މާލެ ސަރަހައްދަށް ދިމާވެފައިވާ ޕާކިން މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި 15 ޕާކިން އިމާރާތް އަޅަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެ ޕާކިން ބިލްޑިންގްތައް އެޅުމުން 4000 އުޅަނދު ޕާކުކުރުމުގެ ޖާގަ ލިބޭނެ ކަމަށެވެ.

ފަޒުލް ވިދާޅުވީ ހުޅުމާލެ ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން އަޅާ އެ އިމާރާތްތަކުގައި ޕާކްކުރުމުގެ ފުރުސަތު ދޭނީ ވިޔަފާރީގެ އުސޫލުން ކަމަށެވެ. އަދި އެއީ ރައްޔިތުން ގެންގުޅޭ ކާރު ނުވަތަ އުޅަނދު "ނިދަން" ނުވަތަ "ދާއިމަށް" އޮންނާނެ ތަންތަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ޕްރޮޖެކްޓުވެސް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން އިއުލާނު ކޮށްލާނަން. އަދި މީގެ ޕްރީސޭލްގެ މަސައްކަތްތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި އަހަރު ނިމުމުގެ ކުރިން އަޅުގަނޑުމެން ފަށްޓާނެކަމުގެ ޔަގީންކަން ތިބޭފުޅުންނަށް އަރުވަން،" ފަޒުލް ވިދާޅުވި އެވެ.

މަގުމަތިންވެސް ވަގުތީ ގޮތުން ޕާކުކުރަން ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިން މައްސަލައަކީ މާލެއަށް ދިމާވެފައިވާ ޒަމާންވީ ބޮޑު މައްސަލައެކެވެ. މާލެ ސަރަހައްދުގައި މިހާރު ވެސް 118،000 އަށް ވުރެ ގިނަ ވެހިކަލް ރަޖިސްޓްރީކޮށްފައިވެ އެވެ.