި ހީޓް ސްޓްރޯކް ޖެހިގެންނާއި އެހެން ގޮތްގޮތުން މަރުވި ހައްޖާޖީންގެ އަދަދު ހާހަކަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މަރުވި މީހުންގެ ތެރޭން ގިނައީ މިސްރު މީހުންނެވެ. އެ ގައުމުން 658 މީހުން މަރުވި އިރު 630 މީހުން މައްކާ އަށް އެތެރެވެފައި ވަނީ ރަޖިސްޓްރީ ނުކޮށެވެ.

ހައްޖަށް ދިޔަ މީހުންގެ ތެރޭން މަރުވި މީހުން ނިސްބަތްވަނީ 10 ވަރަކަށް ގައުމަކަށެވެ. އެ ގައުމުތަކުން މަރުވި މީހުންގެ އަދަދު މިހާތަނަށް ވަނީ 1،081 އަށް އަރައިފަ އެވެ. އަދި މީގެ އިތުރުން އެތައް ބަޔަކު ވަނީ ގެއްލިފަ އެވެ.

ޖޯޑަން އިން ހައްޖަށް ދިޔަ މީހުންގެ ތެރޭން 68 މީހުން ވަނީ މަރުވެފަ އެވެ.

މައްކާގެ ހަރަމްފުޅު ހިމެނޭ ސަރަހައްދުގެ ހޫނުމިން މިދިޔަ ހޯމަ ދުވަހު ހުރީ 51.8 ޑިގްރީ ސެލްސިއަސް (125 ޑިގްރީ ފެރަންހައިޓް) ކަމަށް އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ. ހައްޖުވެރިންނަށް ފިނިކަން ފޯރުކޮށްދިނުމަށް ސައުދީން ގެންދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ.