ގިނަ ދުވަސްވީ ޓީވީ ޗެނަލެއް ކަމަށްވާ ޗެނަލް13 ގެ ބްރޯޑްކާސްޓިން ލައިސަންސް ބާތިލް ކުރުމުގެ މަސައްކަތް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ފެށުމަށް ފަހު، އެ މަސައްކަތް ހުއްޓާލަން މިއަދު ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި ޗެނަލް13 ގެ ލައިސަންސް ބާތިލް ކުރުމުގެ މަސައްކަތް އެ ކޮމިޝަނުން ފެށީ އެ ޗެނަލް ހިންގާ، މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑް އުވައިލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ފަށާފައިވުމުންނެވެ.

އެ ކުންފުނީގެ ހިއްސާދާރުންނަކީ މި ސަރުކާރުގެ މަގާމެއްގައި ހުންނެވި އަހުމަދު ނާސިފް އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުލީއާގޭގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި އަހުމަދު މުސްތަފާ އެވެ.

އެ ކުންފިނިން އަހަރީ ފީ ދައްކާފައިވަނިކޮށް ކުންފުނި އުވާލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން ކުރެވުނީ އޮޅިގެންކަމަށްވެ އެވެ. އެހެންކަމުން އެކަން ހުއްޓާލުމާއެކު ޗެނަލް13 އުވާލުމަށް ބްރޯޑްކޮމް އިން ކުރަންފެށި މަސައްކަތް ވަނީ ހުއްޓާލާފަ އެވެ. އަދި ދެން ކުރިއަށް ދާނެ ގޮތަކާމެދު ކޮމިޝަނުގެ ދެން އޮންނަ ބައްދަލުވުމެއްގައި ނިންމާނެ ކަމަށްވެ އެވެ.

ޗެނަލް13 އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ހ. ދޫވެހީގައި ހިންގާ ޓީވީ ސްޓޭޝަނެކެވެ. އެ ޗެނަލުން ދަނީ ޔާމީންގެ ޕާޓީ ޕީއެންއެފްގެ ޖަލްސާތަކާއި އިވެންޓްތައް ވެސް ލައިވްކޮށް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި ދާދިފަހުން މަޖިލިސް ނައިބު ރައީސް އަހުމަދު ނާޒިމްއާ ގުޅޭ މައްސަލައަކަށް ޗެނަލް13 އިން ހެދި ޑޮކިއުމެންޓްރީއެއްގެ މައްސަލަވެސް ވަނީ ވަރަށް ގޯސްވެފަ އެވެ.