އެމެރިކާގެ 18 އަހަރުން މަތީގެ އާބާދީގެ އެންމެނަށް މެއި މަހުގެ ނިލަޔަށް ވެކްސިން ފޯރުކޮށްދެވޭނެ ކަމަށް އެ ގައުމުގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.

ބައިޑެން ވިދާޅުވީ ކުރިން ހީކުރި ވަރަށް ވުރެ ދެ މަހަށް ވުރެ ކުރިން، މި އަހަރުގެ މެއި މަހުގެ ނިޔަލަށް ކޮވިޑް 19 އާ ދެކޮޅަށް ދޭ ވެކްސިން އެ ގައުމުގެ 18 އަހަރުން މަތީގެ އާބާދީއަށް ފޯރުކޮށްދެވޭނެ ކަމަށެވެ.

"މިހާރު އަހަރެމެން މިއުޅެނީ މެއި މަހުގެ ނިޔަލަށް އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް ވެކްސިން ފޯރުކޮށްދިނުމުގެ މަގުމަތީގައި،" ބައިޑަން ވިދާޅުވި އެވެ.

މީގެ އިތުރުން އެގައުމުގެ ސްކޫލްތައް ހުޅުވުން އަވަސްކުރުމުގެ ގޮތުން، މިމަސް ނިމުމުގެ ކުރިން ހުރިހާ ސްޓޭޓެއްގައި ޓީޗަރުންނަށް ވެކެސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ބައިޑަން ވަނީ ބަރު އަޅުއްވާފަ އެވެ.

ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިން އުފެއްދުމަށް ބޭސް އުފައްދާ ކުންފުންޏެއް ކަމަށްވާ މާކްއާ އެކު އެއްބަސްވުމެއް އެކުލަވާލާ، އެ ކުންފުނަޏަށް އެހީވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބައިޑް ވިދާޅުވި އެވެ.

ދާދި ފަހުން އިމަޖެންސީ ހާލަތުގައި ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޖެންސީ (އެމްއެފްޑީއޭ) އިން ދީފައިވާ ޖޯންސަން އެންޑް ޖޯންސަންގެ ވެކްސިނަކީ އެހެން ވެކްސިންތަކާ ހިލާފަށް އެންމެ ޑޯޒެއް ޖަހަންޖެހޭ ވެކްސިނެކެވެ.