2.5 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މައްޝޫރު ރެޕް އާޓިސްޓް ޏ.ފުވައްމުލައް/ދިގުވާނޑު، ނައި، އަހުމަދު އިފްހާމް މުހައްމަދު (ޕެސްޓް)ގެ ބައްދަށް ދިހަ ދުވަސް އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ފުލުހުންގެ ޑަރަގް އެންފޯސްމެންޓް ޑިޕާރޓްމެންޓާއި ޑްރަގް އިންޓެލިޖެންސްއާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓްގެ އިތުރުން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން ބުނީ އެމީހުންގެ އަތުން 2.5 ކިލޯގެ މަސްތުވާތަކެތި ފެނުނު ކަމަށެވެ.
ކްރިމިނަލް ކޯޓުން އިފްހާމްގެ އިތުރުން ދެން މިމައްސަލާގައި ހައްޔަރުކުރި އަހުމަދު ހުޝާމާއި، މުހައްމަދު ސުއައިދުގެ ބަންދަށް އިތުރުކުރީ 10 ދުވަހެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައިވާ އަހުމަދު ޝަމްއޫނާއި، އަބްދުﷲ ސާޖިއުގެ ބަންދަށްވަނީ ފަސް ދުވަސް ޖަހާފަ އެވެ.
ފުޅާ ދާއިރާއެއަގައި މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، އަދި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި މިއޮޕަރޭޝަނުގައި މާލޭގެ ހަތަރު ގެއަކާއި، ނޯތު ހާބަރުގައި އޮތް ބޯޓެއް އަދި ސައިކަލެއް ބަލައި ފާސްކޮށްފައިވެ އެވެ.
އިއްޔެ މިމައްސަލާގައި ހިމެނުނު މީހުންގެ ވަނަވަރު ފުލުހުން އާންމު ކުރިއިރު މި މައްސަލަ މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.
ސިންބޮލިކް ރެކޯޑްއަށް ނިސްބަތްވާ ޕެސްޓްއަކީ ޅަ އުމުރުގައި މަޝްހޫރުކަން ހޯދި ފަންނާނެކެވެ. އުމުރުން 16 އަހަރުގައި "ރީތިކުދިން" ލަވަ ކިޔައިގެން މައްޝޫރުކަން ހޯދި ފެސްޓްގެ ގިނަ ލަވަތަކެއް ސިމްބޯލިކްގެ އާ އަލްބަމް "ކޯވަރެއް"ގައި ހިމެނެ އެވެ.