ޖަޕާނު ސަރުކާރުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)އަށް 14 މިލިއަން ޖަޕަނީސް ޔުއާން (ދެ މިލިއަން ރުފިޔާ)ގެ އެހީއެއް ދޭން އެއްބަސްވެއްޖެ އެވެ.

ޖަޕާނުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާ ކެއިކޯ ޔަނާއީ އެވެ. އަދި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްއައިޓީގެ ޑިރެކްޓަރު އާދަމް ހަލީމް އެވެ.

ޖަޕާނުން ދޭން އެއްބަސްވި މި އެހީއަކީ އެކި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކަށް ބޭނުންވާ 87 އިކުއިޕްމެންޓް ގަތުމަށް ދިން އެހީ އެކެވެ. އަދި މިއެއްބަސްވުމުގެ ދަށުން ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، ލޭންޑް ސާވޭއިން އަދި ކޮންސްޓްރަކްޝަން ޓެކްނޮލޮޖީ ފަދަ ދާއިރާތަކުން އާ ކޯސްތައް އުފައްދުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭއަކީ މަސައްކަތުގެ މާހައުލުގައި ޒުވާނުން ގިނަ ގައުމަކަށްވުމުން މިއެހީގެ ސަބަބުން ރާއްޖޭގައި ހުނަރުވެރި ޒުވާނުން އުފެދި، އިގްތިސާދު ކުރިއެރުވުމަށް އެހީތެރިކަން ލިބޭނެ ކަމަށް ޖަޕާނު ސަރުކާރުން ބުންޏެވެ.

ޖަޕާނުގެ ގްރާންޓް އެސިސްޓެންޓް ފޯ ގްރާސްރޫޓްސް ހިއުމަން ސެކިއުރިޓީ ޕްރޮޖެކްޓް (ޖީޖީޕީ)ގެ ދަށުން ކުރިއަށް ފަންޑްކުރާ މިޕްރޮޖެކްޓަކީ ގްރާސްރޫޓްސް ލެވެލްގެ ގައުމުތަކަށް އެހީވުމުގެ ގޮތުން ޖަޕާނުން ފަންޑްކުރާ ޕްރޮޖެކްޓެކެވެ. ޖީޖީޕީގެ ދަށުން އެ ގައުމުން މީގެ ކުރިން ވެސް ތައުލީމީ ދާއިރާއާއި، ތިމާވެއްޓާއި، ސިއްހީ ދާއިރާ، ދަތުރުފަތުރުކުރުމުގެ ދާއިރާ އަދި ހަކަތައިގެ ދާއިރާއިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

ޖީޖީޕީގެ ދަށުން 1996 ވަނަ އަހަރުން ފެށިގެން މިހާތަނަށް ޖުމްލަ 23 ޕްރޮޖެކްޓަކަށް ޖަޕާނުން ވަނީ ފަންޑްކޮށްފަ އެވެ.