މިދިޔަ މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކި އާމްދަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 30.9 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މީރާއިން ބުނީ މިދިޔަ މަހު އެ އިދާރާއިން 994.12 މިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށެވެ. އަދި މިިއީ މިދިޔަ އަހަރުގެ ފެބްރުއަރީގެ އާމްދަނީއާ އަޅާ ބަލާއިރު 30.9 ދަށް އަދަދެއް ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.

ފެބްރުއަރީ މަހުގެ އާމްދަނީ ދަށްވި މައިގަނޑު ސަބަބެއްކަމަށް މީރާއިން ބުނިގޮތުގައި ރާއްޖެއަށް ދިމާވެފައިވާ ކޮވިޑް19 ގެ ހާލަތެވެ. އޭގެ ސަބަބުން، މިދިޔަ މަހު ގްރީން ޓެކްސް، ބީޕީޓީއާއި އެއާޕޯޓު ޓެކުހުން ލިިބުނު އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ.

މީގެ އިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީ ގައި ލީސް ޕީރިއެޑް އެކްސްޓެންޝަންގެ ގޮތުގައި އެ އިދާރާއަށް ވަނީ އާމްދަނީ ލިބިފަ އެވެ. މިއަހަރު އެ އާމްދަނީ ލިބިފައި ނުވާތީ، މިއީ މި އަހަރުގެ އާމްދަނީ މިދިޔަ އަހަރަށް ވުރެ ދަށްވި އިތުރު ސަބަބު ކަމަށް ވެސް މީރާއިން ބުންޏެވެ.

އެހެން ނަމަވެސް، މީރާއިން ބުނީ އެ އިދާރާއަށް ފްބްރުއަރީ މަހު ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީއަށް ވުރެ ލިބުނު އާމްދަނީ 41.2 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ސަބަބަކީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އިގްތިސާދު ރަނގަޅުވަމުން އަންނާތީ ޖީއެސްޓީ، ގްރީން ޓެކްސް، ޓޫރިޒަމް ލޭންޑް ރެންޓް އަދި އެއާޕޯޓް ސާވިސް ޗާޖްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުންނެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މީރާއަށް މިދިޔަ މަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ނެގުނު ޖީއެސްޓީން ނެވެ. އެއީ އާމްދަނީގެ 67.7 ޕަސެންޓް ނުވަތަ 672.79 މިލިއަން ރުފިޔާ އެވެ. ދެން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އާމްދަނީން ނަގާ ޓެކުހުންނެވެ. އެއީ 10.8 ޕަސެންޓް ނުވަތަ 107.47 މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު މީރާއަށް ގްރީން ޓެކްސްގެ ގޮތުގައި 63.54 ރުފިޔާ (6.4 ޕަސެންޓް) ލިބިފައިވެ އެވެ. އަދި އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 34.08 މިލިއަން ރުފިޔާ (3.4 ޕަސެންޓް)، އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 33.46 މިލިއަން ރުފިޔާ (3.4 ޕަސެންޓް) އަދި އެހެނިހެން ފީގެ ގޮތުގައި 82.77 މިލިއަން ރުފިޔާ (8.3 ޕަސެންޓް) ލިބިފައިވެ އެވެ.

މީގެ އިތުރުން، މީރާއިން ބުނީ އެ އިދާރާގެ މިދިޔަ މަހު ޖަމާކުރި އާމްދަނީގެ ތެރޭގައި 41.71 މިލިއަން ޑޮލަރު ވެސް ހިމެނޭ ކަމަށެވެ.