އެމެރިކާގެ ލޮސް އެންޖެލަސްގައި އަލިފާނުގެ ގިނަ ހާދިސާތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ހޮލީވުޑްގެ ތަރި ބެން އެފްލެކްގެ ގެއަށް އެފްބީއައި ފުލުހުން ވަދެ ބަލާ ފާސްކޮށްފި އެވެ.

ހަބަރުތައް ބުނާ ގޮތުގައި ބެންގެ ގެއަށް އެފްބީއައި އިން ވަދެފައިވަނީ ކުރިއާލާ އެންގުމެއް ނެތި އެވެ. އެގޮތުން އޭނާގެ ގެއަށް އައި ފުލުހުންގެ ތެރޭގައި އެފްބީއައި ޑިޕާޓްމަންޓްގެ ބައެއް އިސް އޮފިޝަލުން ވެސް ހިމެނެ އެވެ.

އެފްބީއައި ފުލުހުން ކުރިއާލާ އެންގުމެއް ނެތި ބެންގެ ގެއަށް ވަދެފައިވަނީ ކީއްވެ ކަމެއް އެނގިފައިނުވާއިރު މިފަހުން އޭނާއާއި ގާނޫނު ތަންފީޒުކުރާ އިދާރާތަކާމެދު ބައެއް ބައްދަލުވުންތައް ބޭއްވިފައިވެ އެވެ.

އެގޮތުން އެފްބީއައި ފުލުހުން އޭނާގެ ގެއަށް ވަދެގަތުމަށްފަހު އޭގެ ދެ ދުވަހެއް ފަހުން އެ ގޭގެ ބޭރުގައި ތިބި ބައެއް ފުލުހުންނާ ބެން ހިތްހަމަނުޖެހިގެން ވާހަކަދައްކާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފަ އެވެ.

ބެންގެ ގެ ހުންނަނީ އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ސަރަހައްދު ކަމަށްވާ ޕެލިސޭޑްސްގެ ކައިރީގައި ނަމަވެސް އަލިފާނުން އޭނާގެ ގެއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

އެހެން ނަމަވެސް ބެންގެ ކުރީގެ އަންހެނުން ޖެނިފާ ގާނާގެ ގެއަށް އަލިފާނުން ގިނަ ގެއްލުންތަކެއް ލިބުނުއިރު ބެން ވަނީ ޖެނިފާއާއި އެމީހުންގެ ދަރިން ރައްކާތެރި ހިސާބުތަކަށް ދާން އެހީވެދީފަ އެވެ.