އޭނާ ބުނިގޮތުގައި އޭނާއަކީ ދިވެހިރާއްޖޭން އުފައްދާފައިވާ ދިވެހި އުފެއްދުމެކެވެ. ދިވެހި ސަރުކާރުންނާއި އޭނާ ނިސްބަތްވާ އެސޯސިއޭޝަނުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށެވެ. މިއަދު އޭނާ ބޭނުން ވަނީ އޭނާ އަށް ލިބިފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި އަލަށް އެ ކުޅިވަރުގެ ތެރެއަށް ވަންނަ ކުދިން މޮޅު ހުނަރުވެރި ކުޅުންތެރިންތަކަކަށް ހަދާށެވެ. ގައުމަށް އަދާކޮށްދޭންޖެހޭ ވާޖިބެއްގެ ގޮތުގައި ދެކިގެންނެވެ. މިއީ ވިދިވިދިގެން އެތައް އަހަރަކު ރާއްޖޭގެ ބެޑްމިންޓަން ކޯޓުތަކުގައި ރަސްކަންކޮށްފައިވާ ހުނަރުވެރި، ގާބިލް އަދި ތަޖުރިބާކާރު ބެޑްމިންޓަން ކުޅުންތެރިޔާ ދެކޭގޮތެވެ.
މުހަންމަދު އަޖްފާން ރަޝީދު ނުވަތަ އަޖްފާންއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ކާމިޔާބު ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. އައިއޯއައިޖީ، އޭޝިއަން ގޭމްސް، ކޮމަންވެލްތް ގޭމްސް އަދި ބައިނަލްއަގްވާމީ ބެޑްމިންޓަން މުބާރާތްތަކުގައި ކުޅެ، ގިނަ ކާމިޔާބީތަކެއް ވެސް އޭނާ ވަނީ ހޯދައިފަ އެވެ. ދިވެހި ފަސްގަނޑުގައި ޖައްސަޖައްސައިގެން ހަ އަހަރު ތަށި ހޯދައިފައިވާ އަދި މުޅިއެކު ނުވަ އަހަރު ގައުމީ ތަށި ކާމިޔާބުކޮށް ރާއްޖޭގެ އެންމެ މޮޅު ބެޑްމިންޓަން ކުޅުންތެރިޔާގެ މަގާމު ވެސް ހޯދި އަޖްފާން ސްކޫލްގައި އުޅުނުއިރު ބޭނުންވީ ކިޔެވުމާއި ކުޅިވަރު ބެލެންސްކޮށް ކުރިއަށް ގެންދާށެވެ. މަދަރުސީ ހަޔާތުގައި އެ ބެލެންސް ހިފެހެއްޓި އެވެ. އޭރު ސްކޫލުގައި ކުޅޭ ކުޅިވަރުތަކުގެ ތެރޭން އޭނާ އެންމެ ގަޔާވި އެއް ކުޅިވަރަކީ ބެޑްމިންޓަން އެވެ.
"އަބަދުވެސް އަޅުގަނޑު ބެޑްމިންޓަން ކުޅެން. ސްކޫލުގައި އުޅުނުއިރު ކުޅުނު ހުރިހާ މުބާރާތަކުން ވެސް ޗެމްޕިއަންކަން ލިބޭ. ފަނަރަ އަހަރުގައި ނެޝަނަލް ޓީމަށް ކުޅެން ފަށައިފިން. އަދި 16 އަހަރުގައި ގައުމީ ޗެމްޕިއަންކަން ނެގިގޮތަށް ޖެހިޖެހިގެން ހަ އަހަރު މުޅިއެކު ނުވަ އަހަރު ޗެމްޕިއަންކަން ހޯދިން. އަދި އެދޭތެރޭގައި ރާއްޖޭގައި އޮންނަ އަޅުގަނޑު ބައިވެރިވާ މުބާރާތެއްވިއްޔާ ޗެމްޕިއަން ކަންލިބޭ،" އޭނާ ބުންޏެވެ.
ސްކޫލް ދައުރު ނިމުމުން އޭނާ ބޭނުންވީ ޓޫރިޒަމްގެ ދާއިރާއިން ކުރިއަށް ދާށެވެ. އެމްއެންޔޫ އިން ހިންގާ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގައި ބައިވެރިވެ ކިޔަވަމުން ގައުމީ ޓީމުގެ ޕްރެކްޓިސްތަކަށް ދިއުމަށް ވަގުތު ހުސްކުރަން އުނދަގޫވެ، ކޮންމެވެސް އެއް ދާއިރާއެއް ކަނޑައަޅަން އޭނާއަށް މަޖްބޫރުވި އެވެ.
އޭނާ ބުނިގޮތުގައި ކުޅިވަރަކީ ވަރަށް "ޓައިމް ކޮންސިއުމިން" (ގިނަވަގުތު ހޭދަވާ) ކަމަކަށް ވުމުން ދެކޮޅަށް ކިރާލައިފައި، ބެޑްމިންޓަން އިން ކުރިއަށް ދިއުމަކީ އެންމެ ރަނގަޅު އެންމެ ފައިދާހުރި ގޮތް ކަމުގައި ވިސްނި އެ ރޮގުން ކުރިއަށް ދާން ނިންމީ އެވެ. އެ ނިންމުން ނިންމައި މާގިނަ ދުވަސް ނުވަނިސް ރާއްޖޭން ބޭރުގެ ފުރަތަމަ ޓްރޭނިން އޭނާއަށް ހަމަޖެހުނެވެ. އެއީ ސްރީލަންކާގައި ހިންގި ކުރު ޓްރޭނިންއެކެވެ.
"ސްރީލަންކާއަށް ފުރަތަމަ ޓްރޭނިން އަށް ދިޔައިރު އަޅުގަނޑަށް ވާނީ 17 ވަރަކަށް އަހަރު. އެ ޓްރޭނިން ނިންމާފައި ރާއްޖެ އައިތަނާ އަޅުގަނޑަށް ލިބުނީ ސްކޮލާޝިޕެއްގައި މެލޭޝިއާ އަށް ދިއުމުގެ ޗާންސް. އެއީ އޮލިމްޕިކް ކޮމިޓީން ރައްޖޭގެ ކުޅިވަރުގެ ފަސް ދާއިރާއަކުން ހޮވި މީހުންގެ ތެރޭގައި އަޅުގަނޑު ހިމެނިގެން،" ރާއްޖެ ފަޚުރުވެރިވާ މި ކުޅުންތެރިޔާ ކިޔައިދިނެވެ.
ދިގު ޓްރޭނިން: މީހާ ބަދަލު ކޮށްލި
މެލޭޝިޔާގެ ނިއުވިޝަން ބެޑްމިންޓަން އެކަޑަމީއާ ގުޅުނު އިރު އޭނާގެ އުމުރަކީ އެންމެ 20 އަހަރެވެ. އެތަނުގައި ހޭދަކުރި ދުވަސްތައް އަޖްފާން ސިފަކޮށްދިނީ "ޓަފް ޓްރެއިނިން" ތަކެއްގެ ގޮތުގަ އެވެ. މައިގަނޑު ކަމެއްގެ ގޮތުގައި އޮންނަނީ މުބާރާތްތަކަށް ޓްރޭން ވުމެވެ. މާކުޑައިރުއްސުރެ ޓްރޭނިންގްތަކަށް ފަރުވާތެރިވާ އަދި ހަރުދަނާ އުސޫލުތަކެއް އަބަދުވެސް ގެންގުޅޭ ކުޅުންތެރިއެއް ކަމުގައިވާތީ، އެކަން އޭނާއަށް އުނދަގޫކަމަކަށް ނުވި އެވެ. އެ ޓްރޭނިންގެ ތެރޭގައި އުޅެމުން އޭނާ ވަނީ އޮލިމްޕިކްސް އަށް ކޮލިފައިވެ ފުރަތަމަ ފަހަރަށް ރާއްޖެ ތަމްސީލުކޮށްފަ އެވެ. އެ ދަތުރުން ދެން އޭނާއަށް ދަސްވާން ފެށީ ހަރުދަނާ މީހަކަށް ވާން ބޭނުންވާ މުހިންމު އުކުޅު ތަކެކެވެ. އެއީ ވަގުތާއި ފައިސާ މެނޭޖް ކުރުމެވެ.
ޓްރޭނިން އަށް ފަހު ލިބޭ ހުސް ވަގުތުތަކުގަ އާއި ހަފްތާ ބަންދުގައި އެ އެކަޑަމީއަށް އަންނަ ޖޫނިއާ ކުދިންނަށް ކޯޗު ކޮށްދޭން ފެށުމުން ކޯޗިން އަށް ޝައުގުވެރިވެ އެއީ ވެސް ކުރިއަށް ދެވިދާނެ މަގެއް ކަމުގައި އޭނާއަށް ފެނުނެވެ.
އެކަޑެމީ އުފެއްދުން: އާޖީލުން ގިނަ ޗެމްޕިއަނުން ވުޖޫދު ކުރުމަށް އެޅިބާރެއް
ދެހާސް އަށާރައިގައި މެލޭޝިއާގެ ޓްރޭނިން ނިންމާފައި ރާއްޖެ އައިސް، ކުދިންނަށް ޕްރައިވެޓް ޓްރޭނިން ދޭން ފެށީ އެ މަގްސަދުގަ އެވެ. އޭރު ވެސް އޭނާއަކީ ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލު ކުރަމުން ދިޔަ ކުޅުންތެރިއެކެވެ. އޭގެ އެއް އަހަރު ފަހުން 2019 ގައި، އޭޝިއަން ގޭމްސް އަށް ގޮސް އުޅުނުއިރު އެކަޑެމީއެއް ހިންގުމުގެ ވިސްނުން އައިސް، ހަމަ އެ އަހަރު އައިބާ (އަޖްފާން އިންޓަނޭޝަނަލް ބެޑްމިންޓަން އެކަޑެމީ) ގެ ނަމުގައި އެކަޑެމީއެއް ރަޖިސްޓްރީކުރި އެވެ. ފުރަތަމަ ފަށައިގަތް އިރު އެ އެކަޑެމީގައި ތިބީ ދިހަވަރަކަށް ކުޅުންތެރިންނެވެ.
"އެކަޑެމީ ރަޖިސްޓްރީ ކުރިތަނާ ކޮވިޑް ފެށުނީ. އެހެން ނަމަވެސް ގިވްއަޕް ނުކޮށް ބޭރަށް ނިކުމެ އުޅުމުގެ ހުއްދަ ލިބޭއިރަށް ކުދިން ގޮވައިގެން ޕްރެކްޓިސް ކުރިން. އޭރު އަޅުގަނޑު އެކަނި ކޯޗަކަށް ހުންނާނީ. އެކަޑެމީ ފެއްޓިގޮތަށް ފުލް ފޯސްގަ އެކި ޕްރޮގްރާމްތައް ހިންގިން. ވާދަވެރި މުބާރަތްތަކުގައި ކުދިން ބައިވެރިކުރުވިން. ވަރަށް ކޮމިޓެޑް ޕޭރަންޓުން ތިބީ. އެކަޑެމީއަށް ކުޅުންތެރިން ގިނަވާން ފެށުމުން އިތުރު ކޯޗުން ހޯދައި ޕްރޮފެޝަނަލް އެކަޑެމީއަކަށް ހެދިން. މިހާރު އަޅުގަނޑުމެން މިގެންދަނީ ވަރަށް އޯގަނައިޒްޑްކޮށް. ކްލާސަސް ހުންނާނީ އެކި ބެޗްތަކަށް ބަހާފައި. އެލީޓް ކުދިން ވަކިން ޓްރޭން ކުރާނީ. ދެން އޭގެ ދަށަށް ތިބޭނެ އިންޓަ މީޑިއެޓް ކުދިން ވަކިން. އަދި ބިގިނާ ކުދިން ވަކިން. އެގޮތަށް ޕްރޮގްރާމްސް ހުންނާނީ ރާވާފައި،" އަޖްފާންގެ އެކެޑެމީ ޕްރޮގްރާމްތައް ރޭވިފައިވާ ގޮތް ކިޔައިދެމުން ބުންޏެވެ.
އައިބާގެ ތަފާތަކީ ޗުއްޓީ ދުވަހެކޭ އެހެން ދުވަހެކޭ ތަފާތު ނުކޮށް ޕްރެކްޓިސް ބާއްވައި، ރާއްޖޭގައި ސަގާފީ ގޮތުން އޮންނަ ބަންދު ދުވަހަކީ ހުރިހާ ކަމެއްގައި ވެސް "ބަނދު"، މި ވިސްނުން ބަދަލުކޮށް ބެޑްމިންޓަން ކުޅުމަކީ ގަވައިދުން ކުރަންޖެހޭ ކަމެއްކަން ކުދިންނަށް އަންގައި ދޭތީ އެވެ. އެ ސަގާފަތް ބަދަލު ކުރުމަށް ހުރިހާ ދުވަހަކު ވެސް ޕްރެކްޓިސް ބާއްވަ އެވެ.
ބެޑްމިންޓަންގައި ހުރި ގޮންޖެހުންތައް: ކުޅުންތެރިންގެ ހުނަރަށް ހުރި ބޮޑު ހުރަހެއް
އައިބާ ހިންގުމުގައި ހުރި ގޮންޖެހުންތަކަކީ ކޮބައިތޯ އެހުމުން އަޖްފާން ބުނީ، ރާއްޖޭގެ މުޅި ކުޅިވަރު ކޮމިއުނިޓީއަށް ދިމާވެފައި ވަނީ އެއްމައްސަލަތަކެއް ކަމަށެވެ. އެއީ ފަންޑިން (ފައިސާ) ހޯދުމުގައި ދިމާވެފައިވާ ދަތިތަކާއި ކޯޓުގެ ދަތިކަމެވެ. ކޯޓުގެ ދަތިކަމާއި ހުރެ ރަނގަޅު ކުދިން އުފެއްދުމަށް އުނދަގޫ ކަމަށެވެ. އެއީ ބޭނުންވާވަރަށް ޕްރެކްޓިސް ނުކުރެވޭތީ ކަމަށެވެ. ނަމަވެސް އަދި މިކަންތައްތައް އަވަހަށް ހައްލުވެ ރަނގަޅުވާނެ ކަމަށް އޭނާ އުންމީދު ކުރެއެވެ.
"ވަރަށް ބައިވަރި ކުދިން ކުޅޭ. އެވަރަކަށް ކޯޓެއް އްނުލިބޭ. ރާއްޖޭގެ އިންފްރާސްޓްރަކްޗާ ރަނގަޅު ނުކޮށް ނުވާނެ މި ކަމެއް. އެއީ ބޭސިކް. ކުޅޭނެ ތަނެއް އެބަޖެހޭ އޮންނަން، މިކަހަލަ ކަންތައްތަކަށް އެބަޖެހޭ ތަންކޮޅެއް ބޮޑަށް އިސްކަންދޭން. މިކަމުގެ ޒިންމާ ނަގަންޖެހޭނެ ފަރާތްތަކާއި ސަރުކާރާއި ގުޅިގެން ކުރެވޭނެ ކަންކަން މިހުންނަނީ،" އޭނާގެ ހުރި ކަންބޮޑުވުންތައް ހިއްސާ ކޮށްލަމުން ބުންޏެވެ.
ކުޅިވަރުގައި ހިފަހައްޓާ އަޚްލާގީ މިންގަނޑު: މޮޅު މީހަކަށްވި ސަބަބު
އަޖްފާން މޮޅުކުޅުންތެރިއަކަށް ވުމަށް އެންމެބޮޑަށް ހިފެހެއްޓި އެކައްޗަކީ ޑިސިޕްލިން (އަޚްލާގް) ކަމުގައި އޭނާ ބުންޏެވެ. އޭގެތެރޭގައި އެއްވެސް ދުވަހެއް ގެއްލުވައި ނުލައި ބެޑްމިންޓަން ޓްރެއިނިންތަކަށް ފަރުވާތެރިވުން ހިމެނެ އެވެ.
"ކޮންމެ ދުވަހަކު ވެސް ޕްރެކްޓިސް ކުރަން ޖެހޭނެ، ޗުއްޓީއެއް ރެސްޓެއް ނުދީ އެއީ އުޅެ ބޮޑުވި ގޮތް. ކޮމިޓްމަންޓް އެއްޗަކީ. ޑިސިޕްލިން ވީމަ ފޯކަސް ރަނގަޅު ވާނެ. ފޯކަސް ރަނގަޅުވީމަ ސެޝަންގައި އެހަދާ އެއްޗެއް އަވަހަށް ދަސްވާނެ. އަދި ކުޅުމުގެ ތެރޭގައި ބޭނުން ކުރަން ފެށޭނެ. އެޑިސިޕްލިން ކުދިންގެ ގައިގައި ހުންނަށް އަޅުގަނޑު ބޭނުންވޭ،" އޭނާ ބުންޏެވެ.
މިއަދު ވެސް އޭނާއަކީ ރާއްޖޭގައި ހުރި އެންމެ ކާމިޔާބު ފިރިހެން ބެޑްމިންޓަން ކުޅުންތެރިޔާ އެވެ. ނަމަވެސް އޭނާ އެ ހިސާބަށް ގެނެސްދިނީ ކޮން ބައެއްކަމާއި، ސަރުކާރުންނާއި ބެޑްމިންޓަން އެސޯސިއޭޝަނުން އޭނާ ކުރިއަރުވަން ކުރި މަސައްކަތާއި ކުރި ހޭދަ އޭނަ ހަނދާން ނައްތައެއް ނުލަ އެވެ. ރާއްޖެއަށް ދަރަނިވެރިވެފައިވާ ކަމުގެ އިހްސާސް ވާތީ ޗެމްޕިއަނުން އުފެއްދުމަކީ މިއަދު އޭނާގެ ވަރަށް ބޮޑު ޓާގެޓަކަށް ވަނީ ހަދައިފަ އެވެ.
"އަޅުގަނޑު ބޭނުން އަޅުގަނޑުފަދަ އެތައް ޗެމްޕިއަނުންތަކެއް އުފެދެން. އަޅުގަނޑަށް ލިބިފައިވާ ނޮލެޖް (އިލްމް) އަނބުރާ ދޭން. އަޅުގަނޑަށް އިންވެސްޓްކޮށްފައި، އެ ހުރިހާ ސަޕޯޓެއް ދީފައި މީހަކަށް ހެދީމަ، އެއީ އަނބުރާ ދޭން ޖެހޭނެ އެއްޗެއް ދެއްތޯ،" އޭނާ ވިސްނާ ގޮތުް ހާމަކޮށްލި އެވެ.