ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ރ. ފުއްގިރި މައްސަލައިގެ ހުކުމް ކުރުން ފަސްކޮށްފައިވަނިކޮށް، އެ މައްސަލައިގެ ބައެއް ކަންކަން އެ މަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.
މި މައްސަލައަކީ ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި އެއްކިބާކުރުމަށް އެދިފައިވާ ހެކި ވަޒަންކޮށްފައިވާ ގޮތް ބަޔާންކޮށްފައި ނުވާތީ، މައްސަލައިގައި އަދުލުއިންސާފު ގެއްލިފައިވާ ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތްޕުޅުން މިދިޔަ ހަފުތާގެ ބުދަ ދުވަހު ހައިކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.
މި މައްސަލަ ހައިކޯޓަށް ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުމުގައި ސުޕްރީމް ކޯޓުގެ ސާބިތު ނިންމުންތަކަށް ރިއާޔަތްކުރައްވާފައިވެ އެވެ. އެގޮތުން ޝަރީއަތަށް ހެކި ގަބޫލުކުރުމާ ގުޅޭގޮތުން އިބްތިދާއީ މަރުހަލާގައި ފަނޑިޔާރު ނިންމަވާ ނިންމެވުންތަކަކީ ޝަރީއަތުގެ މަރުހަލާގައި ވެސް އިތުރަށް ބަހުސްކޮށް ގޮތް ނިންމޭނެ ކަންކަން ކަމުގައިވާއިރު، މައްސަލައިގެ ތެރެއިން އެކަންކަން ހުށަހެޅުމުގެ ބަދަލުގައި ވަކިން އިސްތިއުނާފު ކުރުމަކީ ދަށު ކޯޓުގެ ޝަރީއަތް ދިގުލައިގެން ދިއުމަށް މެދުވެރިވާނެ ސަބަބެއްކަން ފާހަގަކުރައްވާފައިވެ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް އިސްތިއުނާފު ކުރުމުގެ ފުރުސަތު އޮންނަނީ، ޝަރީއަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުސަތު ނެތް ކަންކަމުގައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ރަޖިސްޓްރާގެ ނިންމެވުމުގައި ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހެއްކެއް އެއްކިބާކޮށްފައި ނުވާކަމަށާއި، ހެކި އެއްކިބާނުކުރި ސަބަބު ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، ހެކި ގަބޫލުކުރުމާ ގުޅޭގޮތުން ޝަރީއަތުގެ މަރުހަލާގައި އިތުރަށް ވާހަކަދެއްކުމުގެ ފުރުސަތު އަދިވެސް އޮތުމާއެކު، ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ހަވާލާދީ ރަޖިސްޓްރާ ވަނީ މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތް ކަމަށް ނިންމަވާފަ އެވެ.
ކަނޑު ވިއްކާލި ކަމަށް ބުނާ މައްސަލަ ބަލަން ކޮމިޝަނެއް ހަދައިފި