ދުނިޔޭގައި އިންސާނުންގެ ސިކުނޑިއަށް ފަހުމުނުވާ ފަދަ އެތައް ކަމެއް ލައްވާފައިވެ އެވެ. ގުދުރަތުގެ ނިޒާމުގެ ތެރެއިން ހިނގާ އިންސާނުންގެ ލޮލަށް ހައިރާންކަން ގެނުވާ އެތައް ތަނެއް މި ބިމުގައި ވެސްވެ އެވެ.
އެފަދަ އެއް ތަނަކީ އިރުމަތީ އެންޓާކްޓިކާގެ މެދުގައިވާ ފެންނަ ފެނުމަށް ރަތް ކުލައިގެ ސަރަހައްދެކެވެ.. ދުރުން ބަލާ ބެލުމަށް އެ މަންޒަރު ފެންނާނީ ލޭގެ ކޯރެއް ފަދައިންނެވެ.
އެންޓާޓިކާގެ ގަނޑުފެންގަނޑުގެ ތެރެއިން ފެންނަ އެ ރަތް ކުލައިގެ "ކޯރަކީ" ސައިންސްގެ ހަގީގަތްތަކުން ސަބަބު ކުރެވޭ ތަނެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.
1911 ވަނަ އަހަރު ޖިއޮލޮޖިސްޓެއް ކަމަށްވާ ތޯމާސް ގްރިފިތުއަށް އަލަށް ދެނެގަނެވުނު އެ ތަނުގެ ހަގީގަތް ހޯދަން ސައިންސްވެރިން އެތައް އަހަރެއް ހޭދަކުރި އެވެ.
އެ ހޯދުންތަކުން އެނގުނު ގޮތުގައި "ބްލަޑް ފޯލްސް"ގެ ނަމުން ނަން ދެވިފައިވާ އެ ފެންގަނޑަަށް އޭގެ ކުލަ ލިބެނީ އެ ފެންގަނޑުގައި އެކުލެވޭ ލޮނާއި އަޔަން އަދި އޮކްސިޖަން އެއްވުމުގެ ސަބަބުންނެވެ.
ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ އެންޓާޓިކާގެ ގަދަ ފިންޏާއެކު ވެސް އެ ފެންގަނޑު ގަނޑުނުވާ ކަމެވެ. އެހެނެއްކަމަކު "ލިކުއިޑް" ސްޓޭޓްގައި އެ ފެންގަނޑު ދައުރުވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
އެގޮތުން އެ ފެންގަނޑުގައި ކައިރި ހިސާބުތަކުގައިވާ ކަނޑުތަކުގެ ލޮނަށްވުރެ ދެ ގުނަ ލޮނު އެކުލެވޭ ކަމަށާއި ފެންގަނޑު ގަނޑު ނުވަނީ އެހެންވެ ކަމަށް ހޯދުންތަކުން އެނގިފައިވެ އެވެ.
މީގެ އެތައް މިލިއަން އަހަރެއް ކުރިން އުފެދިފައިވާ ކަމަށް ބެލެވޭ ބްލަޑް ފޯލްސްއަކީ އެއް އިރެއްގައި ދައުރުވާ ކޯރެއް ކަމަށް ބުނެވެ އެވެ.
ބްލަޑް ފޯލްސްއަކީ އާއްމު އިންސާނުންގެ ދެވޭ ހިސާބުގައިވާ ތަނެއް ނޫން ކަމަށް ވިޔަސް ގުދުރަތުގެ އަޖާއިބުތަކުގެ ތެރޭގައި ހިމެނޭ ތަނެއްކަން ޔަގީނެވެ.
މި ލިޔުންތެރިޔާގެ ލިޔުންތައް ވަރަށް ސަޅި. ހިތްވަރާއެކު ކުރިއަށް!
މިއީ ވަަރަށް ސަޅި ލިޔުންތަކެއް. މިފަދަ ގިނަ ލިޔުންތައް ފެންނާނެ ކަމަށް އުއްމީދު ކުރަން