ދެކުނު އޭޝިއާއަށް މަޝްހޫރު ފޮނި ކާއެއްޗެއް ކަމަށްވާ ޒިލޭބިއަކީ ހަފާލަން މީރު، މުރަނަ ކަމެއް ހުންނަ ފޮނިގަދަ ކާއެއްޗެކެވެ. ސުފުރާތަކުގައި ޚާއްސަ މަގާމެއް ދެވިފައިވާ ޒިލޭބި އޭޝިއާއަށް ތައާރަފް ކުރީ ތުރުކީން ކަމަށް ބުނެވެ އެވެ. ޒިލޭބީގެ އަރަބި ނަމަކީ ޒުލޭބިޔާ އެވެ. ޒިލޭބީގެ ތަފާތު ނަންތަކާއި ވައްތަރުތައް ވެ އެވެ. ނަމަވެސް އެންމެން ހަދަނީ ދާދި އެއްގޮތަށެވެ.
ރާއްޖޭގައި ޒިލޭބި ތައްޔާރުކުރާ ފަރާތްތަކުގެ ތެރެއިން، އއ. މަތިވެރިއަށް އުފަން ރިސާމާ އަހުމަދު ތައްޔާރުކުރާ ޒިލޭބި ވަކިން މީރުކަމަށް ފާހަގަވެ، އޭނާ ޒިލޭބި ހަދާގޮތް އޮޅުން ފިލުވައިލީ މެވެ. އޭނާއަކީ ޒިލޭބީގެ ވިޔަފާރި ވަރަށް ކާމިޔާބު ކަމާއިއެކު ކުރާތާ ހަތަރު ވަރަކަށް ވެފައިވާ މީހެކެވެ. މިހާރު ވެސް އޯޑަރަށް އެ މަސައްކަތް ކުރެ އެވެ.
"މިއީ ޚަރަދު ކުޑަކޮށް ތައްޔާރު ކޮށްލެވޭ އަދި ރަނގަޅު އާމްދަނީ އެއްވެސް ލިބޭ މަސައްކަތެއް. އޯޑާ ދިނުމުން އަޅުގަނޑު ހަދައިދެން،" ރިސާމާ ބުންޏެވެ.
ޒިލޭބި ތައްޔާރު ކުރުމުގައި އޭނާ ތިން ކަމެއް ކުރެ އެވެ. އެއީ ފުށް ގިރުމާއި، ސިރަޕް ހެދުމާއި އަދި ޒިލޭބިތަށް ތެލުލުމެވެ. ފުރަތަމަ ޒިލޭބި ފުށްގަޑު ތައްޔާރުކުރުމަށްޓަކައި ދެ ލާހި ފުށަށް ފެން އެއްކޮށް އޮލަކޮށް ގިރާލަ އެވެ.
"ފުށް ވަރަށް ތަތްކޮށް ގިރާލާފައި ބަހައްޓާނީ. ދެން ހަދާގޮތަކީ އެދުވަހުގެ އިރު އޮއްސުނީއްސުރެން އަނެއް ދުވަހުގެ މެންދުރު ދޭއް ޖަހަންދެން އޮލަކުރި ފުށްކޮޅު ބަހައްޓަނީ. އެ މީހަކު ބޭނުން ކުލައެއް އެއަށް އެޅޭނެ. އާންމުކޮށް މިއަޅަނީ ރަތްކުލަ. ގާތްގަނޑަކަށް ބާރަ ގަޑިއިރު މަތި ބަންދުކޮށްފައި ބަހައްޓާނީ. ފްރިޖަކަށް ނުލާނެ. ސީރާކުރަން ކުރާކަމެއް އެއީ. އޭރުން މީރު ވާނީ އަދި ކްރަންޗީ (މުރަނަ) ވާނީ،" އޭނާ ކިޔައިދިނެވެ.
ބާރަ ގަޑިއިރު ފުށްގަނޑު ބެހެއްޓުމުން ފުށްގަނޑުގައި ކޮންމެވެސް ވަރަކަށް ބޮކިތަކެއް ހުންނަކަން ފާހަގަވާން ފަށަ އެވެ. އޭގެ ސަބަބުން މީރު ހުތް ރަހައެއް ޒިލޭބީގައި ހުރެ އެވެ. އެ ފުށްގަނޑު ދެން އޭނާ އަޅަނީ ސޯސް ހުސްކުރި ފުޅިއަކަށެވެ. އެކަމަކު އޭގެ ކުރިން ސައި ސަމްސަލެއްގެ އިންސްޓަންޓް އީސްޓް ފުށްގަނޑަށް އެއްކޮށް 30 މިނެޓު ބަހައްޓަ އެވެ.
ޒިލޭބިތައް ފޯކުރުމަށް ހަދާ ސިރަޕް ހެދުމަށް އޭނާ 500 މިލިލީޓަރުގެ ފެނަށް ދެ ޖޯޑު ހަކުރު އަޅައި ގިރާލަ އެވެ.
"ސިރަޕް މީރުވާނީ ވަރަށް ގިނައިން ރާނބާފަތް އެޅީމަ. އަޅުގަނޑު ލަނީ ބޮޑުއެއް ރާނބާފަތް ކުދިކޮށް ބުރިކޮށްފައި. ދެން މި ފެންގަނޑު އޮލަވަންދެން ކައްކާނީ. ބާލަމުން ބަނާނާ އެސެންސް ސަމްސަލެއް އަޅުގަނޑު އަޅަން،" ރިސާމާ ބުންޏެވެ.
ތަވަޔަކަށް ތޮޔޮ އަޅާފައި ހޫނުވުމުން، ވަށްބޮޅަށް ވާގޮތަށް ކެޗްއަޕް ފުޅިން ފުށްގަޑު އެއަށް އޮއްސާއިރު، އެމީހަކު ބޭނުން ވާވަރަކަށް ބޮޑުކޮށް ކުޑަކޮށް ހެދޭނެ އެވެ. އާންމުކޮށް ރިޝާމާ އަޅަނީ ތިން ބުރު ކަމަށް އޭނާ ބުންޏެވެ. ރަނގަޅަށް ޒިލޭބިތައް ތެލުލެވުމުން ނަގާ، ދަގަނޑު ފުރޭންޏެއްގައި އިރުކޮޅަކު ބަހައްޓާލާފައި ދެން ސިރަޕް ގަނޑުގެ ތެރެއަށް ލާނީ އެވެ.
"ޒިލޭބި ވެސް އަދި ސިރަޕް ވެސް ކޮންމެވެސް ވަރަކަށް ހޫނުކޮށް ހުންނަންވާނީ އޭރުން ރަނގަޅަށް ފޯވާނީ. މުޅި ޒިލޭބީގައި ސިރަޕް ހޭކުނުކަން ޔަގީންކުރަންވާނެ ސިރަޕްގަނޑުން ޒިލޭބިތައް ނެގުމުގެ ކުރިން،" އޭނާ ބުންޏެވެ.
ޒިލޭބިއަކީ ފިނި ކޮށްގެން ވެސް އަދި ފިނި ނުކޮށް ވެސް ކާން ވަރަށް މީރު ފޮނި ކާއެއްޗެކެވެ.