އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުކުރު ދުވަހު ބޭއްވި ކެމްޕޭން ޖަލްސާއެއްގައި އީރާނުގެ ރިޔާސަތަށް މަލާމާތްކުރައްވަމުން، އިސްލާމީ ދުނިޔޭގައި 'މުހައްމަދު' މި ނަމުގެ މަގުބޫލުކަމާ ބެހޭގޮތުން ޖޯކު ޖައްސަވައިފި އެވެ.

ޖޯޖިއާގެ ޑޯލްޓަންގައި އެއްވެ ތިބި މީހުންނާ މުހާތަބުކުރައްވަމުން ޓްރަމްޕް ވިދާޅުވީ، މެދުއިރުމަތީގެ މީހެއްގެ ނަމާމެދު ޝައްކު އުފެދޭނަމަ "މުހައްމަދު" އޭ ބުނުމުން އެކަން ރަނގަޅުވުމުގެ 65 އިންސައްތަ ފުރުސަތު އޮންނަ ކަމަށެވެ. އަދި އޭނާ މިހެން ބުނާތާ އަހަރުތަކެއް ވެއްޖެ ކަމަށާއި، ދުވަހަކުވެސް އެކަން ނުބައިނުވާ ކަމަށް އޭނާ ބުންޏެވެ.

'މުހައްމަދު' އަކީ މުސްލިމުންގެ މެދުގައި އެންމެ އާންމު ފިރިހެން ނަމެވެ. މުސްލިމުން ދަރިންނަށް މި ނަން ދީފައިވަނީ މި އުންމަތުމަތުގެ މާތް ނަބިއްޔާ މުހައްމަދު ﷺ އަށް ނިސްބަތްކޮށެވެ.

ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ ނޮވެމްބަރު 3 ގައި ބާއްވާ މިޑްޓާމް އިންތިހާބާ ދިމާކޮށް، ރިޕަބްލިކަން ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ޖޯޖިއާގެ ޑޯލްޓަން މުނިސިޕަލް އެއާޕޯޓުގައި ބޭއްވި އެއްވުމެއްގައި އީރާނާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.

"އީރާނަކީ އެއްވެސް މީހަކު ރައީސްކަން ކުރަން ބޭނުންނުވާ ހަމައެކަނި ގައުމު" ކަމަށް ވިދާޅުވެ، 'މުހައްމަދު' ކިޔާ ބައެއް މީހުންގެ ގާތުގައި އެ މަގާމަށް ދާން ބޭނުންތޯ ސުވާލުކުރާ ކަމަށް ހެދިގެން ޓްރަމްޕް މަލާމާތްކުރެއްވި އެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2024 ވަނަ އަހަރުން ފެށިގެން އީރާނުގެ ރައީސަކީ މަސްޢޫދު ޕެޒެޝްކިއާން އެވެ.

ޖޯޖިއާގެ އެއްވުމުގައި ތިބި މީހުންގެ ފަރާތުން މި ޖޯކަށް ލިބުނީ ވަރަށް ފިނި ތަރުހީބެކެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި މުސްލިމް ޖަމިއްޔާތަކުން ވަނީ، މުސްލިމުންނާއި، ހިޖުރަވެރިންނަށް މަލާމާތްކޮށް، އެމީހުން ބާކީކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ބަހުރުވައަށް ތަކުރާރުކޮށް ފާޑުކިޔާފަ އެވެ.

މިޑްޓާމް އިންތިހާބުގެ ދުވަސްވަރު ސޯމާލީ ދަރިކޮޅުގެ އެމެރިކާ މީހުންނާއި މުސްލިމުންނާ ދެކޮޅަށް އޭނާގެ ބަހުގެ ހަމަލާތައް ވަނީ ވަރުގަދަކޮށްފަ އެވެ. މީގެ ތެރޭގައި މުސްލިމް ޑިމޮކްރެޓިކް ސެނެޓް ކެންޑިޑޭޓް އަބްދުލް އަލް-ސައްޔިދު އާއި، ސޯމާލިއާގެ ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާއަށް އައިސްފައިވާ މިނެސޮޓާގެ މެންބަރު އިލްހާން އުމަރު ހިމެނެ އެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވުމުގެ މަގުސަދުގައި އެމެރިކާއާއި އިޒްރޭލުން ތެހެރާނާ ދެކޮޅަށް ހަނގުރާމަ ފެށިތާ ހަތް މަސް ފަހުން ވެސް، އީރާނަށް ދުވަހަކުވެސް ނިއުކްލިއާ ހަތިޔާރެއް ހޯދުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ޓްރަމްޕް ވަނީ ތަކުރާރު ކުރައްވާފަ އެވެ.

ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސްއިން މިއަހަރު ކުރީކޮޅު ނެރުނު އަހަރީ ރިޕޯޓެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، އެމެރިކާގައި އިސްލާމޯފޯބިއާ އިތުރުވަމުންދަނީ ޓްރަމްޕްގެ ދެވަނަ ދައުރުގައި ހިޖުރަވެރިންނާ ދެކޮޅަށް އެޅުއްވި ހަރުކަށި ފިޔަވަޅުތަކާއި، ފަލަސްތީނަށް ތާއީދުކޮށް ކުރި މުޒާހަރާތަކާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތަކުގެ ސަބަބުންނެވެ.