މާލޭގައި ވެހިކަލްތައް ގިނަވެ، ޓްރެފިކް ބާރުބޮޑުވާ މައްސަލަ ހައްލުކުރުމަށް ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓް އޮތޯރިޓީ (އާރުޓީއޭ) އާއެކު މަޝްވަރާކޮށްފިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ދުބާއީގެ ރޯޑްސް އެންޑް ޓްރާންސްޕޯޓު އޮތޯރިޓީއާކު ބޭއްވުނު ބައްދަލުވުމުގައި މާލެ ސަރަޙައްދުގައި ވެހިކަލް ތޮއްޖެހޭ ޖެހުން ކުޑަކުރުމާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި މި މަސައްކަތް ކުރަން އާރުޓީއޭއިން ޓެކްނޮލޮޖީ އެހީތެރިކަން ފޯރުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަން ކުރާނީ ދެފަރާތުގެ މެދުގައި އެއްބަސްވެފައިވާ ފްރޭމް ވޯކެއްގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މާލޭގެ ޓްރެފިކް ތޮއްޖެހުން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ދުބާއީ އާރުޓީއޭގެ ޓެކްނޮލޮޖީ އަދި ތަޖުރިބާގެ ބޭނުން ހިފާނެ ކަމަށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި 5 އަހަރުގެ ތެރޭގައި 69،780 އުޅަނދެއް އަލަށް ވަނީ ރަޖިސްޓްރީކޮށްދީފަ އެވެ. މީގެ ތެރެއިން ހަމައެކަނި މާލޭ ސަރަހައްދަށް ރަޖިސްޓްރީކޮށްދީފައިވާ އުޅަނދުތަކުގެ އަދަދުވެސް 42،000 އަށް ވުރެ ގިނަ އެވެ.