މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރކަމުގެ މަގާމުން ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ސަސްޕެންޑްކޮށްފި އެވެ.

އެމްއެންޔޫގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ އެސިސްޓެންޓް ޕްރޮފެސަރކަމުގެ މަގާމުން ޑރ. އިޔާޒް ސަސްޕެންޑްކޮށްފައި ވަނީ 14 ދުވަހުގެ މުއްދަތަށެވެ.

އިއްޔެގެ ކްލާސްތައް ނެގުމަށް ތައްޔާރުވަމުންދަނިކޮށް ކުއްލިގޮތަކަށް ސަސްޕެންޑްކުރިކަން އަންގައި، އިއްޔެގެ ކްލާސްތައްވެސް ނުނެގުމަށް ޑރ. އިޔާޒަށް އެމްއެންޔޫއިން ވަނީ އަންގާފަ އެވެ.

ޑރ. އިޔާޒް ސަސްޕެންޑްކޮށްފައިވަނީ ޓްރިޓާގައި އެބޭފުޅާ ކުރައްވާފައިވާ ޓުވީޓްތަކެއްގެ ސަބަބުންކަމަށް މައުލޫމާތު ލިބެ އެވެ.

އޭނާގެ ޓުވީޓްތަކަކީ ސިޔާސީ ޓުވީޓްތަކެއްކަމަށާއި އަދި އޭގެ ސަބަބުން ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަކަމަށް ބުނެ މިދިޔަ އަހަރުވެސް ޑރ. އިޔާޒަށް ވަނީ އެމްއެންޔޫއިން އިންޒާރު ދީފަ އެވެ.

މިމައްސަލައާ ގުޅޭގޮތުން "އަވަސް"އާ ވާހަކަ ދައްކަވަމުން ޑރ. އިޔާޒް ވިދާޅުވީ "މިއީ ޔުނިވާސިޓީ ހިންގުމުގައި ތިއްބެވި އެމްޑީޕީ އެކްޓިވިސްޓުން ކުރާކަމެއް،" ކަމަށެވެ. އަދި އޭނާ ކުރާ "އެއްވެސް ކަމެއް މިފަދަ ފިޔަވަޅެއްގެ ސަބަބުން ނުހުއްޓުވޭނެ،"ކަމަށް ޑރ. އިޔާޒު ވިދާޅުވި އެވެ.

ދާދި ފަހުން ޑރ. އިޔާޒް ވަނީ ނަމާދުކުރާއިތު ގައިދުރުކަން ބެހެއްޓުމަށް އިސްލާމިކް މިނިސްޓްރީން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅުހައްދަވައި ޓްވީޓްކުރައްވާފަ އެވެ. ޑރ. އިޔާޒު ގެންދަވަނީ އާންމުންގެ ދިރިއުޅުމުގެ އެހެން އެންމެހާ ކަންކަން ކުރިއެކޭވެސް އެއްގޮތަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދެވިފައި އޮއްވައި ހަމައެކަނި މިސްކިތްތަކުގައި މިފަދަ ފިޔަވަޅު އަޅާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މީގެ ސަަބަބުން ގިނަ ބައެއްގެ ފާޑުކިޔުން ޑރ. އިޔާޒަށް ވަނީ އަމާޒުވެފަ އެވެ.

ޑރ. އިޔާޒަކީ ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސެވެ. އަދި އެބޭފުޅާ ފާހަގަވެފައިވަނީ ސަރުކާރަށް ވަރަށް ތާއީދުކުރައްވާ އަދި އެއްކޮޅަށް ވަކާލާތުކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.