ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ޕީޕީއެމް ކެންޑިޑޭޓުންނަކީ ދުވެލި ބާރު ބައެއް ކަމަށާއި އެ ކެންޑިޑޭޓުން ނަތީޖާ ނެރެދޭނެ ބައެއް ކަމަށް މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބަށް ޕީޕީއެމްގެ ކެމްޕޭން އަލުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ އެ މަނިކުފާނާއި އަދި ޕީޕީއެމް އިން ވާދަކުރާ އެހެން ކެންޑިޑޭޓުން ވެސް ސަރުކާރަށް ޖެއްސުމެއް ނުކުރާނެ ކަމަށެވެ. އަދި އޭގެ ބަދަލުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ވެގެން ދާނީ ތަރައްގީއަށް އެއްބާރުލުން ދޭ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރަށް ހުށަހަޅައިގެން ކުރިއަށްދާ ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު ކެމްޕޭން އަލުން ފެށުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

"އަޅުގަނޑުމެންނަކީ ސަރުކާރަށް ޖެއްސުން ކުރާނެ ބައެއް ނޫން. އަޅުގަނޑުމެންގެ ފިކުރަކީ ތަރައްޤީ. އަޅުގަނޑުމެންގެ ދުވެލި ބާރު ވާނެ. ރައީސް ޔާމީން އަޅުގަނޑުމެންނަށް ދަސްކޮށްދީފައި ވަނީ ބާރުދުވެލީގައި ތަރައްގީ ގެންނަން،" ކުރީގެ ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ޚިދުމަތް ކުރަން ހޮވާފައިވާ ސަރުކާރާއެކު މަސައްކަތް ކުރުމަކީ އެ މަނިކުފާނުގެ ވެސް އަމާޒު ކަމަށެވެ. އަދި ވަކިކުލައަކަށް ވަކި ޕާޓީއަކަށް ބެލުމެއް ނެތި ތަފާތު ކުރިއެރުމެއް މާލެއަށް ގެނެސްދީ ނަތީޖާ ހާސިލްކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ވަރަށް ނާއުއްމީދީ މަންޒަރުތަކެއް. އަޅުގަނޑުމެންގެ އަމާޒަކީ އުއްމީދީ އުޖާލާ މުސްތަގުބަލެއް ހޯދައި ދިނުން. އަޅުގަނޑުމެން ތާއަބަދު ތިބޭނީ ރައްޔިތުންގެ ފަޅީގައި،" ކުރީ ސަރުކާރުން ހިންގި ސިނަމާލެ ބްރިޖް ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިންގެވުމުގައި އިސްކޮށް ހުންނެވި ޑރ. މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ކެންޑިޑޭޓުންނެކޭ އެއްފަދައިން އޭނާގެ ވެސް އެންމެ ބޮޑު އެއް އަމާޒަކީ ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުން ކަމަށެވެ. އަދި ގެދޮރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޓެކްނިކަލް މައުލޫމާތާއި މަޝްރޫޢުތައް ކުރިއަށް ގެންދާނެ ގޮތް ސަރުކާރަށް ހުށަހަޅައި، ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވި އެވެ.

ޕީޕީއެމްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު ކެމްޕޭން އަލުން ފެށުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޕީޕީއެމް

"މިކަންކަން ކުރި މީހުންގެ ހައިސިއްޔަތުން އަޅުގަނޑުމެން މިކަންކަން ސަރުކާރަށް ހުށަހަޅާނަން. އަޅުގަނޑުމެން މިތިބީ ރައްޔިތުންނަށްޓަކައި އުޖާލާ މުސްތަގުބަލެއް ހޯދައި ދިނުމުގައި އަޒުމުގައި. އަޅުގަނޑުމެންގެ އަޒުމެއް ނުގުޑާނެ. އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން،" އޭނާ ވިދާޅުވި އެވެ.

ޑރ. މުއިއްޒު ވިދާޅުވީ އޭނާ އާއި ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ރައްޔިތުން ވޯޓް ދެއްވާނެ ސަބަބަކީ ކަންކަން ކުރެވޭނެ އިލްމީ ގާބިލްކަން ހުރި ފަރާތްތަކަށް ނޫނީ މިކަންކަން ހާސިލް ނުކުރެވޭނެތީ ކަމަށެވެ.