ކުޑަކުދިންނާ ދިމާލަށް ތަންކޮޅެއް ބާރަށް އެއްޗެހި ބުނުމަކީ އެކުއްޖާއަށް އޭގެ ސަބަބުން ކުރާނެ އަސްރާ މެދު ބަލައިނުލެވި ބައެއް ބެލެނިވެރިންނަށް ކުރެވޭ ވަރަށް ނުރަނގަޅު ކަމެކެވެ. ގިނަ ފަހަރު މިހެން ކަންތައް ކުރެވެން ދިމާވަނީ އެވަގުތަކު ދިމާވެފައިވާ ހާސްކަމަކާއި ނުތަނަވަސްކަމެއްގެ ސަބަބުން އަވަހަށް އެކުއްޖަކު ކިޔަމަށް ކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް މި އަމަލަކީ އެކުއްޖެއްގެ ނަފްސާނީ ދުޅަހެޔޮކަމަށް އަސަރު ކުރާކަމެކެވެ. އެފަދައިން ދިމާވާ ކޮންމެ ވަގުތެއްގައި އެކުއްޖާއަށް ބެލެނިވެރިޔާ އާއި ދޭތެރޭ ނުރަނގަޅު އިހްސާސްއެއް ކުރުވާ އިރެކެވެ.

އަމިއްލަ އިހްސާސްތައް ބުނެދޭން އުނދަގޫވޭ

ބާރަށް އެއްޗެހި ބުނެވޭނަމަ ކުޑަކުދިންނަށް ބިރުވެރި އިހްސާސެއް ކުރެވެ އެވެ. ހިތްނުތަނަވަސް ކުރުވަ އެވެ. އަދި އަމާންކަމެއް ނެތް މާހައުލެއްގައި އުޅެވޭކަމުގެ އިހްސާސްތަކެއް ވެސް ކުރުވަ އެވެ. އަޑުގަދަކުރުމަކީ ކޮންމެ ދުވަހަކު އާދަކޮށް ކުރެވޭ ކަމެއްނަމަ، އެކުއްޖާއަށް ދާއިމީކޮށް ނަފްސާނީ ގެއްލުން ލިބެ އެވެ. އޭގެ ތެރޭގައި، އަބަދު ހިތްނުތަނަވަސްވެފައި ހުރުމާއި، އަދި އަމިއްލައަށް ނާގާބިލް މީހެއްކަމުގެ އިހްސާސް ގެނުވުން ހިމެނެ އެވެ. މީހުންގެ ލޯތްބާއި، އިތުބާރު ލިބުން ހައްގުނޫން ކުއްޖެއް ކަމަށް ދެކެވެން ފަށަ އެވެ. އެފަދަ ކުއްޖަކަށް ރަނގަޅާއި ނުބައި ވަކި ކުރަން އުނދަގޫވެ އެވެ. އެފަދަ ކުއްޖަކަށް އަބަދުވެސް ހުރެވޭނީ އަދަބުން ސަލާމަތްވާނެ މަގު ހޯދަން ބޭނުންވެފަ އެވެ. މަޝްވަރާކޮށް ކަންކަން ހައްލުކުރާކަށް ދަހެއް ނުވާނެ އެވެ. އަމިއްލަ އިހްސާސްތައް ބުނެދިނުމަށް ޖެހިލުންވާނެ އެވެ.

މައިންބަފައިންނާއި ދޭތެރޭ އޮންނަ ގުޅުމަށް ހީނަރުކަން އާދޭ

އަބަދު ކުދިންނާ ދިމާލަށް ބާރަށް އަޑުގަދަކޮށް އެއްޗެހިކިއުމަކީ އެކުދިންނާއި އެކުދިންގެ ބެލެނިވެރިންނާއި ދޭތެރޭ އޮންނަ ގުޅުން ކުޑަވާކަމެކެވެ. މައިންބަފައިންނަށް އިތުބާރު ކުރުމުގެ ބަދަލުގައި އެމީހުންނަކީ ބިރުވެރި ބައެއް ނުވަތަ ބިރުވެރި އިހްސާސް ގެނެސްދޭ ބަޔަކަށް ބަދަލުވެ އެވެ. ނަތީޖާއަކަށް ވަނީ މައިންބަފައިންނާއި އޮންނަ ގުޅުން ކުޑަވުމެވެ. މައިންބަފައިންދޭ ނަސޭހަތް ވެސް ގަބޫލު ނުކުރުމެވެ.

ކުޑަކުދިންނަށް ނުބައި ނަމޫނާ ދެއްކޭ

ކުދިންނަށް އެއްޗެހި ކިޔާ އަޑުގަދަކުރުމުން އެ އަމަލަކީ އެންމެ ރަނގަޅު އަމަލެއްގެ ގޮތުގައި ކުދިން ނަގައިގަނެ އެވެ. އަދި ރުޅިއަންނަ ވަގުތުތަކުގައި ބާރަށް އަޑުގަދަކޮށް އެއްޗެހި ކިއުމަކީ އެފަދަ ވަގުތުތަކުގައި މައްސަލަ ހައްލު ކުރެވޭނެ ހަމައެކަނި ގޮތްކަމުގައި އެކުދިންނަށް ހީވެ އެވެ. އޭގެ ސަބަބުން ކަމަކާ ނުރުހެވޭ ކޮންމެ ފަހަރެއްގައި އަނިޔާވެރިކަން އެކުއްޖާ ވެސް ޚިޔާރުކުރެ އެވެ. ބަސްނޭހުމަކީ މިފަދަ ކުދިންގެ އާދައަކަށް ބަދަލުވެ އެވެ.

ކިޔެވުމަށް ހުރަސްއަޅާ

ކުދިންނަށް އަޑުގަދަކޮށް އެއްޗެހިކިޔާ މާހައުލުތަކުގައި އުޅޭ ކުދިން އެ ދިރިއުޅެނީ ވަރަށް ސްޓްރެސް މާހައުލެއްގަ އެވެ. އޭގެ ސަބަބުން އަބަދު އެކުއްޖާ ހުންނާނީ ހިތްނުތަނަވަސް ކަންމަތީގަ އެވެ. މިކަމަކީ ނަފްސާނީ ދުޅަހެޔޮކަމަށް ބުރޫއަރާ ކަމެއްކަމަށް ވާތީ އެފަދަ ކުދިންނަށް ކަނުލާ އަޑުއެހުމަކީ އުނދަގޫ ކަމަކަށްވެ އެވެ. ކަނުލާ އަޑުއެހުމާއި، އަދި ވިސްނުމަކީ ކިޔެވުމަށް މުހިންމު ދެކަމަށްވާއިރު އެދެކަން ނުކުރެވުމުގެ ސަބަބުން އެފަދަ ކުދިންނަށް ކިޔެވުމަށް ހުރަސްއެޅި ދަށް ނަތީޖާ ލިބެ އެވެ. ހުނަރެއް ދަސްކުރުމަށް ވެސް ޝައުގުވެރިކަމެއް ނުހުންނާނެ އެވެ.

ކަމެއް ދިމާވާއިރަށް އަޑުގަދަކުރެވޭނަމަ، އެ ދޫކޮށްލެވެނީ މަޝްވަރާކޮށްގެން މައްސަލަ ހައްލުކުރަން ބުނެދެވޭނެ ފުރުސަތުތަކެވެ. ކުދިންނަށް ރަނގަޅާއި ނުބައި ވަކިކުރަން ބުނެދެވޭނެ ވަގުތުތަކެކެވެ.