މަސްވެރިންގެ ހައްގުގައި ވަކާލާތުކުރާނެ ކަމަށް ބުނެ އެމްޑީޕީން މަޖިލީހަށް ހުށަހަޅަން ބުނި ކުއްލި މައްސަލަ މިއަދު ހުށަހަޅާ އެ ޕާޓީގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދިދީ ޖަލްސާ އަށް ހާޒިރު ނުވުމުން އެ މައްސަލަ ކުރިއަށް ނުގެންދެވި، ކެންސަލް ކުރަން ޖެހިއްޖެ އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީއަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުމުގެ ފުރުސަތު ދެއްވާފައިވާ ކަމަށާއި، އެހެންނަމަވެސް މަޖިލިސް ފެށުނުއިރު މައްސަލަ ހުށަހެޅުއްވި މެމްބަރު މަޖިލީހަށް ހާޒިރިވެވަޑައިގެން ނެތުމުން މައްސަލަ ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.

"ކުއްލި މައްސަލަ ހުށަހެޅުއްވި މެންބަރު ތަޅުމުގައި ވަޑައިގެންނެތީމަ، މިވަގުތު ކުއްލި މައްސަލައާއިގެން ކުރިއަށް ދެވޭކަށް ނެތް، އަބްދުއްރަހީމް ވިދާޅުވި އެވެ.

އައްޑޫގެ ފިޝަރީސް ކޮމްލެކްސްގައި މަސްވެރިން ކުރަމުންދާ މުޒާރައާ ގުޅުވައި، ހައްގުތައް ކަށަވަރުކޮށް ދިނުމަށް ގޮވާލާ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓު ގުރޫޕުން އިއްޔެ ވަނީ ހާމަކޮށްފަ އެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފު ޒާކިރު ވިދާޅުވީ އެމްޑީޕީން ތިބީ މަސްވެރިންނާ އެކު ހައްގު ހޯދާދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ތައްޔާރުގައި ކަމަށެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ދީދީ ވިދާޅުވީ، އިގްތިސާދުގެ ބޮޑު އިންސައްތައެއް މަސްވެރިން ހިފަހައްޓާއިރު، ކުރާ މަސައްކަތަށް އަގު ނުދެވެންވީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން މަސްވެރިންނަށް ލިބެން ޖެހޭ ފައިސާ، ނުލިބުމަކީ އިގްތިސާދު މަޑުޖެހޭނެ ސަބަބެއް ކަމަށް ދީދީ ވިދާޅުވި އެވެ. އޭނާ ވަނީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ، އެއްވެސް ބަހަނާއެއް ނެތި ދޭން ވެސް ގޮވާލާފަ އެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި އޮތް މައްސަލާގައި އައްޑޫ މަސްވެރިން އިހުތިޖާޖު ކުރަން ފެށީ ފާއިތުވި ހުކުރު ދުވަހު އެވެ. މަސްވެރިންގެ އިހުތިޖާޖުގެ ތެރެއިން ހަމަނުޖެހުން ހިނގައި އައްޑޫ ފިޝިން ކޮމްޕްލެކްސްގެ ބައެއް ތަންތަނާއި މުދަލަށް ގެއްލުން ލިބިފައިވެ އެވެ. އަދި އައްޑޫގައި ހިނގަމުންދާ މިފްކޯގެ އޮޕަރޭޝަން އެކީ ހުއްޓުމަކަށް އައިސްފައިވެ އެވެ. މިފްކޯއިން ވަނީ އެ ކުންފުނީގެ އޮޕަރޭޝަންތަކަށް ހުރަސްއަޅާ ދޯނިފަހަރާމެދު ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ.