އެމެރިކާގެ 47 ވަނަ ރައީސްގެ ހައިސިއްޔަތުން މިމަހުގެ 25 ވަނަ ދުވަހު ޑޮނަލްޑް ޓްރަމްޕް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ތައްޔާރުވަމުން އަންނައިރު ދުނިޔެ ވަނީ ކުރިމަތިވެދާނެ ހާލަތަކާ މެދު ނުތަނަވަސްވެފަ އެވެ. ޓްރަމްޕްގެ ކުރީގެ ވެރިކަމުގައި ކަންތައްވެފައިވާ ގޮތާއި އަލުން ހޮވިވަޑައިގެންނެވުމަށްފަހު އަމަލު ކުރައްވަމުން ގެންދަވާ ގޮތްތަކާއި ދައްކަވާ ވާހަކަފުޅުތަކުން އެމެރިކާގެ އެތެރޭގަ އާއި ބޭރުގައި އުފެދިފައިވާ ކަންބޮޑުވުންތައް އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ.
އެމެރިކާގެ އެތެރޭގެ ވިސްނުން
ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް ހޮވިވަޑައިގެންނެވީ ވަރަށް ބޮޑު އަޣުލަބިއްޔަތަކުންނެވެ. ޓްރަމްޕް ސަޕޯޓަރުން ދެކޭގޮތުގައި އެމެރިކާ އަށް ތަނަވަސްކަމާއި ފާގަތިކަމުގެ ޒަމާނެއް އަންނާނެ އެވެ. އިމިގްރޭޝަންގެ މައްސަލަ ހަމައަކަށް އަޅުވައި ގައުމުގެ އިގުތިސާދު ނަގަހައްޓާނެ އެވެ. އެހެން ނަމަވެސް ޓްރަމްޕްގެ ހަރުކަށި ޚިޔާލުގެ ސަބަބުން ސުލްހަ މަސްލަހަތަށް ބުރޫއަރައި މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ.
ބައިނަލް އަގުވާމީ މަސްރަހުގައި ޓްރަމްޕާ މެދު ހުރި ކަންބޮޑުވުން
އެމެރިކާގެ ރައީސްކަމަށް ޓްރަމްޕް އައުމަކީ ދުނިޔޭގެ ގިނަ ބަޔަކު އެހާ ހިތްހަމަޖެހޭ ކަމެއް ނޫނެވެ. ކޮންމެ ގައުމަކުން ވެސް ދަނީ އެގައުމެއްގެ މަސްލަހަތަށް ޓްރަމްޕުގެ ސަބަބުން ކޮށްފާނެ އަސަރުތަކަކާ މެދު ފުންކޮށް ވިސްނަމުންނެވެ.
ވެރިކަމަށް ވަޑައިގަންނަވަން ތައްޔާރުވަމުންދާ ޓްރަމްޕް ވަނީ ޔޫރަޕަށް ބޮޑެތި އިންޒާރުތަކެއް ދެއްވާފަ އެވެ. ނޭޓޯ އަށް އެމެރިކާއިން ކުރާ ޚަރަދު މާބޮޑު ކަމަށް ވިދާޅުވެ ނޭޓޯގެ ގައުމުތަކުން ދިފާއަށް ކުރާ ޚަރަދު އިތުރު ކުރުމަށް ވަނީ ގޮވާލައްވާފަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ ނޭޓޯގެ ގައުމުތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ދިފާއަށް ޚަރަދު ނުކުރާ ގައުމުތަކުގެ ދިފާއީ ކަންތަކަށް އެމެރިކާއިން އެހީތެރި ނުވާނެ ކަމަށެވެ. އެހެންކަމުން ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ވަނީ ޓްރަމްޕްގެ އެނބުރި ވަޑައިގެންނެވުމާމެދު ނުތަނަވަސްކަން ފެތުރިފަ އެވެ.
ޖަރުމަނާއި ފްރާންސުން ވަނީ އެގައުމުގެ ބޯޑަރު ހިމާޔަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ބުނެފަ އެވެ.
ނޭޓޯގެ މައްސަލައިގެ އިތުރުން ގްރީން ލޭންޑް ހޯދަން އެމެރިކާއިން ބޭނުންވުމަކީ ވެސް މައްސަލައެކެވެ. ގްރީންލޭންޑް އެމެރިކާއަށް ގަތުމަކީ ޓްރަމްޕްގެ ފުރަތަމަ ރިޔާސީ ދައުރުގައި ވެސް އޭނާ ފާޅުކުރައްވާފައިވާ ޚިޔާލުފުޅެކެވެ. މިފަހަރުވެސް އެ ޚިޔާލު އަލުން ފާޅުކުރައްވަމުން ޓްރަމްޕް ވަނީ ގްރީންލޭނެޑް ނުވިއްކުމުގެ ސަބަބުން ޑެންމާކަށް ނުރުހުން ފާޅުކޮށްފަ އެވެ.
ޔުކްރޭންގެ މައްސަލައަކީ ވެސް ޓްރަމްޕްގެ ވެރިކަމުގައި ގޯހުން ގޯހަށް ހިނގައިދާނެ ފަދަ ކަމެއް ކަމަށް ޔޫރަޕުން ދެކެ އެވެ. ޔުކުރެއިންގެ ހަނގުރާމަ ދެމެހެއްޓުމަށް އެމެރިކާއިން ދެމުން ގެންދާ ބޮޑު އެހީ ޓްރަމްޕުގެ ވެރިކަމުގައި ލިބޭނެކަމުގެ މާބޮޑު އުންމީދެއް ނެތެވެ. ހަމަ އެފަދައިން ޔުކްރޭނުން ރަޝިޔާ އާއެކު ސުލްހަވުމަށް ޓްރަމްޕް ބާރުއަޅުއްވަ އެވެ. އެހެނަސް އެއީ ޔޫރަޕަށް ފަސޭހައިން ގަބޫލުކުރެވޭ ކަމަކަށް ނުވެ އެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތުގައި ވެސް ވަނީ ޓްރަމްޕުގެ ވެރިކަމުގައި ކަންތައް ވެދާނެ ގޮތަކާ މެދު ނުތަނަވަސްކަން އުފެދިފަ އެވެ. ވިޔަފާރީގެ ގުޅުންތައް ގޯސްވެދާނެކަމުގެ ކޮޅުމަތި ފެންނައިރު އިނގިރޭސި ވިލާތުން ގެންގުޅޭ ފޮސިލް ފިއުލް މަދުކުރުމުގެ މަޝަރޫއުތަކަށް ޓްރަމްގެ ހޫނު ހަމަލާތައް އަންނަނީ ލިބެމުންނެވެ.
ކެނެޑާއަކީ އެމެރިކާގެ 51 ވަނަ ސްޓޭޓް ކަމުގައި ހަދަން ފެންނަ ކަމަށް ޓްރަމްޕް ވިދާޅުވުމުގެ ސަބަބުން ކެނެޑާގައި ޓްރަމްޕާ މެދު ވަނީ ނުތަނަވަސްކަން އުފެދިފަ އެވެ. ކެނެޑާގެ އިގްތިސާދީ ސިޔާސަތަށް ފާޑުވިދާޅުވުމުގެ އިތުރުން ކެނެޑާ އެމެރިކާގެ ބަޔަކަށް ހަދަން ޖެހޭކަމަށް ޓްރަމްޕް ވަނީ ކެމްޕޭން ދުވަސްވަރު ވިދާޅުވެފަ އެވެ.
ޓްރަމްޕް ވެރިކަމަށް ވަޑައިގަންނަވަނީ އެމެރިކާ އަލުން ގަދަކުރައްވާނެ ކަމަށް ވިދާޅުވަމުންނެވެ. އެ ސިޔާސަތުގެ ދަށުން ޓްރަމްޕް ގެންގުޅުއްވަން ނިންމަވާފައިވާ އިގްތިސާދީ ސިޔާސަތުގެ ސަބަބުން ޗައިނާ އާއި ޔޫރަޕާއި މެކްސިކޯ ފަދަ ގައުމުތަކާ އޮންނަ ގުޅުމަށް ހީނަރުކަން އައުން ވަރަށް ގާތެވެ.
ފަލަސްތީނުގެ މުސްލިމުންނަށް އިޒްރޭލުން އަނިޔާވެރިވަމުން ދިޔަ ނަމަވެސް އިޒްރޭލަށް ޓްރަމްޕްކުރައްވާ ތާއީދު އިތުރުވެގެން ދާނެ ކަމަށް ފެނެ އެވެ. ޓްރަމްޕުގެ ވެރިކަމުގައި އިޒްރޭލްގައި ހުންނަ އެމެރިކާގެ އެމްބަސީ ވެސް ވަނީ، ހިފާފައިވާ އިރުމަތީ ގުދުސަށް ބަދަލުކުރައްވާފަ އެވެ. އެހެންކަމުން އަލުން ޓްރަމްޕް ވެރިކަމަށް ވަޑައިގެން ފަލަސްތީނާ މެދު އަމަލުކުރައްވާނެ ގޮތް މާ ރަނގަޅު ވާނެ ކަމަކަށް ނުފެނެ އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުން ގެންދާ ހަނގުރާމައާއި ޔޫރަޕްގައި ރަޝިޔާ އާއި ޔުކްރޭންގެ މެދުގައި ކުރެވެމުންދާ ހަނގުރާމަ ފަދަ ނުރައްކާތައް ދުނިޔެއަށް ކުރިމަތިވެފައިވާ ދުވަސްވަރެއްގައި އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕް ވަޑައިގަތުމަކީ ދުނިޔޭގެ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.