އޭނާ އަތްތެރި މަސައްކަތަށް ތައާރަފް ކޮށްދިނީ އޭނާގެ އުފަން ބައްޕަ އެވެ. އެއްބަނޑުއެއްބަފާ ހުރިހާ ކުދިންނަކީ ވެސް މަސައްކަތް ތެރި ބައެކެވެ. އެހެނަސް އެހާ ކަވި މަސައްކަތަކަށް ވުމުން ގިނަ ކުދިނަށް އެ މަސައްކަތަށް ވަނީ ފޫއްސެވެ. އޭނާއަށް އަތްތެރި މަސައްކަތުގެ ތެރެއަށް ރަނގަޅަށް ވަދެވުނީ ސްކޫލުގައި އުޅުނު ދުވަސްވަރު އުކާލާ އެއްޗެހި ހޯދައިގެން ތަފާތު ބޭނުންތެރި އެއްޗެހި ހަދަން ޖެހުނު ހިސާބުންނެވެ. އެ ދުވަހުން ފެށިގެން މިއަދާއި ހަމައަށް ވެސް އޭނާ އަންނަނީ ސަގާފީ ރީތި ނަލަ އުފެއްދުންތައް އުފައްދަމުންނެވެ.

އެއްފަހަރު ބޭނުންކޮށްފައި އުކާލާ އެއްޗެހި ބޭނުން ކޮށްގެން ތަފާތު ތަކެތި ހަދަން ސްކޫލުތަކުގައި ދަސްކޮށްދެވުނަސް އެފަދަ ކަމަކަށް ކުރިމަތިލަނީ ވަރަށް މަދު ކުއްޖެކެވެ. ނަމަވެސް އެއީވެސް އާމްދަނީ ލިބިދާނެ ދާއިރާއެއް ކަމާއި އުފެއްދުންތެރި ޚިޔާލު ހުރެ، އޭގެ ފުރިހަމަ ބޭނުން ހިފައިފި ނަމަ އެކަމުގެ ފައިދާ ކުރާނެކަން އޭނާ އެދަނީ ސާބިތު ކޮށްދެމުންނެވެ.

ހދ. ކުޅުދުފުށީ އަމީނީގެ ޝިޔާމާ މުހައްމަދަކީ ފަސް ކުދިންގެ ޒިންމާ ނަގަމުން، ގޭތެރޭގެ ކަންކަން ބަލަހައްޓަމުން ވަރަށް ހުނަރުވެރި މަސައްކަތެއް ކުރާ މީހެކެވެ. ޝިޔާމާ ކުރާ މަސައްކަތަކީ އުކާލާ ތަކެތި ބޭނުންކޮށްގެން ތަފާތު ރީތި އެއްޗެހި ހެދުމެވެ. އެ މަސައްކަތް ކުރުމަށް އޭނާ ވަރަށް ފަރިތަ އެވެ. ހުނަރުވެރި އެވެ.

ޝިޔާމާއަށް ބޮޑަށް އަތްތެރި މަސައްކަތުގެ ތެރެއަށް ވަދެވުނީ ސްކޫލުގައި އުޅުނު ދުވަސްވަރު އުކާލާ އެއްޗެހި ހޯދައިގެން ތަފާތު ބޭނުންތެރި އެއްޗެހި ހަދަން ޖެހުނު ހިސާބުންނެވެ.

އޭނާގެ އާއިލާއަކީ އަތްތެރި މަސައްކަތަށް މޮޅު މީހުން ތިބި އާއިލާއެކެވެ. އެންމެ ކުޑައިރުއްސުރެ ބައްޕަ މަސައްކަތްކުރާ ތަން ފެނި، އެކަމަށް ޝައުގެވެރިވި އެވެ. ބައްފަ އެ މަސައްކަތް ދަސްކޮށްދޭއިރު ވަރަށް ފަރުވާތެރިކަމާއެކު ބަލަން އިންނަ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑު ވަރަށް ކުޑައިރު ބައްޕަ މި މަސައްކަތް ކުރާތަން ފެނި ބައްޕަ ކައިރިން ދަސްކުރީ. ވަރަށް ފަރުވާތެރި ކަމާއެކު ބަލަން އިންނަން،" ޝިޔާމާ ބުންޏެވެ.

އޭނާގެ ބައްޕައަކީ އަތްތެރި މަސައްކަތް ކުރުމަށް މޮޅު މީހެކެވެ. އަދި ކުޅުދުފުށީގައި ސައިކަލްގެ މަޑިފެހުމަށް ވެސް މަޝްހޫރު މީހެކެވެ. އެ އާއިލާއިން ސައިކަލް މަޑިފެހުމުގެ މަސައްކަތް ކުރުމަށް ހިންގާ އަމިއްލަ ވާކްޝޮޕެއް ވެސް އެ ރަށުގައި ހުރެ އެވެ.

މުޅިންވެސް ބޭނުންކުރަނީ އުކާލާ ތަކެތި

ޝިޔާމާއަށް ލިބޭ ހުސްވަގުތުތައް ހޭދަކުރަނީ އުކާލާ ތަކެތި ހޯދުމުގަ އެވެ. އެތަކެތި ހޯދައިގެން ސްވެނިއާ (ހަދިޔާ) ތައްޔާރު ކުރެ އެވެ. އޭނާ ތައްޔާރުކުރާ ތަކެތީގެ ތެރޭގައި ކުދި ރޯނުފޯލި އަދި ރާބަދީގެ ކީޓެގާއި، ކުދި ބޮލި ފުޅި، އަދި ނާށި ބޭނުންކޮށްގެން ހަދާ އުޅާ ހިމެނެ އެވެ. އެތަކެތި ހަދަން ބޭނުން ކުރަނީ ފުނަ އޮށާއި، އިންޖެކްޝަން ހުސްކުރި ފުޅިއާއި ރޯލްއޮން ފުޅިން ނަގާ ބޯޅައާއި އަދި ކުދި ބޮއްޔެވެ. ކަރުދާހުން ވެސް ތަފާތު އެއްޗެހި ހެދުމަކީ އޭނާއަށް ވަރަށް ފަސޭހަ ކަމެކެވެ.

ޝިޔާމާގެ މަސައްކަތައް ބޭނުންކުރާ ބޮޅާއި ރޮދި ފަދަ ސާމާނު ރާއްޖެއިން ލިބުން ދަތިވާތީ އެފަދަ ސާމާނު ގެންނަނީ ރާއްޖޭން ބޭރުންނެވެ. މި މަސައްކަތުގައި އެންމެ އުނދަގޫވާ އެއްކަމަކީ އެއީކަން އޭނާ ފާހަގަ ކުރެ އެވެ.

ޝިޔާމާ ހަދާފައިވާ ކީޓެގްސް، އަތްތެރިމަސައްކަތް ދަސްކޮށްދިނީ އޭނާގެ ބައްޕަ

"މިމަސައްކަތުގައި ބޭނުންކުރާ ބަރަނި ވެސް ބޮޅު ވެސް ހަމަ މިގެންނަން ޖެހެނީ ރާއްޖޭން ބޭރުން. ރާއްޖޭން އެފަދަ ކުޑައެއްޗެއް ވެސް ލިބެން ނުހުންނާތީ މިމަސައްކަތް ކުރުމުގައި ބޮޑެތި އުނދަގޫތަކެއް އެބަހުރި،" ޝިޔާމާ ބުންޏެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ތިނަކުން ފެށިގެން މެދުނުކެނޑި ކުރަމުންދާ މިމަސައްކަތަކީ މޫސުމީ ކަމެއް ކަމަށް އޭނާ ބުންޏެވެ.

"ފޯވައްސެއް އަންނާނީ. އެކި ދުވަސް ވަރު އެކިވަރަށް ވިކޭނީ. ވިއްކަން ފިހާރަތަކަށް ވެސް ލަން،" ޝިޔާމާ ކިޔައިދިނެވެ.

މަސައްކަތުގެ ތަމްރީން ލިބުނީ އިންޑިއާއިން

އަތްތެރި މަސައްކަތް އިތުރަށް ދަސްކޮށް ފުޅާކުރަން ބޭނުންވެފައި ހުއްޓައި 2011 ވަނަ އަހަރު ސަރުކާރުން ހުޅުވާލި ފުރުސަތެއްގައި ޝިޔާމާއަށް އިންޑިއާގެ ހަރިޔާނާ ސިޓީގައި އޮތް ޓޫރިޒަމް ފެއާއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނެވެ.

"މުޅި ރާއްޖެއިން ތިން މީހުން އެ ދަތުރުގައި ހޮވީ. އުތުރުން މީހެއް، ދެކުނުން މީހެއް އަދި މާލޭން މީހެއް. އެދަތުރުގައި ވަރަށް ގިނަ ކަންތައް ދަސްވި. ލަންކާ މީހުން ކަރުދާހުން ވަށިގަނޑު ހަދާތަން ވެސް ފެނުނު. އަދި ރަށަށް އައިސް އެގޮތަށް އެއްޗެހި ހެދޭތޯ މަސައްކަތް ކުރިން،" ފުރަތަމަ ދަތުރުގައި ލިބުނު ތަޖުރިބާ ޝިޔާމާ ހިއްސާ ކޮށްލި އެވެ.

އިންޖެކްޝަން ހުސްކުރި ފުޅިބޭނުން ކޮށްގެން ޝިޔާމާ ހަދާފައިވާ ސްވެނިއާ އެއް. ކަވި މަސައްކަތަށް އޭނާ ވަރަށް މޮޅު.

އިންޑިއާގެ އަހުމަދު އާބާދަށް ދާން ލިބުނު ދެވަނަ ތަޖުރިބާ ދަތުރުން ވެސް އޭނާއަށް ގިނަ ކަންތައްތަކެއް ދަސްވި އެވެ. އެ ފަހަރު ފޮތިވިޔާ ތަންތަނަށާއި، ލިޔެލާ ޖެހުމުގެ މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށް މީހުން މަސައްކަތް ކުރާގޮތް ދަސްކުރި އެވެ. ދެވަނަ ތަޖުރިބާ ދަތުރުގައި ވަރަށް ގިނަ މީހުން ބައިވެރިވި ކަމަށް އޭނާ ބުންޏެވެ.

ޝިޔާމާގެ މަސައްކަތަށް ގިނަ ބަޔަކު ޝައުގުވެރިވޭ

ކުޅުދުފުށީގައި ބައްވާ މަސައްކަތްތެރިންގެ ހުރިހާ ފެއާތަކެއްގައި ޝިޔާމާ ތައްޔާރުކުރާ ތަކެތި ދައްކާލަ އެވެ. އޭގެ އިތުރުން މާލެގަ އާއި ހަނިމާދޫގައި ބާއްވާ މައުރަޒުތަކަށް އޭނާއަށް ނުދެވުނު ކަމުގައި ވިއަސް މީހުންނާ ހަވާލުކޮށް ގެންވެސް އެތަންތަނަށް ތަކެތި ފޮނުވަ އެވެ.

ޝިޔާމާ ހަދާ އެއްޗެހީގެ ތެރެއިން މީހުނަށް އެންމެ ކަމުދަނީ ބޮލިފުޅި އެވެ. ބޮލިފުޅި ހެދުމަށް ކުދި ބޮލި ހޮވައިގެން ގެނެސް އިނޖެކްޝަން ހުސްކުރި ފުޅިއަށް އަޅާ މަތިހަޖެހުން ފިޔަވާ އިތުރު ކަމެއް ނުކުރެ އެވެ. އެހާވެސް އެ މަސައްކަތް ފަސޭހަ އެވެ.

ހޮވާފައިވާ ބޮލި: އުކާލާ ތަކެތިން ރީތި އެއްޗެހި ތައްޔާރު ކުރުމަށް ޝިޔާމާ ވަރަށް މޮޅު

"ފުޅިއަށް ބޮލި އެޅީމަ ވަރަށް ރީތި ކުލައެއް އަރާނެ. އޮފެއް ނެތް ބޮލިއެޅިއަސް ހަމަ އެހާރީ ތިވާނެ. އެއިން ބޮލިފުޅިއެއް އަޅުގަނޑު ވިއްކަނީ ހަތްދިހަ ފަސް ރުފިޔާއަށް،" ޝިޔާމާ ކިޔައިދިނެވެ.

އޭނާ ހަދާ ތަކެތި ވިއްކަން ރަށުގެ އެކި ފިހާރަތަކުގައި ވެސް ބަހައްޓަ އެވެ. އަދި އަމިއްލައަށް އޯޑާ ނަގާ ޑެލިވާކޮށްދީ ވެސް ހަދަ އެވެ.