ޔޫރޭނިއަމް ފައްކާކުރުން ހުއްޓާނުލާނެ ކަމަށާއި، ޔޫރޭނިއަމްގެ ރަހުނުތައް އެހެން ބަޔަކާ ހަވާލުނުކުރާނެ ކަމަށް އީރާނުގެ ނިއުކްލިއާ އިދާރާގެ އިސްވެރިޔާ ވިދާޅުވެއްޖެ އެވެ.

އީރާނުން ޔޫރޭނިއަމް ފައްކާކުރާ މިންވަރު ވަރަށް ބޮޑަށް ދަށްކުރަންޖެހޭނެ ކަމަށް އެމެރިކާއިން ބުނުމާ ގުޅިގެން، އެ ގައުމުގެ އެޓޮމިކް އެނާޖީ އޯގަނައިޒޭޝަންގެ ވެރިޔާ މުހައްމަދު އިސްލާމީއާ ހަވާލާދީ ދައުލަތުގެ މީޑިއާއިން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވަނީ، ޔޫރޭނިއަމް ފައްކާކުރުން ހުއްޓާނުލާނެ ކަމަށާއި އެ ތަކެތި އެހެން ފަރާތަކާ ހަވާލުނުކުރާނެ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާއިން ތަކުރާރުކޮށް ދެމުންދާ އިންޒާރުތަކަކީ އާ ކަމެއް ނޫން ކަމަށް ވިދާޅުވެ އެކަން ބޭރުކޮށްލައްވަމުން އިސްލާމީ ވިދާޅުވީ، ޔޫރޭނިއަމް ފައްކާކުރުމަކީ ނިއުކްލިއާ މަސައްކަތްތަކުގެ ވަކިނުކުރެވޭނެ ބައެއް ކަމަށެވެ.

އިސްލާމީ މިހެން ވިދާޅުވެފައިވަނީ، ހަނގުރާމަ ހުއްޓާލުމަށާއި ދުނިޔޭގެ ހަކަތަ އުފުލުމުގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ފާއިތުވި ހަފުތާތަކުގައި ހުށަހެޅުންތަކެއް ބަދަލުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި، ޒަރޫރީ ޝަރުތުތައް ފުރިހަމަވެއްޖެނަމަ ހަތް ދުވަސް ތެރޭގައި ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނުން ހުށަހަޅާފައިވާ ހުށަހެޅުމަށް އެމެރިކާއިން ދޭ ޖަވާބަށް، މަދު ދުވަސްކޮޅެއްގެ ތެރޭގައި އީރާނުން ރައްދު ދޭނެ އެވެ.

"ޔޫރޭނިއަމް ފައްކާކުރުމަކީ ނިއުކްލިއާ މަސައްކަތްތަކުގެ އަސާސީ ބައެއް، އަދި އެއްވެސް ހާލެއްގައި އެކަން އަޅުގަނޑުމެން ހުއްޓައެއް ނުލާނަން. މަސައްކަތުގެ ފެށޭ ހިސާބު ނެތި، ނިއުކްލިއާ ސިނާއަތެއް އޮތް ކަމަށް ދައުވާ ކުރެވޭނީ ކިހިނެއް؟ ނިއުކްލިއާ ސިނާއަތަކީ ސައިންސާއި ޓެކްނޮލޮޖީ ކުރިއެރުވުމުގެ މައިގަނޑު ބާރު،" އިސްލާމީ އިތުރަށް ވިދާޅުވި އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ވިދާޅުވީ، އީރާނާއެކު އުފެއްދުންތެރި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ ކޮންގްރެސްގެ މިޑްޓާމް އިންތިހާބުގެ ކުރިން އެއްވެސް ހަމަލާއެއް ނުދޭނެ ކަމަށެވެ.

އިޒްރޭލާއި، އެމެރިކާ އަދި ހުޅަނގުގެ އެހެން ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އީރާނުން މަސައްކަތް ކުރަނީ ނިއުކްލިއާ ހަތިޔާރު އުފެއްދުމަށެވެ. މިކަމުގެ ހެއްކެއްގެ ގޮތުން އެ ގައުމުތަކުން ފާހަގަކުރަނީ އީރާނުން 60 އިންސައްތައަށް ޔޫރޭނިއަމް ފައްކާކުރުމެވެ. މިއީ އާންމު ބޭނުންތަކަށް ބޭނުންވާ މިންވަރަށްވުރެ މާ މަތީ އަދި ހަތިޔާރު އުފެއްދުމަށް ބޭނުންވާ 90 އިންސައްތައާ ގާތް މިންވަރެކެވެ.