1. ލެގަސީ ޖިމް އާއި ބެހޭގޮތުން ބުނެލަން އޮތީ ކިކޭ؟
ޖަވާބު: ލެގަސީ ފިޓްނަސްއަކީ ވަރަށް ކުޑައިރުއްސުރެ ދެކެވުނު ހުވަފެނެއް. ބައްޕަ މި ދާއިރާއަށް މެދުކެނޑުމެއްނެތި ކޮށްދިން ހިދުމަތުގެ އަގުވަޒަންކޮށްދިނުމުގެ ގޮތުން ބައްޕަގެ ލެގަސީ ދަމަހައްޓައިދޭން ކޮށްދިން ކަމެއް ލެގަސީ ފިޓްނަސްއަކީ. މި ބްރޭންޑް ވުޖޫދުވީ ވަަރަށް ގިނަ ދުވަހުގެ މަސައްކަތުން. ޖިިމް އަކީ އާ ޖިމް އެއް ނަމަވެސް ފިޓްނަސް ވަނީ އަހަރުމެންގެ ލެޔާ ވަރަށް ބޮޑަށް ގުޅި ލާމެހިފައި. ސަބަބަކީ ލެގަސީ އަކީ ފެމިލީ ބިޒްނަސްއެއް ކަމަށްވުން. އެގޮތުން އަހަރުމެންގެ ޓީމަކީވެސް ދާއިރާއަށް ދެކެފަރިތަ މޫނުތައް ހިމެނޭހެން އުފެދުނު ޓީމެއް، ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި ހުޅުމާލޭގައި ހުރި އެންމެ ޖާގައިގެ ގޮތުުންވެސް ތަނަވަސް ހިތްފަސޭހަ އަދި ރައްޔިތުންގެ ލޯބި އަދި ތަރުހީބު ލިބުނު ޖިމް އަކަށް ވެގެންދިޔަ.
2. ފިޓްނަސް ދާއިރާގައި އުޅޭތާ ކިހާ ދުވަހެއްވެއްޖެ؟
ޖަވާބު: މިހާރު މި ދާއިރާއަށް ޚިދުމަތްކުރާތާ މިވަނީ 9 ވަަނަ އަހަރު.
3. ރާއްޖޭގެ ޑައެޓް ކަލްޗާ އާ ބެހޭ ގޮތުން ބުނެލަން އޮތީ ކީކޭ؟
ޖަވާބު: ތިޔަށް ދޭން ޖެހޭ ޖަވާބު ވަރަށް ބޮޑު. ސަބަބަކީ މި ޒަމާނުގައި އެންމެނަށް ވެސް މިންހެޔޮ ކާނާއާއި ރަނގަޅާއި ނުބައި ބުނެދޭން ޑައެޓިޝަންއަކަށް ވެފައި އޮންނަނީ ޓިކްޓޮކް. ދެކޮޅު ނުބަލާ އެކަކު ކޮންމެވެސް ސަޔެއް ބޮޔެގެން ހިކެޔޭ ބުނެފިއްޔާ އެވެސް އަޖުމަކުރަންވީ.
އެއްބައި މީހުން ކޮންމެވެސް ނަދުރެއްގަނެގެން ދުވާލަކު އެއް ފަަހަރު ކައިގެން ދެން ތިބި ބައެއް އަތުގައި އެއްޗެއް ނުޖެހިފަ. ރާއްޖެއަކީ ތަހުޒީބު މީހުން ގިނަ ތަނެއް ނަމަވެސް ގޮތް ދޫނުކުރުމާއި މޮޅެތި ޝަކުވާތަކުގެ ސަބަބުން ދިވެހިރާއްޖެއަކީ މި ބައްރުގެ އެންމެ ފަލަ މީހުން އެންމެ ގިނަ އެއް ގައުމުގެ ގޮތުގައި ވެފައި އޮންނަ ގައުމެއް. ޑައެޓް ކަލްޗާއަށް ބަލަންޏާ މިހާރު އާންމުވެފައި އޮންނަނީ މޮޅެތި ޑިޓޮކްސް ނަމުގައި ހަށިގަނޑަށް ދޭންޖެހޭ ޕްރޮޓީންސް އާއި ކާބްސް އަދި ފެޓް އެކަހެރިކޮށް ނެގޭ ކޮންމެވެސް ވައްތަރެއްގެ މޮޅު ޖޫހެއް. ރާއްޖޭގެ ޑައެެޓް ކަލްޗާ އަސްލު އޮތީ ވަރަށް ބޮއްސުންލާފައި. އަހަރުމެން އެބަ ޖެހޭ ގަބޫލުކުރަން އެންމެން ހައްދަވާފަ ތިބެނީ އެއްގޮތަަކަށް ނޫންކަން. އެކަކަަށް މަސައްކަތް ކުރި އެއްޗެއް އަނެކަކަށް ނުކޮށްވެސްފާނެކަން.
4. ވަރަށް ހިތް ހަމަ ޖެހޭ ކްލައެންޓް ޓްރާންސްފޯމޭޝަންއެއް ގެނެވުނުތަ؟
ޖަވާބު: ކޮންމެ ކްލައެންޓަކީވެސް ވަރަށް ގަޔާވެގެން ނަގާ ބަޔެއް. އެބަޔެއްގެ ގޯލަކަށް އެމީހުން ވާސިލްކޮށްދެވުމަކީ ލިބޭ ހިތްހަމަޖެހުމެއް. އެގޮތުން އެބަޖެހޭ ބައެއް ފަހަރު ސިއްހީގޮތުން އެތަށް މައްސަލަތަކާއި އިންޖަރީތަކާ ކުރިމަތިވެފައި ތިބި ކްލައެންޓްސްވެސް ނަގަން. އެމީހުން އެކަމުން ސަލާމަތްވެގެން އާންމު މީހަކާ އެއް ލެވެލް އަކަށް އުޅެވޭތަން ފެނުމަކީ މި މަސައްކަތް އެންމެ ކުރާ ހިތްވާ ސަބަބު. އެގޮތުން ފާހަގަ ކޮށްލެވޭ ޓްރާންސްފޯމޭޝަންއެއް މިދިޔަ އަހަރު އައި ކްލައެންޓެއް ޝައްޕާން ނަމަކަށް ކިޔާ. ހީނުކުރާ ތަފާތުބޮޑު ބަދަލެއް މުޅި މީހާއިން ފެނުނު. އޭގެ އިތުރަށް އެންމެ ފާހަގަކޮށްލެވޭ އެއް ކްލައެންޓަކީ ނަން ހާމަ ކުރަން ބޭނުންނުވާ ކްލައެންޓެއް. އެއީ ކުރިން ވަރަށް ހެލްތީ ބުރަ މަސައްކަތް ކުރި މީހެއް ނަމަވެސް ސްރޯކެއް ޖެހި މުޅިން ގޮތް ހުސްވެފައި ވަނިކޮށް ދިމާވީ. އެއްފަޅިން ޕެރެލައިޒް ވުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ގިނަ ކަންކަން ކުރަން ވަރަށް ދަތިވެފައި ހުންނަނީ. ހަވާލުވީ އަސްލު ވަރަށް ބޮޑު ރިސްކެއް ނަގައިގެން މީހަކަށް އެހީއެއް ވެދިނުމުގެ ނިޔަތުގައި. އިރާދަކުރެއްވިއްޔާ މިއަދު ވަރަށް ބޮޑު ކުރިއެރުމެއް ގެނެސް މީހާ އަށް މުޅިން ހިނގާބިގާ އުޅެޥޭ.
5. ފިޓްނަސް ޓްރެއިނަރަށް ވާން ބޭނުން ނަމަ ލެގަސީ ޖިމް މެދުވެރިކޮށް އެކަން ކުރެވިދާނެތަ؟
ޖަވާބު: އަހަރުމެންނަކީ ވޭތުވެދިޔަ 6 އަހަރު ވެސް އެހެން ބްރޭންޑެއްގެ ނަމުގައި ވީނަމަވެސް ފިޓްނަސް ދާއިރާއިން ތަފާތު ކޯސްތަކެއް ރާއްޖޭގައި ހުށައަޅާ ދީފައިވާ ބައެއް. އެގޮތުން އެންމެންގެ ތެރޭގައި މަގުބޫލު ތަރުހީބު އޮންނަ ކޯސްތަކެއް އެކި ފަހަރުމަތިން ގެންނަންވެސް ގެނެވުނު. ލެގަސީގެ އަމާޒަކީ ބަޔަކަށް ލެގަސީއެއް ކްރިއޭޓް ކޮށްދިނުން. ފުރުސަތު ހޯދައި ދިނުން. ފިޓްނަސް ދާއިރާގައި ފުންނާބު އުސް ބައިނަލްއަގްވާމީ ގޮތުން މި ބައްރުގައި ކޯސް ހުށަހަޅައިދޭ އެކަޑަމީއަކާ ޕާޓްނާޝިޕް ވެގެން ރާއްޖޭގައި ހަރުދަނާ ކޮލެޓީ ޓްރައިނަރުންތަކެއް ތަމްރީންކޮށްދިނުމުގެ ނިޔަތުގައި އެކަޑަމީއެއް އިފްތިހާހް ކުރެވުނީ ވެސް. އެއް ފުރާޅެއްގެ ދަށުން ފިޓްްނަސް ދާއިރާއިން ލިބެންޖެހޭ ހުރިހާ ހިދުމަތް ކަމަށް ގާބިލު ރާއްޖޭގެ ފިޓްނަސް ދާއިރާގައި ދެކެފަރިތަ ޓީމެއް އެކުލެވޭހެން ފޯރުކޮށްދިނުމަކީ ލެގަސީގެ އެއް އަމާޒު.
6. ޓްރެއިނިންގެ ހިދުމަތްދޭ އިރު އެންމެ ފޯކަސް ކުރަނީ ކޮންކަމަކަށް؟
ޖަވާބު: ކޯސްތައް ހުށަހަޅާ ދޭއިރު ބޮޑަށް ބަލަނީ އެއީ އެދާއިރާއަށް މުޅިން އަލަށް ވަންނަ ބަޔަކަށް ވީތީ ބޮޑު އިންފޮމޭޝަންތަކެއް އޮއްސާލުމުގެ ބަދަލުގައި އަަލަށް ވަންނަ ބަޔަކަށް ފަސޭހައިން ނަގައިގަނެވޭނެ ގޮތަކަށް ބޮޑަށް ޕްރެކްޓިކަލްސް އިން ފެށިގެން ކޯސް ކުރިއަށްދާ ވަރަކަށް ދަސްވާވަރަކުން ސައެންޓެފިކް ނަންތަކާއި އެއްޗެހި ދަސްކޮށްދިނުމަށް. އަހަރުމެން ޓްރެއިނިންގް ދިނުމުގައި އެންމެ ބޮޑަށް ބަލަނީ ޓްރެނަރަކަށް އޭނާ ވުމުގެ ކުރިން އޭނައަށް ކަސްރަތުކުރުމަށް ރަނގަޅަށް ދަސްކޮށްދިނުން. އެއީ އަމިއްލައަށް ކުރަން ނޭނގޭ ކަމެއް ކިޔާދިނުމަކީ ވަރަށް އުނދަގޫކަމެއް. އެހެންކަމުން ފުރަތަމަ ބަލަނީ އެމީހަކު ކަސްރަތަށް ލޯހުޅުވާ މި ކުރެވެނީ ކީއްކަން ދަސްކޮށްދީ ދެން އެބޭނުންކޮށްގެން ކްލައެއްންޓަކަށް އެ ކިޔާދޭނެގޮތް. ދެެން އެއަށް ފަހު މި ދަނީ ކްލައެންޓްގެ ގޯލާއި ދިމާލަށް. އެންމެ ބޮޑު ފޯކަސްއެއް ދެނީ ހަރުދަނާ ކޮލިފައިޑް ޓްރެއިނަރުން ތަކެއް ދިވެހި ފިޓްނަސް ކޮމިއުނިޓީއަށް ނެރެދިނުމަށް.
7. ސަޕްލިމަންޓްސް ނެގުމުގައި ބަލަންޖެހޭނީ ކޮންކޮން ކަމަކަށް؟
ޖަވާބު: އެންމެ ފުރަތަމަ އަބަދުވެސް ބާރު އަޅާނީ ކެއުމުން ހަށިގަނޑަށް ދޭންޖެހޭ ބައި ހޯދުމަށް. އެހެން ނަމަވެސް ދިވެހިންގެ މަސައްކަތާއި ދިރިއުޅުމުގައި ކުރަން ޖެހޭ އެތައް ކަމެއްގެ ސަބަބުން ކެއުމަށް ވަގުތު ނުވުމަކީ އާންމުކަމެއް. އެފަދަ ބޭފުޅުން އެންމެ ރަނގަޅުގޮތަކީ ކެއުމުން ޕްރޮޓީން ހަމަނުވާނަމަ، ކޮންމެވެސް ކަހަލަ ޕްރޮޓީން ޝޭކެއް ނެގުން. ސަޕްލިމެންޓްސް ނެގުމުގައި ބަލަންޖެހޭ ވަކި ހުދޫދެއް ވަކި ލިމިޓެއް. ބައެއް މީހުން ސްޓެކް އަޕް ކޮށްގެން އެބަ ނަގާ ތަފާތު އެއްޗެހި. މީހާގެ ހަށިގަނޑު ނަތިޖާއެއްގެ ގޮތުން އިންނަނީ ވަރަށް ބޮޑު ސުވާލު މާކެއްގައި. ވާންވީ ނުވާންވީ ގޮތެއް ނޭންގޭ ވަކި ހިސާބަކުން. ފުރަތަމަ ކަމަކީ އެމީހެއްގެ ގޯލް ދަނެގެން އެކަމަށް ބާރުދޭނެ ސަޕްލިމެންޓެއް ނެގުން. ދެވަނަ ކަމަކީ މިނެގެނީ އޮތެންޓިކް ރަނގަޅު ސަޕްލިމެންޓެެއްތޯ ދެނެގަތުން. އެހެން ނޫންކަމަށް ވާނަމަ އިތުރު މައްސަލަތަކާއި ކުރިމަތި ލާންޖެހޭ ފަހަރުވެސް ދާނެ. އެހެންވެ މި ބުނީ އެންމެ ރަނގަޅީ މިންހެޔޮ ރަނގަޅު ކެއުމެއް ކެއުމޭ. ކާއެއްޗެހިން ނުލިބޭ އެއްވެސް އެއްޗެއް ހަށިގަނޑަކަށް ނީންނާނެ.
8. ކްލައެންޓްްއަށް ޕާސަނަލް ޓްރެއިނިންގްގެ އިތުރުން ނިއުޓްރިޝަން ޓްރެއިނިންގް ދިނުމަކީ މުހިއްމު ކަމެއްތަ؟
ޖަވާބު: މި ދެ ކަމަކީ ވަރަށް ބޮޑަށް ގުޅިލާމެހިފަ އިންނަ ދެކަން. ޖިމް ނިންމާފަ ގޮސް ބޮޑު އައިސްކްރީމް ތައްޓެއް ކާލީމާ އަސްލު ޖިމްގައި ކުރި މަސައްކަތާއި ވަގުތު ވެސް ބޭކާރު އެވީ. ޓްރެއިނަރުން އަސްލު އެބަ ޖެހޭ އެބައެއްގެ ސްކޯޕް ތެރެއިން ބުނެދޭން. ކްލައިންޓުންނަށް ބާރުއަޅަން ކެއުމާއި ބެހޭގޮތުން. މި ބުނަނީ ޑައެޓް ޕްލޭންސް ދޭށޭއެއް ނޫން. އެއީ މިހާރު ވަރަށް ފެންނަ ކަމެއް. ޓްރެއިނަރެއްގެ ހައިސިއްޔަތުން ޑައެޓް ޕްލޭންއެއް ނުދެވޭނެ އެހެން ނަމަވެސް ކެއުން ބެހެއްޓޭނެ ރަނގަޅު ގޮތްގޮތާއި އެމީހާ ކެއުމަށް ރަނގަޅު އެއްޗެހި ބުނެދެވޭނެ. ޓްރެނިންގްއާއި ނިއުޓްރިޝަންގެ ތެރެއަށް އެޑް ކޮށްލާނަން ރަނގަޅު ނިންޖެއްވެސް. މި ތިން ކަންތައް ރަނގަޅަށް ބެލެންސްވެގެން ނުދަނީ ކަމުގައި ވާނަަމަ އެމީހަކަށް ލިބިންޖެހޭ ރިޒަލްޓް ނުފެންނާނެ.
9. ސްޓްރެންތް ޓްރެއިން ކުރާއިރު ގިނަ ކްލައެންޓް ހަދާ މިސްޓޭކްއަކީ ކޮބާ؟
ޖަވާބު: މިހާރު މުޅިންވެސް އޮންނަނީ އަތުގެ ދުވަހާއި ފައިގެ ދުވަސް. ސްރެންޓް ޓްރެއިނިން ހަދާއިރު އާންމުކޮށް ފެންނަ ކަމަކީ އީގޯ ލިފްޓިން. ބޮޑެތި ފޮތި އަޅުވައިގެން ނުބައިކޮށް ސަތޭކަ އޭގެން ކުރަން ޖެހޭ މަންފާއެއް ނުކުރާނެ. އޭގެ އަސްލު ބޭނުމަކީ ކޮބައިބާ. އަހަރުމެން އަބަދުވެސް ބާރުއަޅަނީ ސޭފްޓީއަށް. ރަނގަޅު ފޯމަށް. މި ދެކަންތައް ނުބަލަނީ ކަމަށް ކަމުގައިވާނަަމަ ފެންނާނީ ހުސް މިސްޓޭކް. އެގޮތުން ފާހަގަވާ ކަމެއް އެއީ ހައިޑްރޭޝަންއަށް ރަނގަޅަށް ނުވިސްނުމަކީ. ޖިމްއަށް ގެންނަ ފެންފުޅި އިނދެދާނެ ނިމޭއިރު ވެސް ފުލްކޮށް. ދެން އެންމެ ފެންނަ ކަމަކީ ދިވެހިން ވަރަށް ސްޓްރެޗިންނާއި ދުރުކަން. ޑައިނަމިކް ވިޔަސް ސްޓެޓިކް ވިޔަސް މިހާ ސްޓްރެޗް ނުކުރުމުގެ ސަަބަބުން އެކި ތަންތާންގައި ރިއްސުމާއި މަސައްކަތްކުރަން ޖެހޭ މަސްތަކަަށް ރަނގަޅަށް ފޯކަސް ނުވާކަން ފާހަގަވޭ.
10. ފިޓްނަސް ދާއިރާގައި ރިޔާޝްގެ ކުރިއަށް ހުރި ގޯލްތަކަކީ ކޮބާ؟
ޖަވާބު: މި ދާއިރާގައި މިހާރު އާދެވިފަ މިހިރީ ދުވަހެއްގަ ވެސް ހީނުކުރެވޭނެ ލެވެލް އަކަށް. އޭޝިއާ ސަރަހައްދުގައި ފިޓްނަސް ކޯސްތައް ޕްރޮވައިޑް ކޮށްދޭ ލެކްޗަރަސް އެއް ނުވަތަ އަހަރުމެން ގެންގުޅޭ ޓާމްސް ނަމަ އެޑިއު-ޓްރެއިނަރ އަކަށް ވެވުމީ ލިބުނު ވަރަށް ބޮޑު ޝަރަފެއް. ފިޓްނަސް އިންސްޓްޓިއުޓް އެއް ކަމަށްވާ ފިޓްނަސް އެޑިއު-ޓްރެއިނިންގް އޭޝިއާ މި ރާއްޖޭގައި ރަމްޒުކޮށްދޭ މީހެއްގެ ހައިސިއްޔަތުން މިހާރު ދެކެން ބޭނުންވަނީ ރާއްޖޭގައި މިދާއިރާއަށް ބޮޑު އިންގިލާބެއް ގެންނަން ބޭނުންވާ ޒުވާނުންތަކެއް. މާތް الله ގެ އިރާދަފުޅުން ބޭނުންވަނީ ފިޓްނަސް އެޑިއުކޭޝަން ފޯރުކޮށްދީ މި ދާއިރާއަށް އިތުރަށް ކުރިއަރުވާ ކޮލިފައިޑް ޓްރެއިނަރުންތަކެއް ނެރެދޭން. ރާއްޖެއަކީ ވަސީލަތްތައް ހުރި ގައުމެއް. ޖިމްތައް އެހާ ގިނަ. މި މަސައްކަތުން ދުރަށް ޖެހެން ބޭނުންވަނީ މި ދާއިރާގައި އަހަރެންގެ ލެގަސީ ދަމަހައްޓާއިދޭނޭ މީހެއް ހޯދުމަށް ފަހު.