ބަލި މީހުނަށް ބޭނުންވަނީ އޯގާތެރި، ހިތްހެޔޮ އަދި ހިތްތިރި، ސިއްހީ ހިދުމަތްތެރިންނެވެ. ބަލި މީހާއަށް ހިދުމަތްކުރުމުގައި އެމީހުންނަށް ލިބިފައިވާ އިލްމުގެ އަލީގައި ފަސްޖެހުމެއް ނެތި ކުރިއަށް ފިޔަވަޅު އަޅަން ދަންނަ، ގާބިލް އަދި ހިތްވަރު ގަދަބަޔަކަށް އެ މީހަކު ނުވަތަ އެބަޔަކު ވުމަކީ ބަލި މީހާގެ ފަރުވާއަށް ނުހަނު ބޭނުންތެރި ކަމެކެވެ. އޭގެ ސަބަބުން ބަލި މީހާއާއި އޭނާގެ އާއިލާ، މުޅި ސިއްހީ ނިޒާމަށް ކުރާ އިތުބާރު ބޮޑުވެގެންދާނެ އެވެ.
ނަރުހެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ ސިފަތަކަކީ ވަކި ޖިންސަކަށް ހާއްސަ ކަމެއް ނޫންކަން ރާއްޖޭގެ ފުރަތަމަ ރަޖިސްޓާޑް ފިރިހެން ނަރުސް، ފ. ނިލަންދޫ އުފަން އަހުމަދު އަލީ (އަހުމަދު) ވަނީ ސާބިތު ކޮށްދީފަ އެވެ. އޭނާގެ ހިތްތިރިކަމާއި މީހުންނާ ގުޅޭ މިޒާޖުގެ ސަބަބުން، އެތައް ބަލި މީހުންނަކާއި އެމީހުންގެ އާއިލާގެ މެދުގައި ވެސް އޭނާއަށް ވަނީ ޚާއްސަ މަގާމަކާއި ގަދަރެއް ދެވިފަ އެވެ.
އަހުމަދުގެ ކޮންމެ ނިންމުމަކަށް ވެސް މަންމަ އެއްބާރުލުން ދިން: ދިރިއުޅުމުގައި ކުރިއަށް ދިއުމަށް ފަސޭހަވި
ބޮޑުވަމުން އައިއިރު އޭނާއަށް ފާހަގަވާން ފެށި އެއްކަމަކީ ބަލި މީހުންގެ ގޮތުގައި ދެޖިންސުގެ އެކި އުމުރުގެ މީހުން ތިބި ނަމަވެސް، ނަރުސްކަމަކީ ހަމައެކަނި އަންހެނުން ކުރާ މަސައްކަތެއް ކަމެވެ. އަދި މުޖުތަމައުގެ ވިސްނުން ވެސް ހުރީ އެފަދައިން ކަމެވެ.
ނަމަވެސް ދިވެހި ނަރުހުންގެ ޚާއްސަ ރަނގަޅު ސިފަތައް ފެނި، އެންމެ ކުޑައިރުން ފެށިގެން ވެސް ނަރުސްކަމަށް އޭނާ ހިތް ވަނީ ޖެހިފަ އެވެ. އޭނާގެ އެންމެ ދުރު ހަނދާނެއް ހިއްސާކޮށްލަމުން އަހުމަދު ބުނީ ޕްރީ ސްކޫލްގަ އާއި އަދި ޕްރައިމަރީ ގްރޭޑްތަކުގައި އުޅުނުއިރު ބޮޑުވެގެން ވާނީ ކާކަށްތޯ، މިހެން އެހުމުން އޭނާއަށް އޭރު ވެސް ބުނެވެނީ ބޮޑުވެގެން ނަރުހަކަށް ވާން ބޭނުންވާ ކަމަށެވެ. އަދި އޭނާގެ އެ ވިސްނުމަށް އޭނާގެ މަންމަ ދެކޮޅު ނުހަދާ ކަމަށެވެ.
ލޯވާ ސެކަންޑަރީގައި އުޅުނުއިރު މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދަން އެކި ކުދިން އެކި އޮފީސްތަކަށް ދިޔަ އެވެ. އަހުމަދު ތަޖުރިބާކޮށްލަން ބޭނުންވީ ރަށު ހޮސްޕިޓަލްގައި ނަރުހުން ކުރާ މަސައްކަތެވެ. އެ ތަޖުރިބާއިން މުޖުތަމައު ދެކެނީ އަދި މުޅިން ރަނގަޅަށް ނޫންކަން އޭނާއަށް ވިސްނުނެވެ. ނަރުސްކަމަކީ ފިރިހެނަކަށް ވިއަސް ކުރެވިދާނެ ކަމެއް ކަމުގައި އޭނާއަށް ފެނުނެވެ.
"ހަގީގަތަށް ބުނަންޏާ، ބުނެވޭނީ މަންމަގެ ސަބަބުންނޭ ނަރުސްކަން ކިޔެވުނީ. މަންމަ ވަރަށް އެއްބާރުލުންދިން. ވަރަށް އެހީތެރިކަންދިން. އަޅުގަނޑު އެއްވެސް ކަމަކާ މާޔޫސްވެ، ނުވަތަ ދެރަވާ ކޮންމެ ގަޑިއެއްގައި އެންމެ ކައިރިން ހިތްވަރުދޭން ހުންނަ މީހަކީ މަންމަ. މަންމަ ނަގާފައި ދެން އަޅުގަނޑުގެ ހުރިހާ ކަމެއްގައި ވެސް އެންމެ ބޮޑަށް އެހީތެރިވާނީ އަޅުގަނޑުގެ އަންހެނުންނާއި ގާތް ރަހުމަތްތެރިން،" އަހުމަދު ވަރަށް އުފަލާއެކު ބުންޏެވެ.
ދިވެހި ފިރިހެން ނަރުހަކަށް ދާއިރާ އޮތީ އެދިއެދި: ނިކުމެވުނީ ރަނގަޅު މަގުންކަން އިހްސާސް ކުރުވި
މަސައްކަތުގެ އަމަލީ ތަޖުރިބާއަށްފަހު އުފެދުނު އާ ޖޯޝަކާއެކު އޭނާ ނިންމީ އޯލެވެލް ނިންމާފައި ނަރުސްކަމަށް ކުރިމަތިލުމަށެވެ. ފުރަތަމަ ހެލްތް އޮގްޒިލަރީ ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށި އެވެ. އެކަމާ އޭނާ ކުޑަކޮށް ވެސް ޖެހިލުމެއް ނުވެ އެވެ. ކަންތަކާ ފަސްޖެހުމާއި ނުކެރުން އެއީ އޭނާ ދަންނަ ކަންކަމެއް ނޫނެވެ. އޭނާ ދިޔައީ އޭނާގެ ލަނޑުދަނޑިއަށް ވާސިލުވުމަށްޓަކައި ބާރަށް ކުރިއަށެވެ.
"މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ހުޅުވާލި ނަރުސް ކޯސްތަކުގެ ތެރެއިން ނާސް އެއިޑްސް ކޯހުގައި ބައިވެރިވެ، 2003 ވަނަ އަހަރު އަޅުގަނޑު މާލެ ދިޔައީ. ދެން އަޅުގަނޑު ހެދީ ޕްރައިމަރީ ހެލްތްކެއާ ކޯސް. އެކޯހުގެ ތެރެއިން ސިއްޚީ ދާއިރާއަށް ރަނގަޅަށް ވަދެވުނީ،" އަހުމަދު ކިޔައިދިނެވެ.
ޑިޕްލޮމާ ކޯހުގެ ޓީޗަރުންނާއި ބައިވެރިންގެ ބޮޑު ސަޕޯޓެއް ލިބުން: ކުރިއަށް ދިއުމަށް ލިބުނު ބާރެއް
އެކި ހަރުފަތް ގިރާކުރަމުން ގޮސް 2005 ގައި ނާސިން ޑިޕްލޮމާއަށް ޝަރުތު ހަމަވެ، އެ ކޯސް ފެށި ދުވަހަކީ އޭނާއަށް ވަރަށް ތަފާތު އިހްސާސެއް ކުރެވުނު ދުވަހެކެވެ.
"އަޅުގަނޑު އެ ކޯހަށް އެޕްލައި ކުރުމުން މޯލްޑިވްސް ކޮލެޖް އޮފް އަޔާ އެޑިއުކޭޝަންގެ ރަޖިސްޓްރާ އަޅުގަނޑު ގެންގޮސް ވިދާޅުވީ ވަރަށް އެހެން ކަހަލަ ޕްރޮފެޝަންއެއްގެ ކޯހަކަށޭ އެލިޖިބަލް (ޝަރުތުހަމަވެފައި) ވެފައި ތިހިރީ. ހިތްވަރާއެކު މަސައްކަތް ކުރައްޗޭ. އަދި ވިދާޅުވި އެބޭފުޅާ ގަބޫލުކުރަން ބޭނުމޭ ކޯސް ނިންމާނެ ކަމަށް،" އެދުވަހުގެ ހަނދާން އާކުރަމުން އަހުމަދު ބުންޏެވެ.
އެ ޑިޕްލޮމާ ކޯހުގައި ބައިވެރިވީ 24 އަންހެން ކުދިންނެވެ. ފަންސަވީސް ވަނަ ކުއްޖަކީ އަހުމަދެވެ. ކިޔެވުމާއި އަމަލީ ތަޖުރިބާ އެކުއެކީގައި ވަރަށް ބުރަކޮށް ކުރިއަށް ގެންދިއަ ނަމަވެސް ކޮންމެ ދުވަހަކީ ވެސް ވަރަށް "ސަޅި" ތަޖުރިބާތަކެއް ކުރާ ދުވަހެއް ކަމުގައި އޭނާ ބުންޏެވެ.
"ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅަށް ދިޔައީ. އޯސަމް (ވަރަށް ރަނގަޅު) ޓީޗާސް ތިބީ. މިހާރުގެ ސްކޫލް އޮފް ނާސިންގެ ޑީން އާސިޔާ މިސްއަކީ އަޅުގަނޑުގެ ނަރުސްކަމުގެ ހަޔާތުގައި ދިމާވި އެންމެ ބެސްޓް އެކަކު. މިހާރު ވެސް ހަމަ އެހާ އެހީތެރިވޭ. އެއީ އަޅުގަނޑުގެ ރޯލް މޮޑެލޭ ވެސް ބުނެވިދާނެ. ދެން އަޅުގަނޑުގެ ބެޗް ކޯޑިނޭޓާ ފާތުމަތު ޙަލީމް ވެސް ހަމައެހާ ރަނގަޅު،" އޭނާ ވަރަށް އުފަލާއެކު ފާހަގަ ކުރި އެވެ.
ކިޔެވި ދުވަސްވަރު ޑިއުޓީކުރުމާއި، ކިޔެވުމާއި، އަދި އިމްތިހާނުތަކަށް ތައްޔާރުވުމުގައި ބުރަކޮށް އުޅެން ޖެހުނަސް އެކަމާ އޭނާ ޝަކުވާއެއް ނުކުރެ އެވެ. އޭނާ ބުނާގޮތުގައި އެއިން ކޮންމެ ތަޖުރިބާއަކީ ފިލާވަޅެކެވެ. މިއަދު އޭނާ ހުރި ހިސާބަށް ގެންދިއުމަށް ކުރިމަތިވި އިމްތިހާނުތަކެވެ. އަދި ނަރުސްކަން ކިޔަވާ ކޮންމެ ކުއްޖަކަށް ނުހަނު ބޭނުންތެރި ތަޖުރިބާތަކެކެވެ.
"ޑިޕްލޮމާ ހެދިއިރު އަޅުގަނޑާއެކު ކިޔެވި ހުރިހާ ކުދިންގެ ފަރާތުން ވެސް އަޅުގަނޑަށް އެކިވަރުގެ އެހީތެރިކަން ލިބުނު. ޚާއްސަކޮށް ދީމާ އާއި ޝަބާނާ ފާހަގަކޮށްލަން. އެންމެ އުނދަގޫ ކަމަކަށް ފިރިހެން ދަސްކުރާ ނަރުހަކަށް މިމުޖްތަމައުގައި އަންނާނީ ރިޕްރޮޑަކްޓިވް ހެލްތް ޕޯސްޓިން (ދަރިމައިވުމުގެ ސިއްހަތާއި ބެހޭ އަމަލީ ތަޖުރިބާ ހޯދުން). އެއީ މާބަނޑު އަންހެނެއް ބަލިވެ އިނުމާއި ވިހެއުމާއި ދޭތެރޭ އަންނަ ބަދަލުތައް ދެނެގަތުމާއި، ވަކި އަދަދަކަށް ބަލައި ހޯދާ ހަމަކުރަން ޖެހެނީ އަމަލީ މަސައްކަތްތަކެއް. ދީމާ އާއި ޝަބާނާ، އެ ދެކުދިން ހަމަކުރަންޖެހޭ ކަންކަން ހަމަނުކޮށް، އަޅުގަނޑުގެ ހަމަވިތޯ އެކުދީން ޔަގީންކުރި. މިއަދު މި ހިސާބަށް އާދެވުނީ އެކުދީންގެ ވެސް ވަރަށް ބޮޑު އެހީއަކާއެކު. އެ ދެ ކުދީންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން،" އަހުމަދު ކިޔައިދިނެވެ.
ޑިޕްލޮމާ ފުރިހަމަ ކުރުމަށްފަހު ފަސް އަހަރު ވަންދެން ނިލަންދޫ ހޮސްޕިޓަލްގެ ނާސިންގެ އިންޗާޖްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އެވެ. އެވަރުން އަދި ނިންމާލަން އޭނާ ގަސްދެއް ނުކުރި އެވެ. އެމްއެންޔޫއިން ނާސިން ޑިގްރީ އަދި މާސްޓާސް ވެސް ނިންމައި، ކްރިޓިކަލް ކެއާއިން ޚާއްސަވި އެވެ. އަދި 2012 ގައި އައިޖީއެމްއެޗްގެ ޑައިލިސިސްގައި މަސައްކަތް ކުރަން ފެށި އެވެ.
ދިވެހި ފިރިހެން ނަރުހެއް ތައާރަފްވުން: ބަލި މީހުންނަށް ލިބުނު އުފަލެއް
އައިޖީއެމްއެޗްގެ ޑައިލިސިސް ޔުނިޓްގައި އަހުމަދު މަސައްކަތް ކުރަނީ އެތާނގެ ސްޓާފުންނާ ގުޅިގެން ވަރަށް އެކުވެރި އުފާވެރި މާހައުލެއްގަ އެވެ. ކޮންމެ ޝިފްޓެއްގައި މަސައްކަތް ކުރަން ޖެހުނަސް ނުވަތަ އަބަދު އެއް ޝިފްޓެއް ތަކުރާރުކުރަން ޖެހުނަސް އުފަލާއެކު ބަލައިގަނެ އެވެ.
އޭނާ ބުނިގޮތުގައި އޭނާގެ މަސައްކަތަކީ ބަލި މީހުނަށް ޚިދުމަތްކުރުމެވެ. ބަލި މީހުންގެ ލޯބި އޭނާއަށް ލިބެ އެވެ.
އޭނާގެ އަތުން ނޫނީ ޑައިލައިސިސް ފަށަން ބޭނުންނުވާ ބަލި މީހުން ތިބެ އެވެ. މިކަމަކީ އަހުމަދަށް ވަރަށް ބޮޑު އުފަލާކާއި ހިތްހަމަޖެހުމެއް ލިބުނު ކަމެކެވެ.
"ވަރަށް ގިނަ ޕޭޝަންޓުން ޑައިލިސިސް ހަދަން އައިސް ނަރުހުން ކައިރީ އަހާނެ އަޅުގަނޑު ޑިއުޓީގައި ނެތްހޭ. އެ މީހުން އެބަ ބުނޭ ބޭނުން ވަނީ އަހުމަދު ލައްވައޭ ކަށި ޖަހަން،" އަހުމަދު ވަރަށް އުފަލުން ހުރެ ބުންޏެވެ.
މައްސަލަ ހައްލު ކުރުމުގައި ވެސް އޭނާ މަޑުމައިތިރިކަމާއެކު ވިސްނުން ކުރިއަށް ނެރޭތީ ބޮޑެތި މައްސަލަތައް ހައްލުވެފައިވާކަން އޭނާ ފާހަގަ ކުރެ އެވެ. އެގޮތުން އެއްފަހަރަކު އަހުމަދު ޝިފްޓް އިންޗާޖެއްގެ ގޮތުގައި ހުރި ދުވަހަކު، ޑައިލިސިސްގެ އެޕޮއިންޓްމަންޓަކާ ގުޅިގެން އުފެދުނު ދެބަސްވުމެއް އޭނާ ވަރަށް ވިސްނުންތެރިކަމާއެކު ހައްލުކުރުމަށް ގެންގުޅުނު އުކުޅު ފާހަގަކޮށް، ބަލި މީހެއްގެ އެހީތެރިއަކު އޭނާއަށް ތައުރީފު ކުރި ކަމަށް އަހުމަދު ބުންޏެވެ.
ހޮސްޕިޓަލް ނަރުހަކުން ލެކްޗަރާއަކަށް
މިއަދު އަހުމަދަކީ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ހަޔާ އެޑިއުކޭޝަން ނިންމައި ރަސްމީކޮށް އެމްއެންޔޫގެ ސްކޫލް އޮފް ނާސިންގައި ނަރުހުން ތަމްރީނު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ވަރަށް ގާބިލް ލެކްޗަރާއެކެވެ. ސަތޭކަ އެތައް ކުދިންނަކަށް ކިޔަވައިދެމުން ދާއިރު، އޭނާއަށް ކުރެވެނީ ވަރަށް ފުން އިހުސާސެކެވެ.
"މިވަގުތު ހިތަށްއަރާ މިކުރަނީ ވަރަށް މުހިންމު ކަމެކޭ. ވަރަށް ބޮޑު ޒިންމާ އެކޭ މި އަދާ ކުރެވެނީ. މުސްތަގުބަލްގައި ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރަން ނިކުންނަ ނަރުހުންނަށޭ ތަމްރީނު މި ދެވެނީ،" ނާސިން ދާއިރާއިން މިހާރު ޕީއެޗްޑީއަށް ކިޔަވަމުންދާ އަހުމަދު ބުންޏެވެ.
ސްކޫލް އޮފް ނާސިންގައި އަހުމަދު ސާގެ ކްލާހަކީ ގިނަ ކުދިން އެންމެ އިންތިޒާރުކުރާ ކްލާހެވެ. ވަރަށް މަޖާކޮށް، ކުދިން ޝައުގުވެރިވާނެ ގޮތަކަށް ކިޔަވައިދޭ ކަމަށް ހުރިހާ ކުދިން ވެސް އެއްބަސްވެ އެވެ.
އޭނާ ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ހިމެނެނީ ކޮމިއުނިކޭޝަންސް، މެޑިކަލް ސާޖިކަލް ނާސިން އަދި ފައުންޑޭޝަން ސްޓަޑީޒް އެވެ. ކިޔަވައި ދިނުމުގައި އަމިއްލަ ތަޖުރިބާއަށް ރިޢާޔަތްކޮށް ބަލި މީހުން ހިތްހަމަޖެހޭ ފަދަ ގޮތަކަށް މުޢާމަލާތް ކުރާ ނަރުހުންތަކެއް އުފެއްދުމަކީ އޭނާގެ ވަރަށް ބޮޑު އަމާޒެކެވެ.
"މި ޖެނެރޭޝަންގެ ކުދިން ވާހަކަ ދައްކާ އުސޫލާއި ގޮތް ތަފާތު ކަމަށް އަޅުގަނޑަށް ފާހަވޭ. އެ ވެދާނެ ޖެނެރޭޝަން އަލްފާއޭ މިކިޔާ އިންޓަނެޓާ ދޯޅު ޖީލުވީމަ ވާހަކަ ދެއްކުމުގެ ސްޓައިލަށް އައިސްގެން އުޅޭ ބަދަލަކަށް ވެސް. އެކަމަކު އެއީ އަޅުގަނޑުމެން ވާހަކަދައްކަން ބުނެދޭ ގޮތެއް ނޫން. ބަލި މީހުންނާ މުޚާތަބުކުރާނެ އަދަބުވެރި ގޮތްތައް ދަސްކޮށްދީ ރީތި އާދަ އަށަގަނެވޭތޯ އަޅުގަނޑު ވަރަށް މަސައްކަތް ކުރަން،" ކިޔަވައި ދިނުމުގައި ފާހަގަވި ކަމެއް ހިއްސާކޮށްލަމުން އޭނާ ބުންޏެވެ.
ނަރުސްކަމަށް އަންނަން ބޭނުންވާ ކުއްޖަކަށް ދޭނެ މެސެޖަކީ ކޮބާ؟
އަހުމަދު ކިޔަވައިދޭ ކުދިންނަށް އަބަދުވެސް ދޭ ނަސޭހަތެއް އޮވެ އެވެ. އެއީ ނަރުސްކަމަކީ އިންސާނިއްޔަތައްޓަކައި ކުރާ މަސައްކަތަކަށް ވުމުން، އެމަސައްކަތް ކުރާހިތުން ކުރުމެވެ. ލިބޭނެ މުސާރައަށް ނުބެލުމަށެވެ. މުސާރައެއް ބޭނުވެގެން ނުވަތަ ދެން ކުރާނެ އެހެންކަމެއް ނެތުމުން ކުރާ މަސައްކަތެއްގެ ގޮތުގައި، ނާސިން ކެރިއާ އެއްގެ ގޮތުގައި ނުނެގުމަށެވެ.
"އެގޮތަށް ވިސްނުން ހުންނަ ކުދިން ޑިއުޓީއަށް އަންނާނީ ވަރަށް އަންނަހިތުން. ބަލި މީހަކަށް ކަމެއް ކޮއްދެވޭތީ އެ ލިބޭ އުފާ ހާސިލްކުރުމަށް އޭނާ ޑިއުޓީއަށް އަންނާނީ،" އޭނާ ބުންޏެވެ.
މިއަދު އަހުމަދަކީ ނަމޫނާ ނަރުހެކެވެ. ލިބޭ ހުސް ވަގުތުތައް އޭނާ ހޭދަކުރަނީ ނާސިންއަށް ބޭނުންތެރި އިލްމް ހޯދުމުގަ އެވެ. އޭނާ ވަނީ މާސްޓާސްއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި ޑިޕްލޮމާއިން އިންފޮމޭޝަން ޓެކްނޮލޮޖީ ވެސް ނިންމާފަ އެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ދުނިޔެއަކަށް މި ދެ އިލްމަކީ ވެސް މުހިންމު ދެ އިލްމު ކަމަށް އޭނާ ދެކެ އެވެ.
"އަޅުގަނޑު އުޅޭ ތަނެއްގައި ސްޓާފުން މެނޭޖްކުރަން މިހާރު އެނގޭނެ. އަދި ހުރިހާ ޕޭޝަންޓުންގެ ޑޮކިއުމަންޓްސް އީޕޯޓުގެ ތެރެއިން އީ- ހެލްތަށް ދާއިރު އައިޓީ ނޭނގި ކިހިނެތްތޯ މިއަދު މޮޅު ނަރުހަކަށް ވާނީ؟،" އޭނާ ބުންޏެވެ.
މިއަދު އޭނާ ދަނީ ކިޔަވައި ދެމުން، އަދި ހިލޭސާބަހަށް ބަލި މީހުންނަށް ޚިދުމަތް ކުރަމުންނެވެ. ބަލި މީހުންނަށް އޯގަތެރިކަން ފޯރުކޮށް ދިނުމަކީ އޭނާއަށް ވީވަރަކުން ކުރާނެ ކަމެކެވެ. އޭނާ ވަނީ އޭނާގެ ހިދުމަތަށް އެދި ބޭނުންވެގެން ގޮވާލި ކޮންމެ ދިމާއަކަށް ވީވަރަކުން އެހީތެރި ވެދިނުމަށް އަޒުމު ކަނޑައަޅައިފަ އެވެ.
އައްޑޫ ހޮސްޕިޓަލުގައި އިގިނގިރޭސިން ގެންގުޅުނީ މުޅިންވެސް ފިރިހެން ނަރުހުންނޭ ބުނާތީ އަޑުއެހިން