ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑައިރެކްޓަރު ފަޒުލް ރަޝީދުގެ ގާތް ބަޔަކަށް 6.6 މިލިއަން ރުފިޔާއަށް ކުލަލުުމުގެ ޕްރޮޖެކްޓެއް ދީފި އެވެ.
އެނގިފައިވާ ގޮތުގައި "މެގަވާސް" ކިޔާ ކުންފުންޏަަކަށް މި ޕްރޮޖެކްޓް ދީފައިވަނީ އެއަށްވުރެ އަގުހެޔޮކޮށް އެ މައްސަކަތް ކޮށްދިނުމަށް ބައެއް ފަރާތްތަކުން ހުށަހަޅާފައިވަނިކޮށެވެ. "މެގަވާސް" ކުންފުންޏަކީ މި ސަރުކާރާއެކު އުފެދިފައިވާ 10 މަސްވީ ކުންފުންޏެއްކަން ފާހަގަވެ އެވެ. އެ ކުންފުންޏަކީ ފަޒްލުއާ ގާތް ބައެއްގެ ހިއްސާއޮންނަ ކުންފުންޏެއްކަމަށްވެސް "ހުރިހާ" އަށް މައުލޫމާތު ދިން މީހަކު ބުނެފައިވެ އެވެ.
މީސްމީޑިއާގައި ލީކުވެފައިވާ މި ޕްރޮޖެކްޓާ ގުޅޭ ޑޮކިއުމަންޓްތަކުން އެނގޭގޮތުގައި މި މަސައްކަތަކީ ހުޅުމާލެ ގައި ހުންނަ ކޮރަލް ވިލާ ފްލެޓްގެ ބޭރުގައި ހުރި ރެނދުތައް ބެއްދުމާއި ބޭރުގައި ކުލަލުމަށް ހަވާލުކުރެވުނު މަސައްކަތެކެވެ.
ފަޒުލްގެ ގާތް މީހުނަށްވުރެ އަގު ހެޔޮކޮށް މި މަސައްކަތް ކުރުމަށް ތިން ފަރާތަކުން 2-3 މިލިއަންއާ ދޭތެރޭގެ އަގުތަށްވެސް ހުށަހަޅާފައިވެ އެވެ.
ފަޒުލް އަކީ ރައީސް މުއިއްޒުއާ ވަރަށް އަރިސް ބޭފުޅެކެވެ. އެޗްޑީސީގެ އެމްޑީގެ މަގާމަށް އައްޔަންކުރައްވާފައި ހުންނަވަނީ މިނިސްޓަރުންގެ ފެންވަރުގައިކަން ފާހަގަކޮށްލެވެ އެވެ.
ރައީސް މުއިއްޒުގެ ސަރުކާރުގައި ހާއްސަކޮށް ކުންފުނިތަކުގައި ކޮރަޕްޝަންގެ މައްސަލަވަނީ ވަރަށް ބޮޑުވެފަ އެވެ. އެގޮތުން ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމަށް ނިންމާފައިވަނިކޮށް، އެ ކުންފުނިން ބޮޑެތި ފައިސާގެ މުއާމަލާތްތައްކުރަމުން ދާކަން ކަމަށް މި ނޫހަށް ވަނީ އެނގިފަ އެވެ. އޭގެ ކޮންމެ މުއާމަލާތެއްގައި ވެރިންނަށް ފައިދާވާގޮތަށް ނިންމާފައިވާކަމުގެ ތުހުމަތުވަނީ ކޮށްފަ އެވެ.