ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާގައި ހައްޔަރުކުރި އެންމެން ދޫކޮށްލައިފި އެވެ.

"މަގޭ ފްލެޓް ކޮބާ"ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިއްޔެ ކުރި މުޒާހަރާގައި ޖުމްލަ 39 މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރޭގައި ޕީޕީއެމް އަދި ޕީއެންސީގެ ކައުންސިލް މެމްބަރުން ވެސް ހިމެނެ އެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު މީހުން ދޫކޮށްލާފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ކޮންމެ މީހަކުވެސް 1،000 ރުފިޔާއިން ޖޫރިމަނާކުރުމަށްފަހު ކަމަށް ފުލުހުން ބުންޏެވެ.

އެ މުޒާހަރާއިން ހައްޔަރުކުރި މީހުންނަކީ ފުލުހުންނާއި އަދިވެސް ގިނަ އަދަދެއްގެ ބަޔަކާ ކޮންޓެކްޓް ވެފައިވާ ބަޔަކަށްވުމުން ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ދިނުމަށް ފުލުހުން ވަނީ އެދިފަ އެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ އެކަމަށް ދެކޮޅުހަދާފަ އެވެ.

އިދިކޮޅު ކޯލިޝަނުން ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން. އެ މުޒާހަރާއިން ޖުމްލަ 39 މީހުން ހައްޔަރުކޮށް ކޮންމެ މީހަކު 1،000ރ. އިން ޖޫރިމަނާކުރި. ފޮޓޯ: އަބްދުﷲ އަބީދު | ހުރިހާ

"އެޗްޕީއޭގެ ގައިޑްލައިންއާ ހިލާފަށް ބޭއްވި އެއްވުމެއްގައި ބައިވެރިވެފައިވާ ބަޔަކަށް ވުމުގެ އިތުރުން، ގިނަ އަދަދެއްގެ ފުލުހުންނާ ކޮންޓެކްޓްވެފައި ވުމާއިޕޮލިސް ކަސްޓޯޑިއަލްއަކީވެސް ގިނަ އަދަދެއްގެ ބަޔަކު ބަލަހައްޓާ ތަނަކަށް ވުމާއެކު އެންމެންގެ ރައްކާތެރިކަމަށް ސާމްޕަލް ދޭން އެދިފައިވާނެ. ނަމަވެސް އެކަމަށް އެ އެންމެންވެސް އިންކާރު ކޮށްފައިވާތީ ސާމްޕަލް ނަގާފައެއް ނުވޭ،" ފުލުހުން ބުންޏެވެ.

މުޒާހަރާގައި ހައްޔަރުކުރި ހުރިހާ މީހުން މިހާރު ވަނީ ދޫކޮށްލާފަ އެވެ.