ޓީވީ ސްކްރީނަށް ދެވިހިފުމަކީ ކަންކަމަށް ސަމާލުކަން ދިނުމަށް ހުރަސްއެޅޭ ކަމެއް ކަމަށް ފަހުގެ ދިރާސާތަކުން ދައްކަ އެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ކަންކަމަށް ސަމާލުކަން ނުދެވޭ ނަމަ، ޅައުމުރުގެ ކުދިންގެ ކިބައިގައި ހުންނަ ހަލަނިކަން އަދި ހަލަބޮލިކަން އިތުރުވެ އެވެ. ނަތީޖާއަކަށް ވަނީ އެކުދިންގެ ކުދި ބޭނުންތައް ބޮޑެތި "ޑިމާންޑް" (އަމުރު) ތަކަށް ބަދަލުވުމެވެ. ކުޑަކުދިން ފޮތް ކިޔުމަށް އަހުލުވެރިކުރުމަކީ އެ ޅަ ސިކުނޑިތައް އުދާސްތަކުން ދުރުކޮށްދީ ފޯކަސް ރަނގަޅުކުރުވައި މަޑުމައިތިރިކޮށްދޭ ކަމެކެވެ.
ފޮތް ކިޔުމަކީ އިންސާނާއަށް ގިނަގުނަ ފައިދާހުރި ބަދަލުތައް ގެނުވާ އޭނާ ހީވެސް ނުކުރާ އެތައް މަންޒިލްތަކަށް ގެންގޮސްދޭ ކަމެއްކަން ފ. ނިލަންދޫއަށް އުފަން އަހުމަދު އަމާން އިބްރާހިމް (އަމާން) 23، ވަނީ ސާބިތުކޮށްދީފަ އެވެ.
އަމާން އަކީ ފޮތްކިޔުމުގެ ތެރެއިން ޖައްވުގެ އެކި މައުލޫމާތު ލިބިގަނެ އެސްޓްރޮނޮމީ (ފަލަކީ އިލްމް) އަށް ޝައުގުވެރިކަން އުފެދުނު ޒުވާނެކެވެ. ފޮތްކިއުމުގެ ސަބަބުން އޭނާގެ މައުލޫމާތުގެ ޚަޒާނާ މުއްސަނދިވި އެވެ. އާ ޚިޔާލުތަކާއި ވިސްނުން ތަރައްގީ ވި އެވެ. އޭނާގެ ލިޔުންތަކާއި ދައްކާ ވާހަކަތަކުގައި ހުރި އޮށްޓަރަކީ އެކަމުގެ ހެއްކެވެ. ފޮތްކިޔުމާއި މައުލޫމާތު އެއްކުރުމުގެ ލޯބި އޭނާ ގެންގޮސްދިނީ މިއަދު އޭނާއާއި އޭނާގެ އާއިލާ ފަޚުރުވެރިވާ ފަދަ ހިސާބަކަށެވެ.
ޖަމާލުއްދީން ސްކޫލާއި ސީއެޗްއެސްއީ އިން ތައުލީމު ހާސިލްކުރި އަމާން ދެކެމުން އައި ހުވަފެނަކީ ކޮންމެވެސް ދުވަހަކުން އެސްޓްރޮނޮމާ (ފަލަކީ އިލްމްވެރިއެއް) އަކަށް ވުމެވެ. އެކަމަށްޓަކައި ޖައްވީ ސްޓޭޝަން "ނާސާ"ގެ ދައުރާއި މަސައްކަތަކީ ކޮބައިތޯބެލުމާއި، "ހަބްލް" ޓެލެސްކޯޕް ކުރަމުންގެންދާ މަސައްކަތް ބެލުމާއި އެ ހަބްލް ޓެލެސްކޯޕް އަމާޒުކޮށްފައި ހުރި ތަރި ބެލުން ހިމެނެ އެވެ.
އޭނާ ބުނިގޮތުގައި އެގޮތަށް މައުލާމާތު ހޯދުމުގެ ތެރޭގައި ދަސްވި އެއްކަމަކީ، ހަބްލް ޓެލެސްކޯޕުން އެ ވަގުތެއްގައި ބަލަންހުރީ ޖައްވުގެ ކޮން ދިމާލަކަށް ކަމާއި، އެއީ ކޮން ފަލަކީ އިލްމުވެރިއެއް އެދުމުގެ މަތިންކަން ނާސާއިން ހާމަކުރުމެވެ. ދެން ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުން އެ ފަލަކީ އިލްމުވެރިންގެ މައުލޫމާތު ހޯދައިގެން އެ މީހުންނަށް އޭނާ މެސެޖް ކުރި އެވެ. އޭރު އަމާންގެ އުރުން ވީ އެންމެ 11 ވަރަކަށް އަހަރެވެ. ފަހުން އިނގުނު ގޮތުގައި އޭނާއަށް މެސެޖް ކުރެވުނީ އޮސްޓްރޭލިއާގެ ސްވިންބާން ޔުނިވާސިޓީ އޮފް ޓެކްނޮލޮޖީގެ ޖައްވާ ބެހޭ ދިރާސާ ކުރައްވާ ޕްރޮފެސާ މިޝާލް ކްލޫވާ އާ ކަމެވެ.
"އޭރު އަޅުގަނޑު އުޅުނީ ގްރޭޑް ހައެއްގަ. އަޅުގަނޑު ކަހަލަ އާދައިގެ ސްކޫލް ކުއްޖެއް މެސެޖް ކުރީމައި ބޮޑު ޔުނިވާސިޓީއެއްގެ ޕްރޮފެސާއެއް ރިޕްލައި ކުރާނެ ކަމަކަށް ހީވެސް ނުކުރަން. މެސެޖްކޮށް ދެކެވުނު ވާހަކައިގެ ތެރޭގައި އަޅުގަނޑަށް ކިޔައިދިނީ މިޒަމާނުގައި އެންމެން ވެސް ސްޕޭސް ދަސްކުރަނީ ކޮމްޕިއުޓަރު ބޭނުން ކޮށްގެންނޭ. އެކަމަށްޓަކައި ކޮމްޕިއުޓާ ޕްރޮގްރާމިން ދަސްކުރުމަކީ ވަރަށް މުހިންމު ކަމެކޭ. އެސްޓްރޮނޮމާއަކަށް ވާން ބޭނުމިއްޔާ ކޮމްޕިއުޓާ ޕްރޮގްރާމިން ދަސްކުރުމަށް ލަފާދެއްވި،" އަމާން ކިޔައިދިނެވެ.
ޕްރޮފެސާ މިޝާލް ކްލޫވާގެ ލަފާގެ މަތިން އަމާން ކޮމްޕިއުޓާ ޕްރޮގްރާމިން ދަސްކުރުމަށް ފަށައިގަތެވެ. ފުރަތަމަ ޔޫޓިއުބް ވީޑިއޯ ބަލައިގެން ވެބްސައިޓް ހަދަން ދަސްކުރި އެވެ. އަދި ގްރޭޑް ހައެއްގައި އުޅެމުން އަމިއްލަ ވެބްސައިޓް ހެދި އެވެ.
އަމާން ބުނިގޮތުގައި ސްކޫލް ނިމުނުއިރު އޭނާގެ އެންމެ ބޮޑު އަމާޒަކަށްވެފައި ވަނީ އެސްޓްރޮނޮމާއަކަށް ވުމެވެ. ނަމަވެސް އެމްއެންޔޫގައި ދިމާވި އެމެރިކާގެ ޕްރޮފެސާއެއްގެ ވާހަކަ އަޑުއަހާފައި އޭނާގެ ޚިޔާލު ބަދަލުވި އެވެ.
"އެމްއެންޔޫގައި ޔުނިވާސިޓީ އޮފް ވޮޝިންގްޓަންގެ ޕްރޮފެސާއެއް އެއްފަހަރަކު އާޓިފިޝަލް އިންޓެލިޖަންސް (އޭއައި) އާބެހޭ ގޮތުން ދެއްވި ލެކަޗާއަކަށް އަޅުގަނޑު ދިޔައިން. އެ ދުވަހަށްފަހު މާޝައުގުވެރި ފީލްޑެއްގެ ގޮތުގައި އާޓިފިޝަލް އިންޓެލިޖަންސް އަޅުގަނޑަށް ފެނުނު. ކޮމްޕިއުޓާ ޕްރޮގްރާމިން ވެސް އެނގޭތީ އާޓިފިޝަލް އިންޓަލިޖެންސްގެ ރޮނގު މާ ރަނގަޅުވާނެ ކަމަށް އަޅުގަނޑު އެ ދުވަހު ނިންމިން،" އަމާން ކިޔައިދިނެވެ.
އޭއައިގެ ބޭނުމަކީ އިންސާނަކަށް ނަގައިގަންނަން އުނދަގޫ، ގިނަ، ތަފްސީލީ މަސައްކަތްތަކެއް އަވަހަށް އަދި ފަސޭހަކޮށް ކުރެވޭނެ ގޮތް ހެދުމެވެ. އެރޮނގުން ކުރިއަށް ދިއުމަށް ފެށި ދަތުރުގައި 2023 ވަނަ އަހަރު އޭނާ ފުރަތަމަ ޑިގްރީ ހާސިލްކުރީ ޔުނިވާސިޓީ އޮފް މަލަޔާ އިންނެވެ. އަދި ޖެހިގެން އައި އަހަރު އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ނޮޓިންގްހަމް އިން "މެޝިންލާނިންގް" އިން މާސްޓާސް ހާސިލުކުރި އެވެ.
"މެޝިން ލާނިންއަކީ އޭއައިގެ ސަބްފީލްޑެއް. އޭއައިގެ ބޭނުމަކީ މީހުން އަތުން ކުރާ މަސައްކަތް ކޮންޕިއުޓާ ލައްވާ ކުރުވުން. އޭއައިގައި އަޅުގަނޑުގެ އެންމެ ބޮޑު މަސައްކަތަކަށް މިއޮންނަނީ ކޮންޕިއުޓާ ވިޝަން. އެއީ އަހަރުމެންނަށް ލޮލުން ފެންނަ އެއްޗެހި ސިކުނޑިން ނަގައިގަނެވޭ ފަދައިން، ކެމެރާއިން ފެންނަ އެއްޗެހި ކޮންޕިއުޓަރަށް އަންޑަސްޓޭންޑް ކޮށްދިނުން. އެއީ ކެމެރާއިން ފެންނަ އެއްޗެހި، ކޮމްޕިއުޓާ އަށް ދެނެގަނެވޭނެ ގޮތް ހެދުން. ދެވަނަ ކަމަކީ ކޮމްޕިއުޓާއަށް ސާފުކޮސްދިނުން،" އަމާން ކިޔައިދިނެވެ.
އުމުރުން އެންމެ 23 އަހަރުގެ ޒުވާން އަމާންއަކީ މިހާރު އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް ހަޑާސްފީލްޑްގައި އާޓިފިޝަލް އިންޓެލިޖަންސް ރިސާޗާ އެކެވެ. އެ ދާއިރާއިން ކިޔެވި ދުވަސްވަރު އޭނާ ވަނީ އިތުރު ތަޖުރިބާތައް ވެސް ލިބިގަނެފަ އެވެ.
ކިޔެވުމާއެކު އެކީ ދާއިރާގެ މަސައްކަތް: ދުރާލާ އަމަލީ ތަޖުރިބާ ހޯދުމަކީ މުހިންމު ކަމެއް ކަމުގައި ދެކުނު
މެލޭޝިޔާގެ ޔުނިވާސިޓީ އޮފް މަލަޔާގައި ބެޗެލާސް އިން އާޓިފިޝަލް އިންޓެލިޖަންސް ކިޔަވަމުން ދިޔަދުވަސް ވަރު، އިނގިރޭސި ވިލާތުގެ ބްރެޑްފޯޑް ޔުނިވާސިޓީގައި ޕްރޮފެސާ އޮފް ވިޝުއަލް ކޮމްޕިއުޓިންގެ މަގާމު ފުރުއްވަމުން ގެންދަވާ ޕްރޮފެސާ ހަސަން އުގެއިލްގެ ޓީމާއެކު "މެންޓަލް ހެލްތް އެސެސްމެންޓް" އެޕެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަން ޗާންސް ލިބުންވީ އަމާންއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.
"އަޅުގަނޑު ކިޔެވީ އަމިއްލަ ފަންޑިންގަ. ކިޔަވަމުން މަސައްކަތް ވެސް ކުރިން. އަދި އެ މަސައްކަތުން ލިބޭ ފައިސާއިން އަމިއްލަ ކަންކަމަށް ޚަރަދު ކުރަން،" އަމާން ބުންޏެވެ.
ކިޔެވުމާއެކު މަސައްކަތް ކުރުމުގެ ސަބަބުން އޭއައި އާބެހޭ އެތައް އަމަލީ ތަޖުރިބާތަކެއް އޭނާއަށް ލިބުނެވެ. އެދުވަސްވަރު ޕްރޮފެސަރު އުގެއިލްގެ ޓީމުގައި ހިމެނޭ އިތުރު ރިސާޗާސް އާއި އަދި އަމާން ހިމެނިގެން މަސައްކަތް ކުރި ފޯނު އެޕަކީ ގޭގައި ހުރެގެން ނަފްސާނީ ގޮތުން ދުޅަހެޔޮ މިންވަރު ދެނެގަނެވޭނެ އެޕެކެވެ.
"އެމެރީކާގެ ޔުނިވާސިޓީ އޮފް އެކްސެސްގެ ޕްރޮޖެކްޓެއް އެއީ. ޕްރޮފެސާ އުގެއިލްގެ ޓީމުގައި ހިމެނޭ ވަރަށް ސީނިއާ ރިސާޗަރުންނާއެކު މެންޓަލް ހެލްތް އެސެސްމެންޓް އެޕެއް ތައްޔާރުކުރުމުގެ މަސައްކަތް ދެ އަހަރު ވަންދެން ކުރިން. އެ އެޕަކީ އެމެރިކާގައި ބޭނުން ކުރުމަށް އުފެއްދި އެޕެއް،" އަމާންގެ ފުރަތަމަ މަސައްކަތުގެ ތަޖުރިބާ ހިއްސާކުރަމުން ބުންޏެވެ.
ޑިގްރީ ޕްރޮގްރާމް ނިންމައި މާސްޓާސް ފެށުނު ތަނާ އޭނާއަށް ޕްރޮފެސަރު އުގެއިލްގެ ޓީމާއެކު ދެވަނަ ޕްރޮޖެކްޓެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުނެވެ. އެއީ ދުބާއީގައި ކުށްކުރުން ހައްލު ކުރުމަށް އާޓިފިޝަލް އިނޓެލިޖެންސް ބޭނުން ކޮށްގެން ފޮރެންސިކްގައި ބޭނުންކުރެވޭ އެޕެއް އުފެއްދުމުގެ މަސައްކަތެވެ. ދުބާއީގެ ފުލުހުންނާ ގުޅިގެން ކުރަން ފެށި އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އޭނާ ބުންޏެވެ.
އާޓިފިޝަލް އިންޓެލިޖަންސް ބޭނުން ކޮށްގެން ތިމާވެށި ރައްކާތެރި ކުރުމުގެ މަސައްކަތުގައި
އަމާން މިހާރު ވަޒީފާ އަދާކުރަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީއޮފް ހަޑާސްފީލްޑް ގައި ރިސާޗާ (ތަހުލީލުކުރާ މީހެއް) އެއްގެ ގޮތުގައި އެވެ. މިވަގުތު ކުރަމުން ގެންދަނީ ތިމާވެށި ހިމާޔާތް ކުރުމުގެ ގޮތުން ކުރެވޭ ވަރަށް މުހިންމު ކަމެކެވެ. އެ މަސައްކަތުގެ ތަފްސީލު ވެސް އަމާން ކިޔައިދިނެވެ.
"ކާއެއްޗެހި އުފައްދާއިރު ޖައްވު ހޫނުވާން މެދުވެރިވާ ކާބަން ގޭސް ދޫކުރާނެ. އެކަމަކީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމަކަށް ވަރަށް ނުރައްކާ ކަމެއް. އަޅުގަނޑު މަސައްކަތް ކުރާ ޕްރޮޖެކްޓްގައި ކުރާކަމަކީ ކާއެއްޗެތިން ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑް މަދުކުރެވޭނެ ގޮތްތައް ހޯދުން. ނުވަތަ ކެޕްޗާ ކުރުން. އެއަށް އަޅުގަނޑުމެން މިހަދަނީ އޭއައި މޮޑެލިންގެ ބައި. އޭއައި މޮޑެލްތައް ބޭނުން ކޮށްގެން ދެނެގަންނަން ބޭނުންވަނީ ޖައްވުން ކާބަންޑައި އޮކްސައިޑް ދަމައި ގަންނަ ގަސްތަކަށް ބޭނުންވާ އެންމެ ރަނގަޅު ކޮންޑިޝަންތައް،" އޭނާ ބުންޏެވެ. "މިސާލަކަށް ކިހާވަރަކަށް އަވިދީގެން ތޯ. ކިހާވަރަކަށް ވާރޭވެހިގެން ތޯ. ނޫނީ ވެލީގައި އެކި މިނަރަލްސްތައް ކޮންއަދަދަކަށް ހުރީމައިތޯ. އޭގައި ހުންނާނީ ޕްރިޑިކްޓިވް އެނަލީސިސް. އަޅުގަނޑުމެން ޑޭޓާ ކަލެކްޓް ކުރަނީ ގިނަ ސެންސާސް ބޭނުންކޮށްގެން."
މަސައްކަތް ކުރެވޭނެ މަގު ހަނި ނަމަވެސް ކުރިމަގުގައި ރާއްޖެއަށް ޚިދުމަތް ކުރަން ބޭނުން
ލިބިފައިވާ އިލްމުން ރާއްޖެއަށް ޚިދުމަތްކުރުމަކީ އޭނާގެ ބޮޑު އުންމީދެކެވެ. އޭއައިގެ ރޮނގުން ކުރިއަށް ދާން ނިންމިއިރު ވެސް، ރާއްޖޭގައި އެ ރޮނގުން ކުރިއަށް ދިއުމުގެ ފުރުސަތުތައް ހަނިކަން އޭނާއަށް ވެސް އަދި އޭނާގެ މައިންބަފައިންނަށް ވެސް އެނގެ އެވެ. އެހެން ނަމަވެސް އެއީ އޭނާ އެންމެ ކިޔަވަން ބޭނުންވާ ދާއިރާއަށް ވުމުން، އެ ރޮގުން ދެވޭނެ އެންމެ މައްޗަށް ދިއުމަށް އެ މީހުން އޭނާއަށް އެކަމުގައި އެއްބާރުލުން ދިނެވެ.
ރާއްޖޭން ބޭރުގައި މަސައްކަތް ކުރިނަމަވެސް ކޮންމެވެސް ސިފައެއްގައި އޭނާ ދިޔައީ ދިވެހި ކިޔަވާ ކުދިންނަށް ކިޔަވައި ދެމުންނެވެ. އެގޮތުން ޕްރޮފެސަރު އުގެއިލްގެ "ދަ ސާކަލް" ފައުންޑޭޝަން އާ ގުޅިގެން ކޮންމެ ހަފްތާއަކު ރާއްޖޭގެ ސްކޫލް ކުދިންނަށް ޕްރޮގްރާމިން ކިޔަވައިދިނެވެ. އަދި ރާއްޖޭގެ އެލައިޑް އިންޝުއަރެންސްގެ އޭއައި ކޮންސަލްޓަންޓެއް ގޮތުގައި މިހާރު ވެސް މަސައްކަތް ކުރެ އެވެ.
ރާއްޖެއިން ބޭރުގައި ދިރިއުޅޭއިރު ދިވެއްސެއްގެ ހައިސިއްޔަތުން އުނދަގޫވާ ކަންކަމަކީ ކޮބައިތޯ އެހުމުން އަމާން ބުނީ ރާއްޖެއަކީ އުފަން ގައުމުކަމަށް ވެފައި އަދި އާއިލާ އާއި ރައްޓެހިން ނުފެންނާތީ "ހޯމް މިސް"ވާ ކަމަށެވެ. އަދި އެހެނިހެން ދިވެހިންނެކޭ އެއްފަދައިން ކުޅި ގިތެޔޮ މިރުހާއި ވަޅޯ މަހުގެ ރަހަ އޭނާ ވެސް ބޭނުންވާ ކަމަށް ބުންޏެވެ.