ގާނޫނީ ސަރުކާރެއް ޣައިރު ގާނޫނީކޮށް ބަދަލު ކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް ދިވެހި ފުލުުހުންގެ ހިދުމަތުން ފެށި ހާއްސަ ތަހުގީގު ކުރިއަށް ދާކަމަށް ފުލުހުން ބުނެފި އެވެ.
މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ފުލުހުން ބުނީ މިކަމާ ގުޅިގެން 26 އޮގަސްޓްގައި އެ އިދާރާއިން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގުގައި، ހޯދަންޖެހޭ އެންމެހައި މައުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ އެންމެހައި ކަންކަން ތަފްސީލުކޮށް ދިރާސާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.
މީގެ އިތުރުން، ފިޔަވަޅު އަޅަންޖެހޭ ފަރާތެއްވާނަމަ އެކަން ދެނެގަތުމާއެކު، ތަހުގީގް މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ހިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭފަދަ ނިންމުންތަކެއް ނިންމި ވަގުތާ ދިމާކޮށް ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ބެހޭ ގޮތުން ނޫސްވެެރީންގެ ބައްދަލްވުމެއް ބާއްވައި ހަމަ އެވަގުތު ސޯޝަލް މީޑިއާގައި އެތައް ސަތޭކަ ބޮޓް އެކައުންޓް ބޭނުންކޮށް ސަރުކާރު ވައްޓާލަން މަގުތަކަށް ނިކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވާލާ ގައުމުގެ މަސްލަހަތު ނަގާލުމަށް ހިތްވަރުދީ ހަދާފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޑޮލަރު ލިބުން ދަތިވެ، ރުފިޔާ ކާޑުތަކުން ޑޮލަރު މުއާމަލާތްތައް އެއްކޮށް ކަނޑާލަން ނިންމާ އާދިއްތަ ދުވަހު އިއުލާންކުރުމަށްފަހު ސަރުކާރުން ޕްރެޝަރުކޮށް އެ ނިންމުން ބަދަލުކުރި ފަހުން ސަރުކާރު ހިންގާ ޕީއެންސީން ބުނީ ބޭންކާއި އިދިކޮޅުން ގުޅިގެން ގެންނަން އުޅުނީ ބަގާވާތެއް ކަމަށެވެ. ޕީއެންސީ ޖަލްސާގައި އެވާހަކަ ދައްކަމުން ދަނިކޮށް ފުލުހުން ވަނީ ބަގާވާތް ތަހުގީގުކުރާކަމަށް ބުނެ ހަމަ އެ ވަގުތު ބަޔާނެއް ނެރެފަ އެވެ.
ތިއަށްކިއަނީ ހުން އަންނާނެކަމަށް ރަޖާލުން، ނޫނީ މިސްކިތު ހުޖެޖެހި މީހާއަށްވުން ނޫނީ އަފުޢާނު ޖެހުން