ހދ. ހަނިމާދޫ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ޖަލީލް މޫސާ (ޖައްލެ) ކަން "ހުރިހާ" އަށް ޔަގީންވެއްޖެ އެވެ.

ހަނިމާދޫގައި އަމިއްލަ ވިޔަފާރިއެއް ވެސް ކުރަމުން އަންނަ އުމުރުން 64 އަހަރުގެ ޖައްލެ ވަނީ ހަނިމާދޫގެ އިތުރުން ބައެއް ރަށްތަކުގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަންކޮށްފަ އެވެ. ހާއްސަކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އޭނާ ވަނީ ގިނަ ހިދުމަތްތަކެއް ކޮށްދީފަ އެވެ. އޭނާ ދަންނަ ބައެއް މީހުން ބުނާ ގޮތުގައި އެއީ ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. ޖައްލެ ވަނީ ހަނިމާދޫގައި ވެސް ކުޅިވަރު ކުރިއެރުވުމަށް މަސައްކަތް ކޮށްފަ އެވެ.

ޖައްލެގެ މަރުގެ ޚަބަރާ ގުޅިގެން ކުޅިވަރުގެ އިސް ފަރާތްތަކުން ދަނީ ތައުޒިޔާގެ މެސެޖްތައް ފޮނުވަމުންނެވެ.

ނިއު ރޭޑިއަންޓުގެ ކުރީގެ ކުޅުންތެރިޔާ އަހުމަދު ޖަލީލް (ޖައްލެ) އާއި ކޯޗު މާއްޓޭ (ވ)

ނިއު ރޭޑީއަންޓުގެ ކުރީގެ ޗެއާމަން ކަމާއި އެފްއޭއެމްގެ ޗެއާމަންކަން ވެސް ކުރެއްވި އަލީ އާޒިމް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަލީލަކީ ވަރަށް ރަނގަޅު އެކުވެރިއެއް ކަމަށާއި މަޖާ، މުރާލި، ހީވާގި މީހެއް ކަމަށެވެ. އަދި ނިއު ރޭޑިއަންޓަށް އެތައް ކުޅިވަރެއް ކުޅެ ޚިދުމަތްކޮށްދީފައިވާ ފަރާތެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ޖައްލެގެ މަރުގެ ޚަބަރާ ގުޅިގެން ނިއުގެ ރަސްމީ ފޭސްބުކް ޕޭޖުން ވެސް ވަނީ ތައުޒިޔާގެ ޕޯސްޓެއް ކޮށްފަ އެވެ.

https://www.facebook.com/share/p/jAUAzkapwnDkVsDt/?mibextid=oFDknk

ނިއު ރޭޑިއަންޓުން 2005 ވަނަ އަހަރު އޭއެފްސީ ކަޕުގެ ސެމީ ފައިނަލްގައި ކުޅުނު އިރު އެ ޓީމުގެ އޮފިޝަލްކަން ކުރި ފަރާތެކެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ނިއު އިން އެފް އޭކަޕް ދެވަނަ ފަހަރަށް މިލްކު ކުރި އިރު ވެސް އެއީ ޓީމުގެ މުހިންމު ޚިދުމަތްތެރި އެކެވެ. ޖައްލެގެ ފުޓުބޯޅަ ހަޔާތުގެ ކުރީކޮޅު ކުޅެފައި ވަނީ ނިއުގެ ވާދަވެރި ވިކްޓަރީ އަށެވެ.

ނިއުގެ ކުރީގެ ކުޅުންތެރިޔާ ޖައްލެ (މ)

ފުލުހުން ބުނީ ހަނިމާދޫ ގެއެއްގެ ކޮޓަރިއެއްގައި ކުއްޔަށް އުޅޭ މީހަކު ރޭ ކޮޓަރިއަށް ވަތް ގޮތަށް ހަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން އެގެއަށް ގޮސް ބެލިއިރު، އެއްވެސް ހަރަކާތެއް ނެތް މީހަކު އެނދުމަތިން ފެނުނު ކަމަށެވެ. އަދި ހެލްތު ސެންޓަރަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ޖައްލެގެ ޖަނާޒާ މިރޭގެ އިޝާ ނަމާދަށް ފަހު ވަނީ ހުޅުމާލޭ އާސަހަރާގައި ބާއްވައިފަ އެވެ.

ނިއުގެ ކުރީގެ ކުޅުންތެރިޔާ ޖައްލެ